އަހުމަދު މަހްލޫފު

މަހުލޫފު ޖަލަށް ލުމާ އެކު މަޖިލިސް ހަލަބޮލިކޮށްލައިފި

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާތީ، އޭނާ ދޫކޮށްލުމަށް ގޮވާލައި އިދިކޮޅު މެންބަރުން މިއަދު މަޖިލިސް ތެރޭގައި އަޑުއުފުލައިފި އެވެ. އެވެ. އަޑުގަދަ ކުރުންތަކާ ހުރެ މަޖިލީހުގެ ނިޒާމު ގެއްލިފައިވަނިކޮށް، އިތުރު މެންބަރަކު ބަހުސް ކުރަން ނެތުމުން މަޖިލީހުގެ ޖަލްސާ ވަނީ މިވަގުތަށް މެދުކަނޑާލައިފަ އެވެ.

ހަތަރު މަހާއި 24 ދުވަހަށް މަހުލޫފް ޖަލަށްލާފައިވަނީ ފުލުހުންނަށް ދަތިކުރުމުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވުމާ ގުޅިގެންނެވެ.

މިއަދުގެ މަޖިލިސް ފަށައި މުސާރައިގެ އޮނިގަނޑަށް ގެނުވުނު އިސްލާހާ މެދު މަޖިލީހުގައި މަޝްވަރާކުރަން ފެށުމާއާ އެކު އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ވަނީ މަހުލޫފް މިހާރުން މިހާރަށް ދޫކޮށްލުމަށް އަޑުހަރުކޮށް ގޮވާލައި މަޖިލީހުގެ ތެރޭގައި އަޑުގަދަކޮށްފަ އެވެ. އަދި މި ސަރުކާރުގެ އިސްތިއުފާއަށް އެ މެންބަރުން ގޮވާލި އެވެ.

މަޖިލީހުގެ ނިޒާމު ގެއްލުމުގެ ސަބަބުން މި އިސްލާހާމެދު ވާހަކަ ދައްކަވާފައިވަނީ ޕީޕީއެމްގެ ޕީޖީ ލީޑަރު، އަހުމަދު ނިހާން ހުސެން މަނިކާއި ޑެޕިއުޓީ ޕީޖީ ލީޑަރު، ރިޔާޒު ރަޝީދެވެ. އަޑުގަދަކަމުން އެދެބޭފުޅުން ދެއްކި ވާހަކައެއް ވެސް ސާފެއް ނުވި އެވެ. އެހެން ބޭފުޅަކު ފުރުސަތަކަށް ވެސް އެދިވަޑައެއް ނުގަންނަވަ އެވެ. އިތުރަށް މެންބަރަކު ފުރުސަތަށް އެދިފައިނެތުމުން ރިޔާސަތުން ވަނީ މިއަދު ވޯޓު ނަގަންހުރި ކަންކަމަށް ވޯޓު ނެގުމަށް މިއަދު 13:30 ގައި މަޖިލީހުގެ ޖަލްސާ ކުރިއަށްދާނެ ކަމަށް ވިދާޅުވެ މަޖިލިސް މެދުކަނޑާލާފަ އެވެ.