ރާއްޖެ ކުޅިވަރު

އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ އެއްވަރުވެ މާޒިޔާ ހިނިތުންވެއްޖެ

ޔުނައިޓަޑް ވިކްޓަރީ އާއި އީގަލްސް އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި މިރޭ 1-1އިން އެއްވަރުވުމުން މާޒިޔާ އަށް ހިނިތުންވެއްޖެ އެވެ.

މިރޭގެ މެޗު އެއްވަރުވުމުން ދެ ވަނާގައިވާ އީގަލްސް އާއި އެއްވަނާގައިވާ މާޒިޔާގެ ފަހަރު ވަނީ ތިން ޕޮއިންޓަށް އަދި ޔުނައިޓެޑް ވިކްޓަރީއާ ދެމެދު އޮތް ފަރަގު ވަނީ ހަތަރު ޕޮއިންޓަށް ފުޅާވެފަ އެވެ.

މާޒިޔާ އެއްވަނާގައިވަނީ 17 ޕޮއިންޓާއެކުގަ އެވެ. އީގަލްސް އަށް ލިބިފައިވަނީ 14 ޕޮއިންޓެވެ. ޔުނައިޓެޑް ވިކްޓަރީ އަށް 13 ޕޮއިންޓެވެ. ހަތަރުވަނާގައިވާ ވެލެންސިއާ އަށް 12 ޕޮއިންޓް، ޓީސީ އަށް 11 ޕޮއިންޓް އަދި ނިއުރޭޑިއަންޓަށް 10 ޕޮއިންޓެވެ.

މިރޭގެ މެޗުގައި އީގަލްސް އަށް ލީޑް ނަގައިދިނީ މިދިޔަ ހަފުތާގައި އެ ޓީމާ ގުޅުނު މާޒިޔާގެ ކުރީގެ ފޯވަޑް މެސަޑޯނިއާގެ ރިސްޓޭ ނައުމޯވްއެވެ. މެޗްގެ ތިން ވަނަ މިނެޓްގައި އީގަލްސްއަށް ލީޑް ނަގައިދިނީ އޭނާ އެނބުރި ގަލޮޅު ދަނޑަށް އައިސް، ގޯލާ އަމާޒުކޮށް ފޮނުވާލި ފުރަތަމަ ބޯޅައިންނެވެ.

ދެ ވަނަ ހާފުގައި ޔުނައިޓެޑް ވިކްޓަރީ ވަނީ ކުޅުން ރަނގަޅުކޮށް، އީގަލްސްގެ ގޯލަށް ނުރައްކާކޮށްފައެވެ. އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ޕެނަލްޓީ އޭރިއާގެ ބޭރުން ފޮނުވާލި ހަމަލާއިން ކާމިޔާބު ކުރީ، ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ނިކުތް އިބްރާހިމް ޝަފްރާޒްއެވެ.

އެ ލަނޑަށް ފަހު، އީގަލްސްގެ މުހައްމަދު ސެޑިކްއާ ޔޫވީގެ ކުޅުންތެރިޔަކާ ދެމެދު ކުރިމަތި ލުމެއް ހިނގައި، މެޗް ކޮންމެވެސް ވަރަކަށް ހޫނުވިއެވެ. އޭގެ ކުރިން ރީނދޫ ކާޑެއް ދައްކައިފައިވާ ސެޑިކްގެ އަމަލުތަކާ ހެދި، އީގަލްސްގެ ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) ވަނީ އޭނާ ބަދަލުކޮށްފައެވެ.

މެޗްގެ 82 ވަނަ މިނެޓްގައި އޭނާގެ ބަދަލުގައި ކުޅެން އެރި އަންސަރު އިބްރާހިމް (އަންކޮ) ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ލިބުނެވެ. ނަމަވެސް މުޅި ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ދަނޑި މަތިން ބޭރަށެވެ.

ލީގުގައި ދެން މެޗެއް ކުޅޭނީ މި މަހު 20 ވަނަ ދުވަހު ހަވީރުއެވެ. ބައްދަލު ކުރާނީ ޓީސީ އައި ވިކްޓަރީ އެވެ.