ރާއްޖެ ކުޅިވަރު

ވިކްޓަރީ އަށް ގެންނަ ކޯޗު ހުރީ ދިގު ސަސްޕެންޝަނެއްގައި!

މިއަހަރުގެ ސީޒަނުގެ ބާކީ އޮތް ބަޔަށް ވިކްޓަރީ އަށް ގެންނަން ހަމަޖެއްސި ސާބިއާގެ ކޯޗު ނިކޮލާ ކަވަޒޮވިޗް ހުރީ ދިގު ސަސްޕެންޝަނެއްގައި ކަން އިތުބާރުހުރި ގޮތަކަށް އެނގިއްޖެ އެވެ.

މިދިޔަ އަހަރުގެ ސީޒަނުގެ ފަހުކޮޅު ނިއުރޭޑިއަންޓާ ހަވާލުވެ އެކުލަބަށް ދިވެހި ލީގު ކާމިޔާބުކޮށްޗިން ކޯޗު އެފްއޭއެމުން ސަސްޕެންޑްކޮށްފައިވަނީ އެއް އަހަރު ދުވަހަށެވެ. އޭނާ ސަސްޕެންޑްކުރީ ހުސްވި އަހަރުގެ ދިވެހި ލީގުގައި ވެލެންސިއާ އަތުން 4-2އިން ބަލިވި މެޗަށް ފަހު ރެފްރީ ހުސައިން ސިނާނަށް ވަރަށް ހަޑިހުތުރުކޮށް މުހާތަބްކޮށް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދެއްކުމުންނެވެ.

އެފްއޭއެމުގެ އިސް އޮފިޝަލަކު ބުނީ ސަސްޕެންޝަން ކުރިއަށްދާތީވެ ވިކްޓަރީން ކޯޗު ގެނައި ނަމަވެސް ޓީމު ލިސްޓުގައި ރަޖިސްޓްރީ ނުކުރެވޭނެ ކަމަށެވެ.

އާއްމުކޮށް ޕްރެސްކޮންފަރެންސްތަކުގައި ވެސް ވަރަށް ހަރުކަށިކޮށް ވާހަކަ ދައްކާ ކަވަޒޮވިޗް ވަނީ ދިވެހި ލީގު ނިއު އަށް ކާމިޔާބުކޮށްދިނުމަށް ފަހު އޭނާގެ މި ކާމިޔާބީއަކީ ރާއްޖޭގެ ފުޓްބޯޅައިގައި މަސައްކަތްކުރާ އެންމެނާ ދެކޮޅަށް ހޯދި ކާމިޔާބީއެއް ކަމަށް ބުނެފަ އެވެ. އޭގެ ތެރޭގައި އޭނާ ވަނީ ނޫސްވެރިން ޝާމިލްކޮށްފަ އެވެ.

ކަވަޒޮވިޗް އަކީ ޔުއެފާ އޭ ލައިސަންސް އޮންނަ ކޯޗެވެ. އޭނާ ވަނީ މީގެ ކުރިން ސްރީލަންކާ އާއި ތަޖަކިސްތާންގެ ގައުމީ ޓީމަށް ކޯޗްކަން ކޮށްދީފަ އެވެ. މީގެ އިތުރުން ތަޖަކިސްތާނުގެ އެއްވަނަ ޑިވިޝަންގެ ޗެމްޕިއަން އިސްތިގްލޯލް ޑުޝަންބީ އަށް 2012 ވަނަ އަހަރުގެ އޭއެފްސީ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބްކޮށްދީފައެވެ.

Congrats to my new club Victory Sc from Maldives. They brought best available coach in Asia! — Nikola Kavazovic (@kavaz011) July 18, 2016

ނިއުރޭޑިއަންޓްގައި ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީ އެކުޅުންތެރިން ލައްވައި މޮޅަށް ކުޅުވި ކޯޗު ވަނީ އިއްޔެ ވަނީ އޭނާ ވިކްޓަރީގެ ކޯޗަކަށް ހަމަޖެއްސިކަން ޓުވިޓާގައި އިއުލާނުވެސްކޮށްފަ އެވެ. ފަހަުން ފަހުން އޭނާ ވަނީ އެޓުވީޓް ޑިލީޓްކޮށްފަ އެވެ.
ކޯޗު ބުނެފައިވަނީ

ކަވަޒޮވިޗް ވިކްޓަރީ އަށް ގެންނަން ނިންމީ އެކުލަބުގެ ކޯޗުކަމުގައި ހުރި ކުރީގެ މިޑްފީލްޑަރު މުހައްމަދު ނަޒީހު މަގާމުން ވަކިވުމުންނެވެ. މިވަގުތު ލީގުގެ ހަތް ވަނާގައި އޮތް ޓީމުގެ ޗެއާމަންކަމުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އައްސަދު ވެސް ވަނީ އިއްޔެނޫން ކުރީރޭ އިސްތިއުފާ ދީފަ އެވެ. ނަމަވެސް ނަޒީހާއި އައްސަދުވެސް މީގެ ސަބަބެއް އަދި ނުބުނެ އެވެ.