ބޭރު ކުޅިވަރު

ލިވަޕޫލަށް އިތުރު ކުޅުންތެރިން ބޭނުން: ކްލޮޕް

ކުރިއަށް އޮތް ސީޒަން ފެށުމުގެ ކުރިން ލިވަޕޫލް ވަރުގަދަ ކުރަން އިތުރު ކުޅުންތެރިން ބޭނުންވާ ކަމަށް ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

އޭނާ މިހެން ބުނީ މިހާތަނަށް ތިން ކުޅުންތެރިއަކު ގަތުމަށްފަހު އެވެ. ހުސްވި ސީޒަނުގެ މެދުތެރެއިން ޓީމާ ހަވާލުވި ކްލޮޕް އާ ސީޒަނަށް ގެނެސްފައިވާ ތިން ކުޅުންތެރިންނަކީ ފޯވަޑް ސާދިއޯ މާނޭ އާއި ކީޕަރު ލޮރިސް ކާރިއަސް އަދި ޑިފެންޑަރު ޖޯ މަޓިޕް އެވެ. މީގެ ތެރެއިން މަޓިޕަށް ރޭ ވަނީ އަނިޔާވެފަ އެވެ. ނަމަވެސް ސީޒަން ފަށަންވާއިރަށް މަޓިޕް މުޅިން ފިޓްވާނެ ކަމަށް ކްލޮޕް އުއްމީދު ކުރެ އެވެ.

"އަހަންނަށް ވަރަށް ޔަގީން ކުރިއަށް އޮތް ދުވަސްކޮޅުގެ ތެރޭގައި ދެ ކުޅުންތެރިންވަރު ޓީމާ ގުޅޭނެކަން. އަހަންނަށް ސީދާ ބުނާކަށް ނޭނގެ މިހެންވާނެއޭ ބުނަން. އެކަމަކު ޓީމުގައި މިހާރުތިބި ބައެއް ކުޅުންތެރިން ކުލަބު ދޫކޮށްލާނެ. އެއީ އެކުޅުންތެރިން ފުރަތަމަ 11ގައި ކުޅެން ބޭނުންވަންޏާ އެހެން ކުލަބުތަކަށް ދިއުން ރަނގަޅީ ދެ ފަރާތަށް ވެސް،" ކްލޮޕް ބުންޏެވެ.

ޑިފެންޑަރު މާޓިން ސްކަޓެލް އާއި ޖޯޑަން އިބޭ ވިއްކާލާފައިވާއިރު ދެ ފޯވަޑުން ކަމަށްވާ ކްރިސްޓިއަން ބެންޓެކޭ އާއި މާރިއޯ ބަލޮޓެއްލީ ވެސް ވިއްކާލަން ކްލޮޕް ވަނީ ނިންމާފަ އެވެ. ނަމަވެސް ޖޯއަލަން ޔޫރޯގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން އޭނާއާ މެދު އަދި ވަކި ގޮތެއް ނުނިންމަ އެވެ.

"ޓީމުގައި ކުޅުމުގެ ފުރުސަތު ނެތިއްޔާ އެއްވެސް މާނައެއްނެތް މަޑުކުރުމުގައި. ޓްރާންސްފާ މާކެޓް ނިމެން އަދި ވަރަށް ދުވަސް އެބައޮތް. އެހެންވީމާ އަދި ވަރަށް ގިނަ ކަންތައްތައް ހިނގައިދާނެ،" ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑްގެ ކުރީގެ ކޯޗު ބުންޏެވެ.

ކްލޮޕް ގަތުމަށް މަސައްކަތް ކުރާ ކުޅުންތެރިންގެ ތެރޭގައ ޖަރުމަނުގެ ގައުމީ ޓީމުގެ ޑިފެންޑް ޖޯނަސް ހެކްޓާ އާއި ޕީއެސްޖީގެ ހާވިއާ ޕަސްޓޯރޭ ހިމެނެ އެވެ.