އިސްލާމިކް ޔުނިވާސިޓީ

އައިޔޫއެމްގެ ބޮޑެތި އަމާޒުތަކެއް: ދަރިވަރުންގެ އަދަދު 5،000 އަށް އިތުރުކުރުން

  • ލެކްޗަރާއިންގެ އަދަދު ތިން ގުނަ އިތުރު ކުރާނެ
  • ޖާގައިގެ ދަތިކަން ހައްލު ކުރަން ބޮޑެތި މަޝްރޫއުތަކެއް
  • މާސްޓާޒް އަދި ޕީއެޗްޑީއަށް ކިޔަވައިދޭން ފަށައިފި

ދެހާސް ވިހިވަނަ އަހަރާ ހަމަޔަށް ގައުމީ އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް)ގެ އަމަލީ މަސައްކަތްތަކާއި ތަސައްވަރުތައް ކަނޑައަޅައި ތައްޔާރުކޮށްފައިވާ ސްޓްރެޓެޖިކް ޕްލޭން (އަމަލީ މަސައްކަތުގެ ޕްލޭން) އިފްތިތާހުކޮށްފި އެވެ.

މިރޭ ނެޝަނަލް އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތެއްގައި އައިޔޫއެމްގެ އަމަލީ މަސައްކަތު ޕްލޭން އިފްތިތާހުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން، ނައިބުރައީސް އަބްދުﷲ ޖިހާދު އެވެ. އައިޔޫއެމްގެ ސްޓްރެޓެޖިކް ޕްލޭންގައި އެ ޔުނިވަސިޓީން ކުރިއަށް އޮތް ފަސް އަހަރަށް ކުރަން ނިންމާފައިވާ ކަންތައްތަކާއި ހާސިލްކުރަން ބޭނުންވާ ގިނަ ލަނޑުދަނޑިތަކެއް ތަފްސީލުކޮށްފައިވެ އެވެ.

މިރޭ އިފްތިތާހުކުރި ޕްލޭނާ ބެހޭގޮތުން، ޕްލޭން އެކުލަވާލުމުގައި ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ޑރ. އަހުމަދު އަލީ މަނިކު ވިދާޅުވީ، އައިޔޫއެމްގެ ސްޓްރެޓެޖިކް ޕްލޭނަކީ ވަރަށް ގިނަ އަދި ވަރަށް ފުރިހަމަ ތަސައްވުރުތަކެއް އޭގައި ހިމެނިގެން ފުރިހަމަވެފައިވާ ޕްލޭނެއް ކަމަށެވެ.

އައިޔޫއެމުން ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ކުރުމަށް އަމާޒު ހިފާފައިވާ ކަންކަމުގެ ތެރޭގައި، 40 އެއްހާ ލެކްޗަރާއިންނާއެކު މިހާރު ކިޔަވައިދެމުންދާ އެ ޔުނިވަސިޓީގެ ލެކްޗަރާއިގެ އަދަދު 90 އަށް އިތުރުކޮށް، އެ އަދަދުގެ 75 ޕަސެންޓް ލެކްޗަރާއިންނަކީ މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވާ ލެކްޗަރާއިންނަށް ހެދުން ހިމެނެ އެވެ. އަދި މިހާރު 3،000 އެއްހާ ކުދިން އެ ޔުނިވަސިޓީގައި ތައުލީމު ހާސިލްކުރަމުންދާއިރު، އެ އަދަދު ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި 5000 އަށް އިތުރުކޮށް، ޔުނިވަސިޓީއިން މާސްޓާސް، އަދި ޕީއެޗްޑީ އަށް ދިޔަވައިދޭން ފެށުން ހިމެނެއެވެ.

"އައިޔޫއެމްގެ ސްޓްރެޓެޖިކް ޕްލޭންގެ މަގްސަދަކީ ޔުނިވަސިޓީއާ މެދު މީހުންގެ ނަޒަރިއްޔާ ބަދަލުކޮށް، ޔުނިވަސިޓީން ފޯރުކޮށްދޭ އަންޑަ ގްރެޖުއޭޓް، ޕޯސްޓް ގްރެޖުއޭޓް ކޮށްތައް އިތުރުކޮށް، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ޔުނިވަސިޓީ އާ އުސްމިންތަކަކަށް ގެންދިއުން؛ މީގެ ތެރޭގައި އިސްލާމިކް ފައިނޭންސްގެ އިލްމު ހަރުދަނާކޮށް ތަރައްގީކުރުމުގައި ނަމޫނާ ދެއްކުމާއި، ބޭރުގެ ދަރިވަރުން ރާއްޖެއަށް ކިޔަވަން އަންނާނެ ފެންވަރަށް ޔުނިވަސިޓީގެ ކިޔެވުން ފުޅާކޮށް، ޑޮކްޓަރޭޓް ލެވެލަށް ކިޔަވައިދޭން ފަށައި މަދުވެގެން ދެ ދަރިވަރަކަށް ޕީއެޗްޑީ ސެޓްފިކެޓް އެވޯޑް ކުރުން ހިމެނޭ،" އިސްލާމިކް ޔުނިވަސިޓީން ބުންޏެވެ.

ވަރަށް ގިނަ ލަނޑުދަނޑިތަކެއް ހާސިލްކުރުމަށް އައިޔޫއެމުން އަޒުމް ހިފާފައިވާއިރު، އެ ޔުނިވަސިޓީގައި މިހާރު ކިޔަވައިދޭ ލެކްޗަރާއިންގެ ތެރޭގައި މިހާރުވެސް ތިބި ގިނަ ލެކްޗަރާއިންނަކީ ޕްރޮފެސަރުންގެ ލެވެލްގެ ބޭފުޅުންކަން ވައިސް ޗާންސެލާ ޑރ. ޝަހީމް އަލީ ސައީދު ވަނީ ފާހަގަކުރައްވާފަ އެވެ.

މިރޭގެ ރަސްމިއްޔާތުގައި އައިޔޫއެމުން ވަނީ އިންސާނީ ހައްގުތަކާބެހޭ ގާނޫނުގެ ދާއިރާ ކުރިއަރުވައި، އެ އިލްމު އުނގަންނައިދިނުމަށް މަސައްކަތްކުރާ ބައިނަލް އަގުވާމީ ޖަމިއްޔާއެއް ކަމަށްވާ އިސްލާމިކް ފޯރަމް އޮފް އިންޓަނޭޝަނަލް ހިއުމެނިޓޭރިއަން ލޯ އާ މެދު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމިކް މިނިސްޓްރީގެ ފަރާތުން ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އެ ޖަމިއްޔާގެ ފަރާތުން ރައީސް ޑރ. ފާއިޒް އައު ސިއްދީގީ އެވެ.

މީގެ އިތުރުން މިރޭގެ ރަސްމިއްޔާތުގައި ވަނީ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުމުގައި މަސައްކަތްކުރެއްވި ޑރ. އަހުމަދު އަލީ މަނިކު އަށް ހަނދާނީ ފިލައެއްވެސް ދެއްވާފަ އެވެ.