ބޭރު ކުޅިވަރު

ޔޫއޭފާ އެވޯޑަށް ނޭމާ ޝޯޓްލިސްޓެއްނުވި

ބާސެލޯނާގެ ބްރަޒިލްގެ ފޯވަޑް ނޭމާ ނުހިމަނައި ޔޫއޭފާ ޔޫރަޕްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ 10 ކުޅުންތެރިންގެ ނަން އާންމުކޮށްފިއެވެ.

ޔޫރަޕްގެ ފުޓްބޯޅަ އިދާރާއިން މިއަދު އާންމު ކުރި ލިސްޓުން ނޭމާ އުނިކޮށްފައިވާއިރު އޭނާ އަކީ މިދިޔަ އަހަރު ދުނިޔޭގެ ތިން ވަނައަށް އެންމެ މޮޅު ކުޅުންތެރިޔާ އެވެ. މިދިޔަ ސީޒަންގައި ބާސެލޯނާގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް ޔޫއެފްއާއިން މިފަހަރު އެކުލަވާލި ލިސްޓުން ނޭމާއަށް ލިބިފައިވަނީ 19 ވަނަ އެވެ.

މިލިސްޓްގައި އެންމެ ގިނައިން ފުރުސަތު ލިބިފައިވަނީ ސްޕެނިޝް ލީގްގައި ކުޅޭ ކުޅުންތެރިންނަށެވެ. އެ ލީގުން، ހަތް ކުޅުންތެރިޔަކު ވާދަ ކުރާއިރު، ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ރެއާލް މެޑްރިޑުން ހަތަރު ކުޅުންތެރިޔަކު އެވޯޑަށް ވާދަ ކުރެއެވެ. އެއީ މި އެވޯޑް 2014 ވަނަ އހަރު ހޯދި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އެޓީމަށް ކުޅޭ ވޭލްސްގެ ގެރެތުބޭލް އާއި ޖަރުމަންގެ ޓޯނީ ކްރޫޒްގެ އިތުރުން، ޕޯޗްގަލްގެ ޕެޕޭއެވެ.

ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާއިން ހިމެނެނީ ދެ ކުޅުންތެރިންނެވެ. އެއީ މިހާތަނަށް މި އެވޯޑް ދެ ފަހަރަށް ހޯދާފައިވާ ލަޔޮނަލް މެސީ އާއި އުރުގުއޭގެ ފޯވަޑް ލުއިސް ސުއަރޭޒްއެވެ. އެތުލެޓިކޯއިން ހިމެނިފައިވަނީ ނިމިދިޔަ ޔޫރޯގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި އެންޓޯނިއޯ ގްރިއެޒްމަން އެވެ.

ޖަރުމަން ލީގުން ހިމެނިފައިވަނީ ބަޔާން މިޔުނިކްގެ ކެޕްޓަން ފިލިޕް ލާމް އާއި ގޯލް ކީޕަރު މެނައުލް ނޯޔާއެވެ. އިޓާލީ ލީގުން ހިމެނިފައިވަނީ ޗެމްޕިއަން ޔުވެންޓަސްއާއި އިޓަލީ ގައުމީ ޓީމުގެ ކެޕްޓަން ޖިއާން ލުއީޖީ ބުފޮން އެވެ.

ދެހާސް ދިހަ ވަނަ އަހަރުން ފެށިގެން، ދޭން ފެށި އެވޯޑަށް ވޯޓް ދެނީ ޔޫއެފްއާގެ 55 މެންބަރު ގައުމުތަކުގެ ކުޅިވަރު ނޫސްވެރިންނާއި ފުޓްބޯޅަ އެނަލިސްޓުންނެވެ.