ގަސްދުގައި މީހަކު މެރިކަމުގެ ކުށް މީހެއްގެ މައްޗަށް ސާބިތުވެ، ސުޕްރީމް ކޯޓުން މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވައިފިނަމަ އެ ހުކުމް ތަންފީޒުކުރުން މިހާރު ރާއްޖޭގެ ގާނޫނުން ލާޒިމް ކުރެ އެވެ. މަރުގެ އަދަބު ދޭން ޖެހެނީ ލީތަލް އިންޖެކްޝަން ޖަހައިގެން ނުވަތަ ދަން ޖައްސައިގެންނެވެ.
މަރުގެ އަދަބު ތަންފީޒުކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ގިނަ މަރުހަލާތަކެއްވެ އެވެ. އެ މަރުހަލާތައް ބަޔާންކޮށް 2014 ވަނަ އަހަރު ގަވައިދެއް ވެސް ވަނީ އެކުލަވާލާފަ އެވެ. “ގަސްތުގައި މީހަކު މެރުމުގެ ކުށް ތަހުގީގުކުރުމުގައާއި އެކުށުގެ އަދަބު ތަންފީޒުކުރުމުގައި އަމަލުކުރަންވީގޮތުގެ ގަވާއިދު” އަކީ ފުލުހުންގެ ގާނޫނު އާއި ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން އެކުލަވާލައިފައިވާ ގަވާއިދެކެވެ.
މަރުހަލާތައް!
މި ގަވާއިދުގައިވާ ގޮތުން މަރާލެވިފައިވާ މީހާގެ ވާރިސުންގެ ފަރާތުން ޝަރީއަތުގައި ބަހެއް ހޯދުމުގެ ކުރިން، އިސްލާމްދީނުގައި އެކަން އޮންނަ ގޮތް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ ފަރާތްތަކަށް އޮޅުން ފިލުވަދޭންވާނެ އެވެ. މަރުގެ އަދަބު ތަންފީޒުކުރުމުގެ ކުރިން، ކުށް ސާބިތުވެފައިވާ މީހާއާއި މަރާލެވިފައިވާ މީހާގެ ވާރިސުންނާ ދެމެދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ކަނޑައަޅާ ފަރާތެއް މެދުވެރިކޮށް މީޑިއޭޓްކުރަންވާނެއެވެ.
ކުށް ސާބިތުވެފައިވާ މީހާގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރެވޭނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ އިޖުރާއަތުތަކާ އެއްގޮތަށް އަދި ގާނޫނީ ގޮތުން ހުރިހާ ކަމެއް ފުރިހަމަވެފައިވާކަން އެނގޭ ލިޔުމެއް ޕްރޮސެކިއުޓާ ޖެނެރަލް، އުއްތަމަ ފަނޑިޔާރު ނުވަތަ އުއްތަމަ ފަނޑިޔާރު ކަނޑައަޅާ ފަރާތެއްގެ އިތުރުން ކޮމިޝަނާ އޮފް ޕްރިޒަންސް އެކުލެވޭ ކޮމިޓީއަކުން ސޮއިކޮށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވަން ޖެހެ އެވެ. އަދި މި ލިޔުން ލިބޭތާ ތިން ދުވަހުގެ ތެރޭގައި، ކުށް ސާބިތުވެފައިވާ މީހާގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރުމުގެ އަމުރެއް ރައީސުލްޖުމްހޫރިއްޔާ ކޮމިޝަނާ އޮފް ޕްރިޒަންސްއަށް ފޮނުވަން ޖެހެ އެވެ.
މަރުގެ އަދަބު ތަންފީޒުކުރަންވާނީ މަތީގައި ބަޔާންކުރެވިފައިވާ ލިޔުން ކޮމިޝަނާ އޮފް ޕްރިޒަންސްއަށް ލިބޭތާ ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި ކޮމިޝަނާ އޮފް ޕްރިޒަންސް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކަނޑައަޅާ ޑޮކްޓަރަކު، ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ކަނޑައަޅާ ގާނޫނީ ވަކީލަކު އަދި ކޮމިޝަނާ އޮފް ޕްރިޒަންސް ކަނޑައަޅާ އާންމުންގެ ތެރެއިން ތިން މީހުންގެ ހާޒިރުގައެވެ. ނަމަވެސް، މަރުގެ ހުކުމް ތަންފީޒުކުރާ ދުވަހު، އެ ހުކުމް ތަންފީޒުކުރުމުގެ ކުރިން، މަރާލެވިފައިވާ މީހާގެ ވާރިސުންގެ ބަހެއް ހޯދަން ޖެހޭނެ ކަމަށް ވެސް ގަވާއިދު މަރުހަލާއެއްގެ ގޮތުގައި ބަޔާންކޮށްފައިވެ އެވެ. މަރުގެ އަދަބު ތަންފީޒުކުރާނީ ޖަލުގައި އެކަމަށް ހާއްސަކޮށްފައިވާ ވަކި ތަނެއްގައެވެ.
ވާރިސުންގެ ބަހެއް ހޯދުން
ގަވާއިދުގައިވާ ގޮތުން ހުރިހާ މަރުހަލާތަކެއް ފުރިހަމަވުމަށްފަހު، ކުށްވެރިޔާގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުމަށް ހަމަޖެހިފައިވާ ދުވަހު، މަރުގެ އަދަބު ތަންފީޒުކުރުމުގެ ކުރިން މަރާލެވިފައިވާ މީހާގެ ވާރިސުންގެ ބަހެއް ހޯދުމަށް އެކަށީގެންވާ މަސައްކަތްކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް ލާޒިމްވެގެންވެއެވެ. އަދި މަރުގެ އަދަބު ތަންފީޒުކުރުމުގެ ކުރިން، ކުށް ސާބިތުވެފައިވާ މީހާއާއި މަރާލެވިފައިވާ މީހާގެ ވާރިސުންނާ ދެމެދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ކަނޑައަޅާ ފަރާތެއް މެދުވެރިކޮށް ކުރާ މީޑިއޭޝަން އާއި މަރުގެ ހުކުމް ތަންފީޒުކުރާ ދުވަހު މަރާލެވިފައިވާ މީހާގެ ވާރިސުންގެ ބަހެއް ހޯދުމާ ދެމެދު މަދުވެގެން ދިހަދުވަސް ހޭދަވާން ޖެހެ އެވެ.
ކުށް ސާބިތުވެފައިވާ މީހާގެ އަތުން ވާރިސުން މަރުގެ ދިޔަ އަތުލުމަށްފަހު މައާފު ދީފިނަމަ ނުވަތަ މަރުގެ ދިޔައަކާ ނުލައި މައާފު ދީފިނަމަ، މަރުގެ ހުކުމް ތަންފީޒުނުކޮށް، އެކަން ސުޕްރީމް ކޯޓަށް އަންގަން ޖެހެ އެވެ. އަދި ސުޕްރީމް ކޯޓުން އެހެންގޮތަކަށް ނާންގާހައިހިނދަކު، ކުށް ސާބިތުވެފައިވާ މީހާގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްގެން ނުވާނެ އެވެ. އެގޮތުން މަރާލެވިފައިވާ މީހާގެ ވާރިސުންގެ ތެރެއިން އެންމެ ވާރިސެއް މައާފުކުރިކަމުގައިވިޔަސް، މަރުގެ އަދަބު ތަންފީޒުނުކުރެވޭނެ އެވެ. އަދި ސުޕްރީމް ކޯޓަށް މިގޮތަށް އެންގުމުން، އެ ކޯޓުން ކުށް ސާބިތުވެފައިވާ މީހާގެ މައްޗަށް އެހެން އަދަބެއް ކަނޑައެޅުމުގެ ފުރުސަތުވެސް ލިބިގެންވެއެވެ.
މަރުގެ އަދަބު ނުދީ ފަސް ކުރެވޭނެ ގޮތްތައް
- 18 އަހަރު ނުފުރޭ ކުޑަ ކުއްޖެއްނަމަ، 18 އަހަރު ފުރެންދެން
- ކުށް ސާބިތުވެފައިވާ މީހާއަކީ މާބަނޑު މީހެއްނަމަ، އޭނާގެ ބަނޑުގައިވާ ދަރިފުޅު ވިހައި، ދަރިފުޅަށް ދެ އަހަރު ވަންދެން
- ކުށް ސާބިތުވެފައިވާ މީހާއަކީ މާބޮޑަށް ބަލި ހާލު ދެރަވެފައިވާ މީހަކުކަމުގައިވާނަމަ، އެމީހަކު ގަދަވަންދެން
މަތީގައި ބަޔާންކުރެވިފައިވާ ހާލަތްތަކުގައި މަރުގެ ހުކުމް ތަންފީޒުކުރުން ފަސްކުރެވިއްޖެ ހާލަތުގައި، ކުށް ސާބިތުވެފައިވާ މީހާ ނުވަތަ ކުއްޖާ ބަހައްޓަން ވާނީ އެހެން ކުށްވެރިންނާ އެކަހެރިކޮށް ޖަލުގަ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ. ނަމަވެސް ކުށް ސާބިތުވެފައިވާ މީހާއަކީ މާބަނޑު މީހެއް ނަމަ ނުވަތަ މާބޮޑަށް ބަލި ހާލަތް ދެރަވެފައިވާ މީހެއްނަމަ، އޭނާގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރެވެންދެން ބަހައްޓާނީ، އޭނާގެ ހާލަތް ރިއާއަތްކޮށް އެފަދަ މީހަކު ބެހެއްޓުމަށް އެކަށީގެންވާ ތަނެއްކަމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ކަނޑައަޅާ ތަނެއްގަ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ދެ މީހެއްގެ މައްސަލާގައި މި މަރުހަލާތައް ފުރިހަމަކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެއީ މަރުގެ ހުކުމް ސުޕްރީމް ކޯޓުން އިއްވާފައިވާ ޑރ. އަފްރާޝިމް އަލީގެ ގާތިލް ހ. ލޮބީ ހުސެއިން ހުމާމާއި 2012 ވަނަ އަހަރު ގާނޫނީ ވަކީލް އަހުމަދު ނަޖީބު މަރާލި ކަމުގެ ކުށް ސާބިތުވި މ. މަސްރޫރާ، މުއްރަތެވެ. ރާއްޖޭގައި އެންމެ ފަހުން މަރުގެ ހުކުމެއް ތަންފީޒުކޮށްފައިވަނީ 1953 ވަނަ އަހަރުގަ އެވެ. އެމީހާއަކީ އެންމެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީ އަވަހާރަކޮށްލުމަށް ސިހުރު ހެދި ހަކީމް ދީދީ އެވެ.
މިހާ ދުވަހަަށް ފަހު މި ހުކުމް ތަންފީޒު ކުރުމަށް ސަރުކާރުން ތައްޔާރުވެފައިވާ އިރު، މިކަމަށް ގިރާކުރަން ޖެހޭ މަރުހަލާތައް ވަރަށް ވެސް ދިގެވެ.