ހަބަރު

ބަގާވާތްކުރުން ބަލައެއް ނުގަންނަން: ޑިފެންސް މިނިސްޓަރު

އެއްވެސް ތަނެއްގައި އެއްވެސް ބަޔަކު ހިންގާ ބަޣާވާތަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރާއްޖޭގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިހެން ވިދާޅުވީ، ތުރުކީގެ އަސްކަރިއްޔާގެ ބައެއް ޔުނިޓްތަކުން އެ ގައުމު ސަރުކާރު ވައްޓާލުމަށް ރޭ ބަޣާވާތެއް ކޮށްފައިވާތީ އެކަމަށް އީޝާރާތް ކުރައްވައި މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ތުރުކީ ހާލަތާމެދު ކަންބޮޑުވެ ހިތާމަކުރައްވާ ކަމަށާއި އެއްވެސް ބަޔަކު އެއްވެސް ތަނެއްގައި ހިންގާ ބަގާވާތަކީ އެއްވެސް ގޮތަކުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މިނިސްޓަރު މިގޮތަށް ޓްވީޓް ކުރެއްވުމުން، ގިނަ ބަޔަކު ވަނީ މިނިސްޓަރާ ސުވާލުތަކެއް އަމާޒުކޮށް ފާޑު ކިޔައިފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިޔައީ، ސިފައިންނާއި ފުލުހުން ހިންގި ބަގާވާތެއްގެ ސަބަބުން ކަމަށް އެމްޑީޕީ އާއި އެހެންވެސް އިދިކޮޅު ފަރާތްތައް ތުހުމަތު ކުރާއިރު، އެ ދުވަހު މިނިސްޓަރު ހަނު ހުންނެވީ ކީއްވެތޯ ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ، އެ ދުވަހު ހިނގައިގެން ދިޔަ ކަންތައްތަކަށް އެމަނިކުފާނު އެއްވެސް ވަރަކަށް ހިތްވަރު ނުދެއްވާ ކަމަށެވެ.

ބަޣާވާތް ކުރި ސިފައިންނާ ދެކޮޅަށް ނުކުތުމަށް އެގައުމުގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުގާން ގޮވާލެއްވުމާއެކު ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މަގުތަކަށް ނުކުމެ ސިފައިންނާ ކުރިމަތިލާފަ އެވެ. ބަޣާވަތްކުރި ސިފައިންނާއި އަދި އަރުދުގާން އަށް ވަފާތެރި މީހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި 60 މީހަކު މަރުވެފައިވާ ކަމަށް ތުރުކީ އިން ހާމަ ކުރެ އެވެ. އޭގެ ތެެރޭގައި ގިނައީ އާންމުންނެވެ. ބަޣާވާތުގައި ބައިވެރިވި، 1،000 އަށް ވުރެ ގިނަ ސިފައިންގެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އަސްކަރިއްޔާގެ 29 ކާނަލުންނާއި ފަސް ޖެނެރަލަކު ވަނީ މަގާމުތަކުން ވަގުތީ ގޮތުން އެއްފަރާތްކޮށްފަ އެވެ. އަދި އެގައުމުގެ ސިފައިންގެ އިސްވެރިއަކަށް ވަގުތީ ގޮތުން ވަނީ އާ ބޭފުޅަކު އައްޔަންކޮށްފަ އެވެ.

ސަޕޯޓަރުންނާ މުހާތަބު ކުރައްވާ، އުރުދުގާން މިއަދު ވިދާޅުވެފައިވަނީ، ބަޣާވާތް ނިމުމަކަށް ގެނެސް ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް މިހާރު ނަގާފައިވާ ކަމަށެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ބަޣާވާތް ރޭވުމުގެ އަޑީގައި ތިބީ، އަމިއްލައަށް އަރުވާލެވިގެން އެމެރިކާގެ ހިމާޔަތުގައި ދިރިއުޅުއްވާ އެ ގައުމުގެ ދީނީ ލީޑަރެއް ކަމަށްވާ ފެތުހުﷲ ގުލެން އެވެ. އެހެން ނަމަވެސް ގުލެން ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ.

އިންޓަނެޓްގައި އާންމުވެފައިވާ ވީޑިއޯތަކުން ވެސް ފެންނަ ގޮތުގައި އިސްތަންބޫލަށް ވަންނަން އޮތް މައި ބްރިޖް ބަންދުކޮށްލައިގެން ތިބި ސިފައިން ވަނީ އަމާންދީ ފުލުހުންނާ ހަވާލުވެފަ އެވެ. އަދި ބައެއް ތަންތަން ހިސޯރުކޮށްގެން ތިބި ސިފައިން ވެސް އަމިއްލައަށް ވަނީ ފުލުހުންނާ ހަވާލުވެފަ އެވެ. އަދި މަގުމައްޗަށް ނިކުތް ގިނަ ޓޭންކްތައް ވެސް ދޫކޮށް ސިފައިން ވަނީ ފިލައިފަ އެވެ.