ވިކްޓަރީގެ ކޯޗުކަމުން މުހައްމަދު ނަޒީހު ވަކިވެ، ޗެއާމަން ކަމުން ދާންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު އައްސަދު އިސްތިއުފާދީފި އެވެ.
ގައުމީ ޓީމާއި ވިކްޓަރީ އަދި ނިއު ރޭޑިއަންޓަށް ކުރިން ކުޅުނު ހުނަރުވެރި މިޑްފީލްޑަރު ނަޒީހު ވެސް މިއަދު ވަނީ މިކަން ޔަގީންކޮށްދީފަ އެވެ. ނަމަވެސް ވަކި ސަބަބެއް އޭނާ އަދި ނުބުނެ އެވެ.
ހުސްވި އަހަރު ޔުނައިޓެޑް ވިކްޓަރީ ފުރަތަމަ ޑިވިޝަނަށް ކޮލިފައިކޮށްދިން ކޯޗު ނަޒީހު ވިކްޓަރީން ވަކިވުމުން އެޓީމާ ހަވާލުވާނެ ކަމަށް ބެލެވެނީ އެސިސްޓެންޓް ކޯޗު އަހުމަދު ނާޝިދު (ނާދު) އެވެ. ނާދު އަކީ މިދިޔަ އަހަރު ވިކްޓަރީގެ ހެޑްކޯޗެވެ.
ވަރަށް އާދައިގެ ޓީމަކާއެކު އޮތް ވިކްޓަރީ މިވަގުތު އޮތީ ފަސް ޕޮއިންޓާއެކު އުރީދޫ ދިވެހި ޕްރެމިއާ ލީގުގެ ހަތް ވަނާގަ އެވެ.
މީގެ ހަތަރު މަސްދުވަސް ކުރިން ވިކްޓަރީގެ ޗެއާމަންގެ މަގާމާ ހަވާލުވި އައްސަދަކީ ބައިބަލާ އެސޯސިއޭޝަނުގެ ވެސް ރައީސެވެ. ވިކްޓަރީން އިސްތިއުފާ ދިން ސަބަބު އައްސަދު ވެސް ނުބުނެ އެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު ކުލަބު ވިކްޓަރީ 2012 ވަނަ އަހަރުގެ ފަހުން އޮތީ މައްސަލަތަކެއްގެ ތެރޭގަ އެވެ. ކުރިއާ އަޅާ ބަލާއިރު މޮޅު ކުޅުންތެރިން މަދުވެ، ޓީމު ވަނީ ވަރަށް ބޮޑަށް އަޑިއަޅާލައިފަ އެވެ.
އައްސަދާއި ނަޒީހު ޓީމާ ވަކިވިއިރު ބޯޑު މެމްބަރު ކަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޭބޭފުޅު އަހުމަދު ނާޝިދު ވެސް ވަނީ އިސްތިއުފަދީފަ އެވެ. ނަމަވެސް ބޯޑުގައި ތިއްބަވާ ނަޒީހުގެ ކޮއްކޮ އިބްރާހީމް ސިނާޒް އާއި ބޭބެ އަހުމަދު ރިޔާޒް (ގާނާ) ވަކިނުވެ އެވެ.
ވިކްޓަރީގެ ވައިސް ޗެއާމަނަކީ އެންމެ ފަހުން އޮތް ބޯޑުގެ ޗެއާމަން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބުދުލް މުހުސިން ހަމީދު (ޖޭފޯ) އާއި މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބުދުﷲ މައުމޫން (މާނު) އެވެ. ބޯޑުގައި ދެން ހިމެނެނީ ސިނާ އާއި ގާނާގެ އިތުރުން ވިކްޓަރީގެ ވޮލީ ޓީމުގެ ކުރީގެ ކޯޗު ތަރި މުހައްމަދު އަނީސް އާއި ދިރާގުގެ ޗެއާމަން އަދި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ އާއި ޔޫތު މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު އަދި ހައުސިން މިނިސްޓަރުގެ ނާއިބް އިބްރާހީމް ނަޒީމް އާއި އަހުމަދު ނާސިފެވެ.