ބޭރު ކުޅިވަރު

ޗެލްސީ އަކީ ޗެމްޕިއަންސް ލީގު ކުޅެންޖެހޭ ޓީމެއް: ކޮންޓޭ

ޗެލްސީ އަށް އެންމެ ކަމުދާ ހެދުން ފަހައިދޭނެ ކަމަށާއި ތަށި ހޯދައިގެން މެނުވީ ކާމިޔާބު މީހަކަށް ނުވެވޭނެ ކަމަށް ޗެލްސީގެ އާ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

ނިމިގެންދިޔަ ޔޫރޯގައި އިޓަލީ އަށް ކޯޗުކޮށްދިން ކޮންޓޭ އަކީ އިޓާލިއަން ލީގުގައި ވަރަށް ކާމިޔާބު ކޯޗެކެވެ. ނަމަވެސް އިނގިރޭސި ލީގުގައި ކޯޗުކޮށްދޭން ފެށުމުގެ ކުރިން ޗެލްސީއާ އެކު ބޭއްވި ފުރަތަމަ ޕްރެކްޓިހަށް ފަހު އޭނާ ބުނީ ޕްރެމިއާ ލީގަކީ ވަރުގަދަ ލީގެއް ކަމަށާއި ކާމިޔާބު ހޯދުމަކީ އުނދަގޫ ކަމަކަށްވާނެ ކަމަށެވެ.

"ޗެލްސީ އޮންނަންޖެހޭނީ ޗެމްޕިއަންސް ލީގު ކުޅޭ ހިސާބުގައި. އެހިސާބަށް އަހަރުމެން ދާންޖެހޭ. މި ޓީމު ތަށި ހޯދައިގެން މެނުވީ ކާމިޔާބު ކުލަބަކަށްނުވާނެ. ކާމިޔާބު ހޯދުމަށް އޮތީ މަސައްކަތް ކުރުން،" ހުސްވި ސީޒަނުގެ ގަދަ ހަތަރެއްގައި ނުހިނެމުން މި ސީޒަނުގައި ޗެމްޕިއަންސް ލީގު ކުޅެން ޗެލްސީ އަށް ފުރުސަތު ލިބިފައިނުވާތީވެ އެކަމަށް އިޝާރާތް ކުރަމުން އިޓަލީގެ ކުރީގެ މިޑްފީލްޑަރު ބުންޏެވެ.

ކޮންޓޭ ބުނީ ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި އަދިވެސް ހުންނާނީ ތަޖުރިބާކާރު ޑިފެންޑަރު ޖޯން ޓެރީ ކަމަށާއި އޭނާގެ ޕްލޭނުގައި ޓެރީ އަކީ މުހިންމު މީހެއް ކަމަށެވެ.

އަދި ޗެލްސީ އަށް ކާމިޔާބު ހޯދައިދިނުމަށް މިދިޔަ ސީޒަނުގެ ޕްރެމިއާ ލީގު ލެސްޓާ ސިޓީ އަށް ކާމިޔާބުކޮށްސިން އިޓަލީގެ ކޯޗު ކްލައުޑިއޯ ރަނިއޭރޯގެ ލަފާ ހޯދުމަށް އޭނާ ގާތަށް ޒިޔާރަތްކުރާނެ ކަމަށެވެ.

"ޕްރެޝަރަކީ އަހަންނަށް މުހިންމު އެއްޗެއްނޫން. އަހަރުމެން އަބަދުވެސް އުޅޭނީ ޕްރެޝަރުގައި. އަހަރެން އުފަންވީ ވެސް ޕްރެޝަރުގެ ތެރެއަށް. އެއީ އަހަންނަށް އާއެއްޗެއްނޫން. އަހަރެން ބޭނުންވަނީ އަހަރެންގެ ފިލޯސަފީއާ އެއްގޮތަށް ކުޅުންތެރިން މަސައްކަތް ކުރަން. އަހަންނަށް ޔަގީންކަން އޮވޭ އަހަރެންގެ ޕްލޭނާއެއްްގޮތަށް މަސައްކަތް ކޮށްފިނަމަ ކާމިޔާބު ލިބޭނެ ކަމަށް،" ކޮންޓޭ ބުންޏެވެ.