ހަބަރު

ސުނާމީ ބިނާ މައިޒާނުގައި އަނެއްކާވެސް ދޯންޏެއް ޖެހި، ގެއްލުންވެއްޖެ

ތިންރުށް ޕާކްގައި ހަދާފައިވާ ސުނާމީ ބިނާ މައިޒާންގައި ދޯންޏަކުން ޖެހި އަނެއްކާ ވެސް އެތަނަށް ގެއްލުންތަކެއް ލިބިއްޖެ އެވެ.

މިއަދު ހައުސިން މިނިސްޓްރީގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، މާލެ ފަޅުތެރެއަށް ވަންނަން އައި ދޯންޏެއް ސުނާމީ ބިނާ މައިޒާންގެ ފެންސްގައި ޖެހިފައިވާ ކަމަށެވެ. އަދި އެ ޓްވީޓްގައި އާންމު ކުރި ފޮޓޯއަކުން ފެންނަ ގޮތުގައި އެކަމުގެ ސަބަބުން އެ ބިނާގެ ފެންސް ހަރުކޮށްފައިވާ އެއްގަމު ތޮށިގަނޑުގައި ރެނދުުލައި ފެންސްގެ ބައެއް ވަނީ ބަނޑިވެފަ އެވެ.

މިއީ އެ މައިޒާނު އަލަށް ހަދައި ހުޅުވިފަހުން ދޯންޏަކުން ޖެހި އެ މައިޒާނަށް ގެއްލުންވި ތިންވަނަ ފަހަރެވެ.

މީގެކުރިން މިދިޔަ މެއި މަހުގެ 20 ވަނަ ދުވަހުގެ ރޭ މާލޭ ފަޅު ތެރެއަށް ވަންނަން އައި ފެރީއަކުން ޖެހި ސުނާމީ ބިނާގެ މައިޒާންގެ ބޭރު ތޮށިގަނޑުގެ ފެންސަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފައިވެ އެވެ. އަދި މެއި މަހުގެ 22 ވަނަ ދުވަހުގެ ރޭވެސް މާލޭ ފަޅު ތެރެއަށް ވަންނަން އައި ދޯންޏެއް ޖެހި ސުނާމީ ބިނާ މައިޒާންގެ ބޭރު ތޮށިގަނޑުގައި ޖަހާފައިވާ ފެންސަށް ވަނީ ގެއްލުންތަކެއް ލިބިފައި ވެއެވެ.

ސުނާމީ ބިނާ މައިޒާނަށް ގެއްލުންތަކެއް ލިބުނު ފަހުން ކޮންޓެއިނާ އުފުލާ ވެހިކަލަކުން ޖެހުމުގެ ސަބަބުން ހާބަރު ސަރަހައްދުގައި ހަދާފައިވާ ރައިވެރިބޭ މައިޒާނަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފަ އެވެ. ނަމަވެސް އެތަން މިހާރުވަނީ މަރާމާތުކޮށް ނިންމައި އިތުރު ވަސީލަތްތަކާއެކު ބޭނުން ކުރަން ހުޅުވާލާފަ އެވެ.

މީގެކުރިން އެ މައިޒާނަށް ލިބުނު ގެއްލުންތައް އަދިވެސް ވަނީ މަރާމާތުނުކޮށެވެ. ސުނާމީ ބިނާ މައިޒާންގެ ފެންސް މަރާމާތު ނުކުރެވި ވާއިރު އެތާ ޖަހާފައި ހުރި ބައެއް ބޮކި ވެސް މިހާރު ނުދިއްލެ އެވެ. އެ މައިޒާން ހެދުމަށް އަށް މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު ގިނަ ބަޔަކު ހިތްހަމަ ޖައްސާލަން އެ ސަރަހައްދަށް ޒިޔާރަތް ކުރެ އެވެ.