މި ގައުމުގައި އިންސާފު ލިބޭނެ ދުވަހެއް އަންނާނެ ކަމަށް ނުދެކޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ނާޒިމްގެ މައްޗަށް ދައުލަތުން އުފުލި ކޮރަޕްޝަންގެ ދައުވާއާ ގުޅިގެން ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ކޮންމެ އިންސާނަކަށް ވެސް މާތްﷲ އިންސާފު ދެއްވާނެ ކަމަށާއި "ނަމަވެސް މިގައުމުގައި އިންސާފު ލިބޭނެ ދުވަހެއް އޮތް ކަމަށް ނުދެކެން" ކަމަށެވެ. އަދި އޭނާ އެޓޮލްސް މިނިސްޓްރީގައި ހުންނަވައިގެން ހިންގި ކަމަށް ބުނާ ކޮރަޕްޝަންގެ ހަތަރު މައްސަލައާ ގުޅިގެން އުފުލި ހަތަރު ދައުވާ ވެސް އަވަހަށް ނިމެން ބޭނުންވާ ކަމަށް ވިދާޅުވި އެވެ. ވޭތުވެދިޔަ ހައެއްކަ އަހަރު ވަންދެން އެ މައްސަލަތަކާ ގުޅިގެން އުޅެންޖެހިފައިވާ ކަން ވެސް ނާޒިމް ފާހަގަ ކުރެއްވި އެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ދައުވާއަށް ޖަވާބުދާރީވާން ނާޒިމަށް ފުރުސަތު ދިނުމުން އޭނާ ވިދާޅުވީ އެ މައްސަލައާ ގުޅިގެން ވަކީލަކު ހޯދުމަށް ވަރަށް ދަތިވެފައިވާ ކަމަށާއި އެއްވެސް ވަކީލަކު އެ މައްސަލައާ ހަވާލުވާން ބޭނުންނުވާ ކަމަށެވެ. އެގޮތުން ސިޔާސީ ކަންތައްތައް ހުރިގޮތުންނާއި ފުރާނައަށް ނުރައްކާ ވާނެ ކަމަށް ބުނެ އެއްވެސް ވަކީލަކު މައްސަލައާ ހަވާލުނުވި ކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ މިމަހުގެ އަށް ވަނަ ދުވަހު ބޭއްވި އެ މައްސަލައިގެ އިބްތިދާއީ ބައްދަލުވުމުގައި ދައުލަތުން އޭނާގެ މައްޗަށް ކުރާ ހަތަރު ދައުވާއަށް ވެސް ޖަވާބުދާރީވުމަށް ދިނީ ފަސް ދުވަހުގެ މުއްދަތެއް ކަމަށާއި ނަމަވެސް އެއީ އެކަމަށް އެކަށީގެންވާ މުއްދަތެއް ނޫން ކަމަށް ބުނެފައިވާނެ ކަމަށެވެ. އިތުރު މުއްދަތެއް ދެވޭނީ ފަނޑިޔާރުންނާ މަޝްވަރާ ކުރުމަށް ފަހު ކަމަށް އެ ބައްދަލުވުމުގައި އޭނާއަށް އެންގި ނަމަވެސް އިތުރު ޖަވާބެއް ނުލިބި މިއަދުގެ އަޑުއެހުމަށް ހާޒިރުވާން އިއްޔެ ޗިޓް އައީ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި އޭނާގެ ދަރިކަލުން މަތީ ތައުލީމު ހޯދަން ބޭރު ގައުމަކަށް ދާތީ ވިސާ ކަންތައް ހަމަޖައްސަން ރާއްޖެއިން ބޭރަށް ދާން ހަމަޖައްސާފައި އޮތް ނަމަވެސް އެ މައްސަލަތައް ތާވަލް ކުރުމާ އެކު އެކަން ވެސް ފަސްކޮށްފައިވާ ކަމަށެވެ. އެހެންވެ އޭނާގެ ދަރިކަލުންގެ ހައްގުތަކަށް ގެއްލުން ނުވާ ގޮތަށް އަމަލުކޮށް ދިނުމަށް ނާޒިމް އެދިވަޑައިގަތެވެ.
ނާޒިމްގެ އެ ވާހަކަތައް އަޑުއެހުމަށް ފަހު ކުޑަވަގުތުކޮޅަކަށް ޝަރީއަތް މެދުކަނޑާލުމަށް ފަހު އަލުން ފަށައި، ފަނޑިޔާރުން ބެންޗުން ނާޒިމަށް ދެއްވީ ޖަވާބުދާރީވުމަށް ފަސް ދުވަހުގެ ފުރުސަތެކެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ ގަވާއިދުގެ ދަށުން އެ މައްސަލައިގައި ވެސް އަމަލުކުރާނީ އެކަމަށް އޮންނަ އުސޫލުގެ ދަށުން ކަމަށެވެ.
ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާ ކޮރަޕްޝަންގެ ހަތަރު ދައުވާގެ ތެރެއިން ދެވަނަ ދައުވާއެއްގެ އިސްތިއުނާފީ އަޑުއެހުން ވެސް މިއަދަށް ތާވަލްކޮށްފައި ވަނިކޮށް ފުރަތަމަ މައްސަލައިގެ އަޑުއެހުމުގައި ނާޒިމަށް ފަސް ދުވަހުގެ ފުރުސަތެއް ދީފައިވާތީ ދެވަނަ މައްސަލައިގެ އަޑުއެހުން ވެސް ވަނީ ކެންސަލްކޮށްފަ އެވެ. ބާކީ އޮތް ދެ މައްސަލައެއް ވެސް މާދަމާއަށް ސުޕްރީމް ކޯޓުގައި ވަނީ ތާވަލްކޮށްފަ އެވެ.
ސަރުކާރުގެ ހަތަރު ޕްރޮޖެކްޓެއް މަކަރާ ހީލަތުން ކާމިޔާބު ކުރި ކަމަށް ބުނެ މަގާމުގެ ނުފޫޒު ބޭނުންކުރިކަމުގެ ހަތަރު ދައުވާއެއް ދައުލަތުން ނާޒިމްގެ މައްޗަށް އުފުލި އެވެ. ނަމަވެސް ދަށު ކޯޓާއި ހައި ކޯޓުން ވެސް ނިންމީ އެ ހަތަރު މައްސަލައިގައި ވެސް ނާޒިމް ކުރީ ކުށެއް ކަމަށް ނުބެލެވޭ ކަމަށެވެ.
ސަރުކާރު ހިންގާ ޕީޕީއެމަށް ނިސްބަތްވާ އަދި ރައީސް އަބްދުﷲ ޔާމީންގެ ކުރީގެ އަރިސް ބޭފުޅެއް ކަމަށް ވާ ނާޒިމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ ހަތަރު މައްސަލައެއްގެ ޝަރީއަތް ފެށި އިރު ބްލެކް މެއިލް ކުރުމުގެ މައްސަލައެއްގެ ތުހުމަތުގައި މިދިޔަ އަހަރުގެ ފަހުކޮޅު ނާޒިމްގެ ޕާސްޕޯޓް ވެސް ފުލުހުން ވަނީ ހިފަހައްޓާފައެވެ.