ދިވެހި ސިނަމާ

އަމްޖޭ ރޭޓްކުރާނީ ކިހާ ވަރަކުން؟

ޑައިރެކްޓަރު އަމްޖަދު އިބްރާހީމު (އަމްޖޭ) ގެ މި ވާހަކަ އޭނާގެ ވާހަކައަކުން ފަށަމާ ހިނގާށެވެ.

"ސިފައިންގޭ ފިހާރައިގައި ހައެއްކަ އަހަރު އުޅުނިން ސޭޓަކަށް. އެހެންވީމަ ވަރަށް މޮޅުވާނެ މީހުންގެ ބޮލުގައި އެއްޗެހި އަޅުވަން،" މިއީ ތަންކޮޅެއް ކުރިން ދިން އިންޓަވިއުއެއްގައި އަމްޖޭ ބުނި ވާހަކަ އެކެވެ.

މީގެ މާނަ ތަފުސީރުކޮށް ނުދިނަސް، އަމްޖޭ އެ ބުނި އެއްޗެއްގެ މާނަ އެންމެނަށް ވެސް އެނގޭނެ ކަމަށް ނިންމާށެވެ.

އަމްޖޭގެ ކެރިއަރުގެ ވަރަށް ޝަރަފްވެރި ނަމްބަރެއްގެ މަސައްކަތް ކުރިއަށް ދަނީ އެވެ. އޭނާ އެ ގެންދަނީ 50 ވަނަ ފިލްމު ޑައިރެކްޓްކުރަމުންނެވެ. އެހެންވީމަ އަމްޖޭގެ އާދަޔާހިލާފު މި ކެރިއަރުގެ ވާހަކަ ދައްކަން މިއަށް ވުރެ މުނާސަބު ދުވަސްކޮޅެއް އަންނާނެ ހެއްޔެވެ؟

ނަމަވެސް ބައެއް މީހުން ބުނެފާނެ އެވެ. އަމްޖޭ އަކީ ދެން މާ މޮޅު ޑައިރެކްޓަރެއް ހެއްޔެވެ؟ ތިޔަގޮތަށް ކޮންމެ މީހަކު ވެސް އެއްހާސް ފިލްމު ވެސް ޑައިރެކްޓްކޮށްފާނެ އެވެ. މިއީ އަމްޖޭގެ ކެރިއަރަށް މަލާމާތްކުރާ މީހުންގެ ރާގު ހުންނަ ގޮތެވެ. 

އެކަމަކު މީގެ ތެރެއިން ބައެއް މީހުން، ނޭނގި ނަމަވެސް އަމްޖޭގެ މަސައްކަތްތަކަށް ހިތްކިޔައިގެން އުޅޭތަން ވެސް ފެނެ އެވެ. މިސާލަކަށް ނައިފަރު ދޮހޮއްކުގެ "މަސްލަހަތު ނެތް އަނބިން" އަށް އަމްޖޭ 1994 ވަނަ އަހަރު ޑައިރެކްޓްކޮށްފައިވާ ވީޑިއޯ އެވެ.

އެއީ އަމްޖޭގެ އަލަތު ޑައިރެކްޝަން ވެސްމެ އެވެ. މި ވީޑިއޯ ލަވަ ނުބަލާ އަދި އެއަށް ހިތްބަންޑުން ނުވާ ދިވެއްސަކު ހުރިހެންނެއް ހީއެއް ނުވެ އެވެ. މިހެން ބުނީމަ ބައެއް މީހުން ބުނެފާނެ އެވެ. މޮޅީ އެ ވީޑިއޯއެއް ނޫނެވެ. ދޮހޮއްކުބޭގެ ލަވަ އެވެ.

އެކަމަކު އޭރަށް ބަލާނަމަ އެއީ ހަމަ ކްލެސިކެކެވެ. އަނެއްކޮޅުން، އެ ވީޑިއޯ ލަވަ، އަދިވެސް މުސްކުޅި ނުވެ އެ އޮތީ ނޫން ހެއްޔެވެ؟

އެހެންވީމަ އަމްޖޭ އަށް ދޭނީ ކިތައް ތަރި ހެއްޔެވެ؟

މެކުހަށް ޖަހާފައިވާ އޭނާގެ 50 ވަނަ ޑައިރެކްޝަނަކީ "ގިލަން" އެވެ. މިއީ ކިޔުންތެރިންގެ މެދުގައި މަގްބޫލު މުހައްމަދު ގާސިމްގެ މަޝްހޫރު ވާހަކަ އެކެވެ. ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ބިރުގެންނުވި އަދި އެމީހުންގެ ހިތް ވެސް އަތުލި ވާހަކަ އެކެވެ.

ފާހަގަކޮށްލަން ޖެހޭ އަނެއް ކަމަކީ އަމްޖޭގެ މި ހާއްސަ ނަމްބަރު ގާސިމްގެ މަޝްހޫރު ވާހަކައަކުން ފުރިހަމަކުރާއިރު އަމްޖޭގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ވެސް އުފައްދާފައިވަނީ ގާސިމްގެ ވާހަކައަކަށް ކަމެވެ. އެއީ ޝޯތަކުން މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ނެގި ކަމަށް އިއުލާނުކުރި ބިރުވެރި ފިލްމު "އުދަބާނި" އެވެ.

އެހެންވީމަ ގާސިމްގެ ލޯބީގެ ބިރުވެރި ވާހަކަ އަކަށް އަމްޖޭގެ 50 ވަނަ ފިލްމު ޑައިރެކްޓްކުރުމަކީ ރަނގަޅު ފާލެއް ކަމަށް ގަބޫލުކުރަމާ ހިނގާށެވެ.

އަނެއްކޮޅުން މި ފިލްމުގައި ލީޑް ރޯލު ކުޅޭ ފަރާތަކީ ވެސް އަމްޖޭގެ އާދަޔާހިލާފު ކެރިއަރުގެ ނިކަން ހާއްސަ މޫނެކެވެ. އެއީ ޔޫސުފް ޝަފީއު ނުވަތަ އެންމެންގެ ޔޫއްޕެ އެވެ.

ޔޫއްޕެ އަކީ ވެސް އަމްޖޭ "ގުރުބާންވެގެން" ފިލްމީ ދާއިރާ އަށް ނެރެދިން މޫނެކެވެ. އަމްޖޭއެއް ނެތި އަހަރެމެންނަށް ޔޫއްޕެއެއް ވެސް ނުލިބުނީހެވެ.

އަމްޖޭގެ ކާމިޔާބު ފިލްމު "ގުރުބާނީ" އިން ތައާރަފްވެ އެންމެ މަގްބޫލު އަދި އެންމެ މަޝްހޫރު މޫނަށް އޭނާ އެންމެފަހުން ބަދަލުވީ އެވެ.

އަމްޖޭ ބެލުންތެރިންނަށް ތައާރަފްކޮށްދީގެން މަޝްހޫރުވީ ޔޫއްޕެ އެކަންޏެއް ވެސް ނޫނެވެ. ދިވެހިންގެ އެތައް ހިތެއް އަތުލި ޖަމްޝީދާ އަހުމަދަކީ ވެސް ހަމަ މި އަމްޖޭގެ "ޕްރޮޑަކްޓެކެވެ."

ކޮންމެއަކަސް އަމްޖޭގެ 50 ވަނަ ފިލްމާ ގުޅުވައިގެން އޭނާގެ ކެރިއަރުގެ ހައިލައިޓްސްތަކަށް ބަލާލާއިރު އަމްޖޭ އަށް އިހްތިރާމާއި ޝުކުރު ހައްގެވެ. އަމްޖޭ ވެސް ބުނަނީ މިހެންނެވެ.

އަމްޖޭގެ މަސައްކަތާއި ފިލްމުތައް މިހާރު ކޮންމެ ފަދަ ގޮތަކަށް ހުއްޓަސް، ލިބެން ޖެހޭ ތައުރީފު އޭނާ އަށް ވެސް ދޭން ޖެހޭނެ ކަމަށެވެ. އެހެންވީމަ، މަލާމާތާއި ފުރައްސާރައިގެ ތެރެއިން ވެސް އަމްޖޭ ބުނެފައި ވަނީ އޭނާގެ 50 ވަނަ ފިލްމު ކާމިޔާބުކުރާނެ ކަމަށެވެ.

"މުޅި މާލެ އަހަންނާ ދެކޮޅަށް ނުކުތަސް މި ފިލްމު ކާމިޔާބުކުރާނަން އިރާދަކުރެއްވިއްޔާ،" ގިލަންގެ މަސައްކަތް 2013 ވަނަ އަހަރުގައި ވެސް ފަށަން އުޅުނު އަމްޖޭ ބުނެފައި ވަނީ މިހެންނެވެ.

އެފަހަރު އަމްޖޭ ބުނީ "2013 ވަނަ އަހަރު ގިލަން ވަރުގެ ފިލްމެއް ނުނިކުންނާނެ" ކަމަށެވެ. ބައެއް މީހުން ބުނަނީ ތިޔަ ފިލްމެއް ނުނިކުތްކަން، އެއީ ނަސީބެއް ނޫން ކަމަށެވެ.

ރޭޑިއޯ މެދުވެރިކޮށް އެހުންތެރިން ބިރުގެންނުވި "ގިލަން" އަކީ ހަގީގަތުގައި އަމްޖޭގެ ވަރަށް ވެސް ހާއްސަ ޕްރޮޖެކްޓެކެވެ. އޭނާގެ "ޑާލިން" އެކެވެ. ފަހަރެއްގައި މި ފިލްމު އަމްޖޭގެ ކެރިއަރުގެ އެންމެ މޮޅު ފިލްމަށް ވެސް ވެދާނެ އެވެ.

"މި ވަރުގެ ފިލްމެއް ނުނިކުންނާނެއޭ" ބުނެފައި އެ ވަނީ އެހެންވެ ކަމަށް ވެސް ވެދާނެ އެވެ.

ސަބަބަކީ ގާސިމްގެ މި ވާހަކައެއް ކިހިލީގައި ޖަހައިގެން އަމްޖޭ އުޅޭތާ މިހާރު އެތައް އަހަރެއްވެފައިވާތީ އެވެ. މި ފިލްމުގެ މަސައްކަތް އެންމެކުރިން ކުރިއަށް ގެންގޮސްފައި ވަނީ 2003 ހިސާބުގަ އެވެ.

އެހެވީމަ އަމްޖޭ އަށް މިހާރު ހުންނާނީ މި ފިލްމަކަށް ނިކަން ރަނގަޅަށް ތައްޔާރުވެވިފައެއް ނޫން ހެއްޔެވެ؟

އޭރު ވެސް މި ފިލްމު ޝޫޓްކުރި ކަމަށްވެ އެވެ. ޔޫއްޕެ އަކީ އޭރު ވެސް ފިލްމުގެ މުހިންމު ތަރިއެކެވެ. ބެލެވޭ ގޮތުގައި 50 ފިލްމު ހަމަވެގެން ފިލްމު ކުޅުން ހުއްޓާލަން ބުނެފައިވާ ޔޫއްޕެ އަލުން ބޮޑު ސްކްރީނު މަސައްކަތަކަށް އެނބުރި އައިސްފައި މި ވަނީ އޭރު އަމްޖޭ އަށް ވެފައި އޮތް ވައުދު ފުއްދައި އަމްޖޭގެ 50 ވަނަ ފިލްމަށް "ގިލަން" ހަދައި ދިނުމަށެވެ.

ދެން މި އޮތީ، އަމްޖޭ ރޭޓްކުރުމުގައި ދިމާވާ މައްސަލަތަކެވެ. ވަރަށް ގިނަ މީހުން އަމްޖޭ ސިފަކުރަނީ ފިލްމީ ދާއިރާގެ ހަލާކުގެ ގޮތުގަ އެވެ. ރައްދުގައި އަމްޖޭ އަބަދުވެސް ބުނާ ވާހަކައެއް އޮވެ އެވެ.

ފިލްމީ ދާއިރާގެ ހަލާކަކީ "ފާޑުކިޔާ މީހުން" ނެވެ. މިހެންނެވެ.

ނަމަވެސް ކުށްވެރިޔަކަށް އަމްޖޭ ނުވެ އޭނާގެ ފިލްމެއް މިއިން ދުވަހަކު ނިމިގެން ގޮސްފައެއް ނުވެ އެވެ. "އުދަބާނި" ފިލްމުގައި އަމްޖޭމެން "ބްލޮކްބަސްޓާ" އެއްގެ ދަރަޖަ އެޅުވީމަ ވެސް ގިނަ މީހުން ގަބޫލެއް ނުކުރެ އެވެ.

އަޅުގަނޑު އެ ފިލްމެއް ނުބަލަމެވެ. ބެލި މީހުން ބުނަނީ ބިރުވެރި ފިލްމަކަށް ވުރެ އެ ފިލްމު މަޖާ ކަމަށެވެ. އެހެންވީމަ ބަޔަކު މީހުން، އަމްޖޭ ހުންނަ ގޮތަކުން އޭނާއާ ޖައްސާލައިގެން އުޅެނީ ހެއްޔެވެ؟ ޑައިރެކްޓަރުގެ ގޮނޑީގައި އަމްޖޭ އިށީނދެލައިގެން އިންނަ ގޮތް ވެސް ބައެއް މީހުންނަށް ކަމުނުދަނީ އެވެ. 

އަމްޖޭ އޭނާގެ 50 ވަނަ ފިލްމުގެ މަސައްކަތްކުރަމުން އަންނައިރު މިއީ ދިވެހިން އޭނާގެ ފެންވަރު ކިޔައިދޭ ގޮތެވެ.

ފަހަރެއްގައި އަމްޖޭ އަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނީ ވިސްނުމާއި މަސައްކަތުގެ އުސޫލުގެ ތެރެއިންނެވެ. މިސާލަކަށް "ބޮންދު ލޯބި" އޭ ކިޔުނު ފިލްމެއް އަމްޖޭ އުފެއްދުމަކީ އަމްޖޭ އަމިއްލަ އަށް ބެލުންތެރިންގެ ކުރިމަތީގައި ދަންޖެހިގެން މަރުވުން ކަހަލަ ކަމެކެވެ.

އެ ފިލްމުގެ ޑައިރެކްޓަރުގެ ގޮނޑީގައި އަމްޖޭ ނެތަސް، އެޔަކާ އެޔެއް ނުބަލައި އެންމެން އަރައި އަމްޖޭ ކާލީ އެވެ. ވާނީ ވެސް އެހެން ނޫން ހެއްޔެވެ؟ ފިލްމަކާ އެކު އަމްޖޭގެ ނަން މިހާރު އަތުވެއްޖެ ނަމަ އެންމެން ވެސް އެ ފިލްމެއް މި ވައްޓާލަނީ އެންމެ ފުލަށެވެ.

އަމްޖޭގެ މާނަ ބައެއް މީހުން "އެންމެ ފީކަޅާ ފިލްމު" ގެ ގޮތުގައި ތަރުޖަމާކުރާ ކަހަލަ އެވެ. މާނަ އަކީ، އަމްޖޭގެ ފިލްމު އޯޑިއެންސަށް މިހާރު މާ ބޮޑަށް ވެސް ބާވެއްޖެ ވާހަކަ އެވެ.

އަނެއް މައްސަލައަކީ ގޮތްދޫނުކޮށް، ގަދަ ދައްކައިގެން ފިލްމުތައް ކާމިޔާބުކުރަން އަމްޖޭ އުޅުމެވެ. މިސާލަކަށް "ހަ ފަރާތް" އޭ ކިޔުނު ފިލްމެއް އުފައްދައިގެން ވެސް އެ ޖެއްސި ވައްތަރު އެންމެނަށް ވެސް އެނގެ އެވެ. 

"ހަމަ ޗެލެންޖެކޭ މި ބުނަނީ ފިލްމީ ދާއިރާއަށް ކުރާ. މި ފެންވަރުގެ ފިލްމެއް ހަދާ ބަލާށޭ ނިކަން، ހަ ފަރާތް ވަރުގެ،" އަމްޖޭ އެފަހަރު ބުނީ މިހެންނެވެ.

އަމްޖޭ އަށް އަމްޖޭ މޮޅުވެދާނެ އެވެ. ނަމަވެސް އެންމެނަށް އަމްޖޭ މޮޅު ނުވާނެކަން ވެސް ގަބޫލުކުރަން ޖެހޭނެ އެވެ. އަދި ބަޔަކު މީހުން ފިލްމަކަށް ފާޑުކިޔާލާއިރަށް އެބަޔަކު ގޮވައިގެން މިލިއަން ރުފިޔާއިން ބަދަލު ހޯދަން ކޯޓަށް ދިއުމަކީ ވެސް މީހުން ދެން ކިހާ ފޫހިވާނެ ސިފައެއް ހެއްޔެވެ؟ ތާކުންތާކު ނުޖެހޭ މައްސަލަތަކުގައި ހިފައި ދަމާތީ އެވެ.

ފާޑުކިޔައިގެން އަމްޖޭ ކޯޓަށް ދަންޏާމު އަމްޖޭ މޮޅު ވާހަކަ ދައްކާފައި، ފިހާރަ އަށް ވަންނަ މީހާގެ ބޮލުގައި އެއްޗެހި އަޅުވާ ގޮތަށް ފިލްމު އަޅުވައިގެން ބެލުންތެރިންނަށް ކެހި ދިނީމަ އެމީހުން ވެސް ހަމަ ކޯޓަށް ދާންވީ ނޫން ހެއްޔެވެ؟ ޔަގީނަށް ވެސް އަމްޖޭގެ ފިލްމު މޮޅޭ ބުނާ މީހުންނަށް ވުރެ މިހާރު ގިނައީ މި ފިލްމުތައް ބަލައިގެން މޮޔަހީވެފައި ތިބި މީހުންނެވެ.

އެހެންވީމަ އަމްޖޭގެ ރޭޓިން ދަށްވުމުގެ ސަބަބު މިހާރު އެބަ ނަގައިގަނެވެއެއް ނޫން ހެއްޔެވެ؟ ފެށުން ގޯހެއް ނޫނެވެ. މިފަހުން ގޯހީ އެވެ. މާ ބޮޑަށް ވެސް ގޯހީ އެވެ.

މިހާހިސާބުން އަމްޖޭ ރޭޓްކުރުން ކިޔުންތެރިންނަށް ދޫކޮށްލާފައި ވަކިވެލާނަމެވެ.