ހަބަރު

ދުން އަރާ ސަރަހައްދުން ސާމްޕަލް ނަގައި ތަހުލީލުތައް ފަށައިފި

މ. މުލަކު ސޯސަންގެ ދޮރާށި ކައިރި ބިމު އަޑިން އާދަޔާ ހިލާފަށް ދުން އަރާތީ އެ ސަރަހައްދުން ސާންޕަލްތައް ނަގައި ތަހުލީލުތައް ފަށައިފި އެވެ. އެ ސަރަހައްދުގެ ފެނާއި ވެލި އަދި ތަޅުގަނޑުން ވަނީ ސާންޕަލްތައް ނަގާފަ އެވެ.

މ. މުލަކު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ނިޒާރު އަވަސްއަށް ވިދާޅުވީ، އެ ސަރަހައްދުން ދުން އަރާކަން މިއަދު ފުލުހުންނަށް މެންދުރުފަހު ހުށަހަޅާފައިވީ ނަމަވެސް އެ ގޭ މީހުންނަށް އެކަން މީގެ ދެތިން ދުވަހެއް ކުރިން ފާހަގަވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، މިހާރު އެ ސަރަހައްދު ކޯޑަންކޮށް ފުލުހުންނާއި ކައުންސިލުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ނިޒާރު ވިދާޅުވީ، އެމްއެންޑީއެފާއި ޑިޒާސްޓާ މެނޭޖުމެންޓުން އެ ކައުންސިލަށް އަންގަމުންދާ ހުރިހާ ކަމެއް ކުރަމުން އަންނަ ކަމަށާއި އެ ރަށުގައި އެމްއެންޑީއެފްގެ ކަމާ ބެހޭ އެއްވެސް މީހެއް ނެތް ކަމަށެވެ. އެހެންވެ، އެ ސަރަހައްދުން ސާންޕަލްތައް ނަގައި ފުލުހުން ތަހުލީލުކުރަން ފަށާފައިވާއިރު ޑިޒާސްޓާއިން އަންގައިގެން އެ ސަރަހައްދުގެ ފިނިހޫނުމިން ވެސް ވަނީ ބަލާފަ އެވެ. ނިޒާރު ވިދާޅުވި ގޮތުގައި އެ ސަރަހައްދުގައި ފިނިހޫނުމިން ހުރީ 63 ޑިގްރީ ސެލްސިއަސްގަ އެވެ.

އެ ސަރަހައްދުން ދުން އަރާތީ އެންމެ ފުރަތަމަ ބެލީ އެއީ ކަރަންޓުގެ މައްސަލައެއްގެ ސަބަބުން ދިމާވާ ކަމެއްތޯ ޔަގީން ކުރުމަށް ކަމަށް ނިޒާރު ވިދާޅުވި އެވެ. ނަމަވެސް ފެނަކައިގެ މީހުން ގެނެސްގެން ބެލިބެލުމުން އެއީ ކަރަންޓުގެ މައްސަލައެއް ނޫންކަން އެނގިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ގޭގައި ވެސް ކަރަންޓު އެބަހުރި ކަމަށް ނިޒާރު ވިދާޅުވި އެވެ.

ކަރަންޓުގެ މައްސަލައެއް ދިމާވިނަމަ ރަށުގެ ކޮންމެވެސް ސަރަހައްދަކުން ކަރަންޓު ކެނޑުނީސް ކަމަށާއި ނަމަވެސް އެއްވެސް ސަރަހައްދުން ކަރަންޓު ކެނޑިފައިނުވާ ކަމަށް ވެސް ނިޒާރު ވިދާޅުވި އެވެ. އަދި އެގެއަށް ކަރަންޓް ލާފައިވާ މައި ކޭބަލްގައި ވެސް އެއްވެސް މައްސަލައެއް ނެތް ކަމަށް ވިދާޅުވި އެވެ.