ހަބަރު

ނާޒިމްގެ ބަންދު މުއްދަތު މަޖިލީހުގެ ރެކޯޑިން ދެވޭނީ މަތީ ކޯޓަކުން އެންގުމުން: ކްރިމިނަލް ކޯޓު

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ބަންދު މުއްދަތު އިތުރުކުރި ކްރިމިނަލް ކޯޓުގެ މަޖިލީހުގައި ދެއްކި ވާހަކަތަކުގެ ރެކޯޑިން ދޫކުރެވޭނީ މަތީ ކޯޓަކުން އެންގުމުން ކަމަށް ކްރިމިނަލް ކޯޓުން ނާޒިމްގެ ވަކީލުންނަށް އަންގައިފި އެވެ.

ދައުލަތާ އިދިކޮޅު ހަރަކާތެއް ހިންގަން އުޅުނު ކަމަށް ބުނެ ނާޒިމް ހައްޔަރުކޮށް، އޭނާގެ ބަންދު މުއްދަތު އިތުރުކުރި މަޖިލީހުގައި ފުލުހުން އޮޅުވާލައިގެން ވާހަކަ ދެއްކި ކަމަށް ބުނެ އެ މަޖިލީހުގެ ރެކޯޑިން ހޯދުމަށް ނާޒިމްގެ ވަކީލުން ވަނީ ކްރިމިނަލް ކޯޓުގައި އެދިފަ އެވެ. އެކަމާ ގުޅިގެން ނާޒިމްގެ ވަކީލުންނަށް ކޯޓުން އަންގާފައިވަނީ އެ ރެކޯޑިން ދޫކުރެވޭނީ އިސްތިއުނާފް މަރުހަލާގައި މަތީ ކޯޓަކުން އެންގުމުން ކަމަށެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ ރެކޯޑިންތަކަކީ އާންމުކޮށް ދޫކުރާ އެއްޗެއް ނޫން ކަމަށާއި މަތީ ކޯޓަކުން އެންގުމުން ނޫނީ އެފަދަ ތަކެތި ދޫނުކުރެވޭނެ ކަމަށް ނާޒިމްގެ ވަކީލުންނަށް އަންގާފައިވާނެ ކަމަށެވެ.

"އާންމުކޮށް ދޫކުރާ ގޮތަކަށް ނޫން އެ ތަކެތި މި އޮންނަނީ. އެކަމަކު މަތީ ކޯޓަކުން އެދިއްޖެ ނަމަ އެ ކޯޓަށް ފޮނުވައިދޭނެ. އެގޮތަށް ނާޒިމްގެ ވަކީލުންނަށް ވެސް އަޅުގަނޑުމެން އަންގާފައި އޮންނާނީ،" އޮފިޝަލް ވިދާޅުވި އެވެ.

ނާޒިމް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ނާޒިމްގެ ފަރާތުން ހައި ކޯޓުގައި ވަނީ އިސްތިއުނާފްކޮށްފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން މިހާރު ނިންމާލާފައިވާއިރު އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަމަށް ހައި ކޯޓުން ވަނީ ބުނެފަ އެވެ.

ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓުން ހަނގުރާމަވެރި ހަތިޔާރު ފެނުނު ކަމަށް ބުނެ ޑިފެންސް މިނިސްޓަރުކަމުން މިދިޔަ މަހު ނާޒިމް ވަނީ ވަކިކޮށްފަ އެވެ. ނަމަވެސް ނާޒިމް ވަނީ ފުލުހުން ކުރާ އެ ތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ.