ހުސްވެފައިވާ ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ކޯޗުކަމަށް ނިއުރޭޑިއަންޓަށް މިދިޔަ އަހަރު ކޯޗުކޮށްދިން ސާބިއާގެ ކޯޗު ނިކޮލާ ކަވަޒޮވިޗް ހަމަޖައްސައިފި އެވެ.
ވިކްޓަރީގެ ބޯޑުން މި ގޮތަށް ނިންނީ ކޯޗުކަމުން މުހައްމަދު ނަޒީހު ވަކިވުމުގެ ކުރިންނެވެ.
ކަވަޒޮވިޗް ވަނީ މިދިޔަ އަހަރުގެ ދިވެހި ލީގުގެ ފަހު ބުރުގައި ނިއުއާ ހަވާލުވެ އެކުލަބަށް ލީގު ޗެމްޕިއަންކަން ދިފާއުކޮށްދީފަ އެވެ. މި ކާމިޔާބީ އަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އޭނާ ބުނެފައިވަނީ ނިއުއަށް އޭނާ ދިވެހި ލީގު ކާމިޔާބުކޮށްދިނީ ރާއްޖޭގެ ފުޓްބޯޅައިގެ އެންމެނާ ދެކޮޅަށް މަސައްކަތްކޮށްގެން ކަމަށް ބުނެފަ އެވެ.
މި އަހަރުގެ ސީޒަނަށް އޭނާ ގެނައުމަށް ވެސް ނިއުއިން ނިންމި އެވެ. ނަމަވެސް ކޯޗުގެ އަމިއްލަ ސަބަބުތަކާހުރެ އޭނާ ނުގެންނަން ނިންމީ ކަމަށް ފަހުން ނިއުއިން ބުނެފައިވެ އެވެ. އޭގެ ފަހުން ކަވަޒޮވިޗް ލާއޯސް ޓީމާ ހަވާލުވި ނަމަވެސް މިވަގުތު އޭނާ ހުރީ ހުސްކޮށެވެ.
ކަވަޒޮވިޗް އަކީ ޔުއެފާ އޭ ލައިސަންސް އޮންނަ ކޯޗެވެ. އޭނާ ވަނީ މީގެ ކުރިން ސްރީލަންކާ އާއި ތަޖަކިސްތާންގެ ގައުމީ ޓީމަށް ކޯޗްކަން ކޮށްދީފަ އެވެ. މީގެ އިތުރުން ތަޖަކިސްތާނުގެ އެއްވަނަ ޑިވިޝަންގެ ޗެމްޕިއަން އިސްތިގްލޯލް ޑުޝަންބީ އަށް 2012 ވަނަ އަހަރުގެ އޭއެފްސީ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބްކޮށްދީފައެވެ.
ވިކްޓަރީން ކަވަޒޮވިޗް ގެންނަން ނިންމާފައިވާއިރު އެކުލަބުގެ ޗެއާމަންކަމުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އައްސަދު ވެސް ވަނީ އިއްޔެރޭ އިސްތއުފާދީފަ އެވެ. އޭނާއާއެކު ބޯޑު މެމްބަރު އަހުމަދު ނާޝިދު ވެސް އިސްތިއުފާދީފައިވެ އެވެ.