ވިޔަފާރި

އިކޮނޮމިކް މިނިސްޓްރީ އިން ދޭ ހިދުމަތްތައް އައުޓްސޯސް ކުރަނީ

އިކޮނޮމިކް މިނިސްޓްރީއިންދޭ ވިޔަފާރިއާ ބެހޭ ގިނަ ހިދުމަތްތައް އައުޓްސޯސް ކުރަން ނިންމައިފި އެވެ.

މިކަމާ ބެހޭގޮތުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓްރާ އޮފް ކޮމްޕެނީޒް މަރްޔަމް ވިސާމް ވިދާޅުވީ މި ހިދުމަތްތައް ޕްރައިވެޓް ސެކްޓާ މެދުވެރިކޮށް ދިން ނަމަވެސް މިނިސްޓްރީންވެސް މި ހިދުމަތްތައް ލިބިގެންދާނެ ކަމަށެވެ. މިގޮތަށް ހިދުމަތްތައް އައުޓްސޯސް ކުރަން ނިންމީ ހިދުމަތް ހޯދަން އަންނަ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނާތީ އެހިދުމަތް މެދުކެނޑުމެއް ނެތި ޒަމާނީ ފެންވަރަށް ފޯރުކޮށްދޭން ކަމަށެވެ.

އަންނަ އޯގަސްޓު މަހުގެ ކުރިން އައުޓްސޯސް ކުރަން ހަމަޖެހިފައިވާ ހިދުމަތްތައް އައުޓްސޯސްކޮށް ނިންމާނެ އެވެ. މި ކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެ އެވެ. ވިޔަފާރިއާ ބެހޭ ޖުމްލަ 13 ދާއިރާއަކުން ހިދުމަތްތައް އައުޓްސޯސްކުރަން ނިންމާފައިވާ ކަމަށް ވިސާމް ވިދާޅުވި އެވެ.

"އޮންލައިންކޮށް ހިދުމަތް ދޭން ފެށުމުން އެހާބޮޑު އިޖާބައެއް ނުދޭ. މިއީ އޭޖެންޓެއް މެދުވެރިކޮށް ހިދުމަތްދޭން ނިންމި އެއް ސަބަބު. އައުޓްސޯސް ކުރެވޭ ހިދުމަތްތައް މިނިސްޓްރީން ފޯރުކޮށްދޭނެ ޕްރައިވެޓް ސެކްޓާގައި ފޯރުކޮށްދިނަސް. މިކަމުގެ ސަބަބުން ހިދުމަތް ލިބޭ ސްޕީޑްވެސް އިތުރުވެގެންދާނެ" ވިސާމް ވިދާޅުވި އެވެ.

އައުޓްސޯސްކޮށްގެން މި ހިދުމަތްތައް ދޭން ނިންމާފައިވަނީ އެމިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގާ ލޯ ފާމް ތަކާއި، އޮޑިޓް ފާމްތައް އަދި ބިޒްނަސް ކޮންސަލްޓެންސީ ފާމްތައް މެދުވެރިކޮށް ބިޒަނަސް ސާވިސް އެޖެންޓެއްގެ ހައިސިއްޔަތުން އެމިނިސްޓްރީން ކަނޑައަޅާ ޕޯޓަލް އެއް މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދިނުމަށެވެ.

ވިޔަފާރިތައް އައުޓްސޯސް ކުރުމުގެ ބޭނުމަކީ ވިޔަފާރިއާ ބެހޭގޮތުން ހިދުމަތްތައް ދިނުމުގައި އެހެން ފަރާތްތަކަށް ބާރުތަކެއް ދިނުމެވެ. އެގޮތުން ލޯ ފާމް ފަދަ ތަންތަނުން ވިޔަފާރިތަކަށް ދޭ ހިދުމަތް ދޭނެގޮތް އެފަރާތްތަކަށް ބައްޓަން ކުރުމުގެ ބާރު ލިބިގެންދާނެ އެވެ.