ބޭރު ކުޅިވަރު

މެސީ ދެން ވެސް ހުންނާނީ ބާސެލޯނާގައި

އާޖެންޓީނާގެ ފޯވަޑް ލަޔޮނަލް މެސީ ބާސެލޯނާގެ ކޮންޓްރެކްޓް އާކޮށް 2021 ވަނަ އަހަރާ ހަމައަށް އެކުލަބުގައި ހުންނަން އެއްބަސްވެއްޖެ އެވެ.

މިކަން ޔަގީންކޮށްދެމުން ބާސެލޯނާއިން ބުނީ އެކުލަބުގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ކޮންޓްރެކްޓް އާކުރުމުގެ ވާހަކަތައް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ޗުއްޓީ ނިންމާފައި އައިސް މެސީ އާކޮންޓްރެކްޓްގައި ސޮއިކުރާނެ ކަމަށެވެ.

ބާސެލޯނާގެ ކޮންޓްރެކްޓް އާކުރަން މެސީ އެއްބަސްމިވީ ޓެކްސް އަށް މަކަރު ހެދުމުގެ މައްސަލާގައި އޭނާ ޖަލަަށްލާން ސްޕޭނުގެ ކޯޓުން ނިންމާފައިވަނިކޮށެވެ. އަދި މި މައްސަލައާހެދި އިނގިރޭސިވިލާތުގެ ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް ކުރެ ކުލަބަކަށް ބަދަލުވާން މެސީ މަޝްވަރާކުރި ކަމަށް ވާހަކަ ދެކެވިފައިވަނިކޮަށެވެ. ހާއްސަކޮށް އޭނާގެ ބައްޕަ އާއި ޗެލްސީގެ ވެރިޔާ ރޯމަން އަބްރޮމޮވިޗްގެ ޔޮޓްގައި ބައްދަލުކުރިކަން ޔަގީންވެފައިވަނިކޮށެވެ.

ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް 28 އަހަރުގެ މެސީގެ މަގުބޫލުކަން އަދިވެސް ވަރަށް ބޮޑެވެ. ބާސެލޯނާއިން ބުނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ މެސީ އަކީ އެކުލަބުގެ އެންމެ އަގުބޮޑު ރައުސޫމާލް ކަމަށާއި މެސީ އެހެން ކުލަބަކަށްދާން ދޫކޮށްނުލާނެ ކަމަށެވެ.

ބާސެލޯނާއިން ވަނީ އެމީހުން މިތީބީ މެސީއައެކުގައި ކަމަށް ބުނެ ސަޕޯޓަރުން ލައްވައި މެސީގެ ޖަލުހުކުމާ ދެކޮޅަށް ސޯޝަލް މީޑިޔާގައި ވަރުގަދަ ކެމްޕޭނެއް ވެސް ފަށާފަ އެވެ. ޓެކްސް އަށް މަކަރު ހަދައިގެން ޖަލު ހުކުމެއް އަޔަސް އެއީ ދެ އަހަރަށްވުރެ ކުރު ހުކުމަކަށްވާތީވެ މެސީ އަށް ޖަލުގެ ތޭރިތަކުގެ ބިއްދޮށުގައި ނޯވެ ޖޫރިމަނާ ދައްކައިގެން އެކަމުން ސަލާމަތްވެވޭނެ އެވެ.