ހަބަރު

ސިވިލް ކޯޓަށް ކާމިޔާބެއް: އެއް އަހަރަށްވުރެ ގިނަ ދުވަސްވީ އެންމެ ތިން މައްސަލަ!

އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތަކުގެ ތެރެއިން ތިން މައްސަލައެއް ފިޔަވައި އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އެހެން ހުރިހާ މައްސަލައެއް ސިވިލް ކޯޓުން ނިންމައި، އެ ކޯޓުގެ މަސައްކަތްތަކުގައި ބޮޑު ކުރިއެރުމެއް ހޯދައިފި އެވެ. ސިވިލް ކޯޓުން މިކަން އިއުލާންކުރީ ޝަރުއީ ދާއިރާގެ އޯޕަން މީޑިއާ ހައުސް ވީކްގެ ނަމުގައި މިހާރު ކުރިއަށްދާ ހަރަކާތުގައި ނޫސްވެރިންނަށް ސިވިލް ކޯޓު ދެއްކާލުމަށް ބޭއްވި ޝެސަންގެ ތެރެއިންނެވެ.

އެ ކޯޓުގެ ހިންގުމާ ހަވާލުވެ ހުންނެވި، ގާޒީ އަބްދުﷲ އަލީ ވިދާޅުވީ، އެއް އަހަރަށްވުރެ ގިނަ ދުވަސްވީ ގިނަ މައްސަލަތައް ނިންމައި، މި އަހަރުގެ ދެވަނަ ލަނޑުދަނޑިއަށް އެ ކޯޓަށް ވާސިލުވެވިފައިވާ ކަމަށެވެ. ގާޒީ ވިދާޅުވީ، މި ކާމިޔާބީއަކީ ސިވިލް ކޯޓަށް އެނަމެއް ނިސްބަތްވާ މަދަނީ ކޯޓު އުފެދުނު ހިސާބުން ފެށިގެން މިހާތަނަށް ހާސިލު ކުރެވިފައި ނުވާވަރުގެ ކާމިޔާބީއެއް ކަމަށެވެ.

"މި ކާމިޔާބީ ހާސިލުވިކަމަށްޓަކައި މި ކޯޓުގައި މި ތިއްބެވި ގާޒީންނަށާއި ހީވާގި މުވައްޒަފުންނަށް ޝުކުރު އަދާކުރަން،" ނޫސްވެރިންނާއެކު ސައި ފޮދު ހިއްޕަވަމުން ގާޒީ ވިދާޅުވި އެވެ.

ގާޒީ ވިދާޅުވި ގޮތުގައި މި ކާމިޔާބީއަށް ވާސިލުވުމުގެ އަސްލަކީ، ސިވިލް ކޯޓުގެ އޮނިގަނޑަށް ބަދަލު ގެނެސް ކޯޓުގެ ފަސް ޑިވިޒަނެއް ގާއިމުކުރުމުގެ ސަބަބުން މަސައްކަތްތަކަށް އައި ހަލުވި ކަމަށެވެ. އަދި ކޯޓުގެ މުރާލި ގާޒީންނާއި ހިދުމަތްތެރި މުވައްޒަފުން ކޯޓުގެ މައްސަލަތައް ނިންމުމަށް ކުރި ގަދަ މަސައްކަތްތާއި ހިތްވަރުގެ ނަތީޖާ އަކީ މި ކާމިޔާބު ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ސިވިލް ކޯޓުގެ އަމާޒުތައް

  • ތިން މަސްދުވަހުން: 8 މަސް ދުވަހަށްވުރެ ގިނަ ދުވަސްވީ މައްސަލަތައް ނިންމުން
  • ތިން މަސް ދުވަހުން: ގާޒީއެއްގެ އަތުގައި 40 މައްސަލައަށްވުރެ ގިނަ މައްސަލަ ނުބޭއްވުން

ސިވިލް ކޯޓުގެ އެތެރެ ނޫސްވެރިންނަށް ދައްކާލައި ފޮޓޯއާއި ވީޑިއޯކުރުމުގެ ފުރުސަތު ދީފައިވާއިރު ނޫސްވެރިންނާއެކު ސިވިލް ކޯޓުގެ ގާޒީން ވަނީ ހެނދުނު ނާސްތާވެސް ކޮށްފަ އެވެ. އަދި ސިވިލް ކޯޓުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު ދިނުމަށް ޕްރެޒެންޓޭޝަނެއް ވެސް ވަނީ ދައްކާފަ އެވެ. ނޫސްވެރިންގެ ސުވާލުތަކަށް ގާޒީ އަބްދުﷲ ޖަވާބުވެސް ދެއްވި އެވެ. އަދި މީޑިއާތަކާ ގާތުން ވީހާ ވެސް ގުޅިގެން ކުރިއަށް އޮތްތާ ސިވިލް ކޯޓުން މަސައްކަތްކުރާނެ ކަމުގެ ޔަގީކަން ވެސް ދެއްވި އެވެ.

ސިވިލް ކޯޓަށް މިހާރު ދިމާވެފައިވާ ބައެއް ދަތިތައް ވެސް ގާޒީ ހިއްސާކުރެއްވި އެވެ. އެގޮތުން އެންމެ ބޮޑު ދައްޖެއްގެ ގޮތުގައި ގާޒީ ފާހަގަކުރެއްވީ ޖާގައިގެ ދަތިކަމެވެ. ސިވިލް ކޯޓަށް ދިމާވާ ދަތިތަކުގެ އިތުރުން ފަނޑިޔާރަކަށްވީތީ، ދިމާވާ ބައެއް އުނދަގޫތަކުގެ ވާހަކަތަކާއި ފަނޑިޔާރުކަމުގެ ހަޔާތުން ބައެއް ވާހަކަތައް ގާޒީ އަބްދުﷲ ނޫސްވެރިންނާ ހިއްސާކުރެއްވި އެވެ.

ގާޒީ އަބްދުﷲ ވަނީ ޝަރުއީ ދާއިރާގައި 30 އަހަރު ހޭދަކުރައްވާފަ އެވެ. ވިދާޅުވީ، ގާޒީކަމަކީ ކުރަން އުނދަގޫ ކަމެއް ކަމަށާއި އާންމު ތަންތަނުގައި އުޅެންޖެހެނީ ވަކި ހަމަތަކެއް ހިފަހައްޓައިގެން ކަމަށެވެ. އަދި ބައެއް ފަހަރަށް އާންމު ތަންތަނަށް ނިކުތުމުން ބައެއް މީހުންގެ ނުރުހުމުގެ ބަސްތައް ވެސް އަމާޒުވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންވާ ޝަރީއަތްކުރާ މާލަމްތަކެއް ނޫން އަދިވެސް މިހުރީ، އަޅުގަނޑުމެން ބޭނުންވާ މާލަމްތަކަކީ އަޑުއަހަން އަންނަ މީހުން ވަދެފައި ނިކުމެގެން ދާންވީ، އެ އެއްޗަށް އެއްވެސް ހިފެހެއްޓުމެއް އޮވެގެން ނުވާނެ، ޝަރީއަތްކުރާ ބައި ޝަރީއަތްކުރާ ގޮތަށް އެވަރުގެ ތަނަވަސް ކަމެއް ލިބޭ މާލަމްތަކެއް، އަދި އެވަރެއް ނުވޭ ނަމަވެސް މުސްތަގުބަލްގައި އެވަރުވާނެ ކަމަށް މިބަލަނީ، އަޅުގަނޑުމެން ގާޒީން މުޖުތަމައު ތެރޭގައި އުޅެންޖެހޭ ގޮތް ތަފާތުވާނެ، އުޅެންޖެހޭ ގޮތްތާއި އަޅަންޖެހޭ ފޭރާމާއި ދައްކަން ޖެހޭ ވާހަކަތައް ތަފާތުވާނެ،" ގާޒީ ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ، ގާޒީކަން ކުރަންވާނީ ޓައީ އަޅާއިރު ގިރުވާން ދާ ވާނެކަން އެނގި ހުރެގެން ކަމަށެވެ. އަދި ކުރާ ހުކުމުތަކުގެ ޒިންމާ ނަގަން ޖެހޭނީ ހުދު ތިމާކަން ދެނެގެން ކަމަށެވެ.

ގާޒީ ވިދާޅުވީ، ރާއްޖެ ތަހުޒީބުވަމުން އަންނައިރު، އަހުލާގީ ގޮތުން ރާއްޖެ ދަނީ ކުރިއަށްތޯ ނުވަތަ ފަހަތަށްތޯ ސުވާލުކޮށްލަންޖެހޭ ކަމަށެވެ. މުޖުތަމައުއަށް ހެޔޮ ބަދަލު ގެނައުމުގައި މީޑިއާގެ ބޮޑު ހިއްސާ އޮންނާނެކަން ފާހަގަކުރައްވައި ގާޒީ ވަނީ ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ނޫސްވެރިކަން ކުރުމަށް ނޫސްވެރިންނަށް އިލްތިމާސްކުރައްވާފަ އެވެ.