ހަބަރު

ޝަރުއީ ދާއިރާއާ މަޝްވަރާކުރަން މީޑިއާ ކައުންސިލް ހާޒިރެއް ނުވި

ޝަރުއީ ދާއިރާ އިން މީޑިއާތަކާ ގުޅުން ބަދަހި ކުރުމަށް ބާއްވާ، އޯޕަން ހައުސް މީޑިއާ ވީކްގެ ތެރެއިން، މޯލްޑިވްސް މީޑިއާ ކައުންސިލާ އެކު ޝަރުއީ ދާއިރާއިން ބާއްވަން އުޅުނު ބައްދަލުވުން، ކައުންސިލްގެ މެންބަރުންނަށް ފަހު ވަގުތު ހާޒިރުނުވެގެން ކެންސަލް ކޮށްފި އެވެ.

ޖުޑިޝަލް ޑިޕާޓްމަންޓުން ބުނީ، ބައްދަލުވުން ކެންސަލް ކުރަން ޖެހުނީ، ހާޒިރުވާނެކަމުގެ ޔަގީންކަން ދެއްވާފައިވާ މެންބަރުންގެ ތެރެއިން ބައެއް މެންބަރުން މިއަދު ސަލާމްގައި ތިއްބެވުމާއި ބައެއް މެންބަރުން ފޯން ނުނަންގަވާ ކަމަށް، ވިދާޅުވެ ކައުންސިލުން އެ ބައްދަލުވުމަށް ހާޒިރުވުމަށް އުޒުރުވެރި ވުމުންނެވެ. އަދި އެގޮތަށް އެންގީ ވެސް ބައްދަލުވުން ބާއްވަން އޮތް ވަގުތު ފާއިތުވި ފަހުން ކަމަށް ވެސް ޑިޕާޓްމަންޓުން ބުންޏެވެ.

މޯލްޑިވްސް މީޑީއާ ކައުންސިލްގެ މެންބަރުންނާއެކު ޝަރުއީ ދާއިރާއިން ބޭއްވުމަށް ތާވަލްކުރި ބައްދަލުވުމަކީ، މީޑިއާގެ މިނިވަންކަން ދެމެހެއްޓުމަށާއި، ބިނާކުރަނިވި މީޑިއާގެ ވެއްޓެއް ގާއިމްކުރުމަށް ބޭނުންވާ މާހައުލެއް ގާއިމްކޮށް، ދެމެހެއްޓުމަށްޓަކައި ދެފަރާތް ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށްޓަކައި ޝަރުއީ ދާއިރާއިން އިންތިޒާމްކުރި ބައްދަލުވުމެކެވެ.