ހަބަރު

އިއްތިހާދުގެ ޖަލްސާއަށް ގޮވި ޕިކަޕް ހުއްޓުވައިފި

އިދިކޮޅު އިއްތިހާދުން ބާއްވާ ޖަލްސާއަށް މީހުން އެއްވުމަށް ގޮވާލައި އަޑުގަދަ ކުރަމުން ދިޔަ ޕިކަޕެއް ހުއްޓުވައި އިއްތިހާދުގެ ތަރުޖަމާނު އަހުމަދު މަހުލޫފް އަދި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސަ ހައްޔަރުކުރުމަށް ފަހު ދޫކޮށްލައިފި އެވެ.

ދަތުރުވެރިންގެ މާރުކޭޓް ކައިރީގައި ޓްރެފިކަށް އުނދަގޫވާ ގޮތަށް އެ ޕިކަޕް މަޑުކޮށްގެން ޖަލްސާއަށް ދިޔުމަށް ގޮވާލަމުން ދަނިކޮސް، ފުލުހުން އެ ސަރަހައްދަށް ގޮސް އެ ޕިކަޕް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ޕިކަޕް ފުލުހުންގެ ދަށަށް ގެންދިޔައީ އޭގައި ހުރި ސައުންޑް ސިސްޓަމާ ވެސް އެކުގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޕިކަޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ހުއްދަ ނުހޯދާ މާލޭގެ މަގުތަކުގައި އަޑުގަދަކުރަމުންދާތީ ކަމަށެވެ. މަހުލޫފާއި އީސަ ހައްޔަރުކުރީ ފުލުހުން ބުނި ގޮތުގައި އަޑުގަދަކުރުން ހުއްޓުވުމަށް ފުލުހުން ކުރި މަސައްކަތަށް ހުރަސް އެޅުމުން ކަމަށެވެ.

މަހުލޫފާއި އީސަގެ އިތުރުން އެ ޕިކަޕް ދުއްވި ޑްރައިވަރު ވެސް ހައްޔަރުކުރި އެވެ. މި ތިން މީހުން ވެސް މިހާރު ވަނީ ދޫކޮށްލާފަ އެވެ.

މާލޭގެ މަގުތަކުގައި އަޑުގަދަކޮށް އެނައުންސްމަންޓް އިއްވާ ނަމަ އެކަމަށް ދުރާލާ ހުއްދަ ނަގަން ޖެހޭ ކަމަށް ގާނޫނުގައިވެ އެވެ. އަދި ހައުސިން މިނިސްޓްރީ އިން ދާދި ފަހުން ބުނެފައި ވަނީ، އިދިކޮޅު އިއްތިހާދަކީ އެއްވެސް ގާނޫނީ ހައިސިއްޔަތެއް ލިބިފައިވާ ޖަމާއަތެއް ނޫން ކަމަށާއި އެފަދަ ބަޔަކަށް ހަރަކާތްތައް ހިންގުމުގެ ހުއްދަ ނުދެވޭނެ ކަމަށެވެ. އަދި އިއްތިހާދުގެ ހަރަކާތެއް ބޭއްވުމަށް އެމްޑީޕީގެ ނަމުގައި ކާނިވާ ސަރަހައްދު ނެގުމުން ހައުސިން މިނިސްޓްރީ އިން ވަނީ އެ ހުއްދަ ބާތިލްކޮށްފަ އެވެ.