ހަބަރު

މުދަލު ޒަކާތަށް މިފަހަރު ބޮޑު އަދަދެއް، 6.9 މިލިއަން ރުފިޔާ

  • މިރާއިން ބުނީ މިއީ ރަނގަޅު ތަރުހީބެއް ކަމަށް
  • މުދަލު ޒަކާތަށް މީހުން ހޭލުންތެރި ކުރަން ފަށަނީ
  • މީގެ ކުރިން މުދަލު ޒަކާތަށް ސަމާލުކަމެއް ނުދޭ

ދައުލަތުގެ ޓެކްސް އިދާރާ، މީރާއަށް މުދަލުގެ ޒަކާތް ނަގަން ފެށި ފުރަތަަމަ މަހުވެސް، އެ ޒަކާތުގެ ގޮތުގައި 6.9 މިލިއަން ރުފިޔާ ލިބިފައިވާ ކަން އެ އޮތޯރިޓީ އިން ހާމަ ކުރި މިދިޔަ މަހުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މުދަލުގެ ޒަކާތުގެ ކަންކަން ބަލައިގަތުން މީރާއާ ހަވާލުކުރީ މީގެ ހަތަރު ވަރަކަށް މަސް ކުރިންނެވެ. ނަމަވެސް އަމަލީ ގޮތުން ޒަކާތް ބަލައިގަންނަން މީރާއިން ފަށާފައި ވަނީ ނިމުނު ޖޫން މަހުން ފެށިގެންނެވެ.

މީރާ އަށް މިއަހަރުގެ މިހާތަނަށް ލިބިފައިވާ އާމްދަނީއާ ޓެކްސް ގެ ތަފްސީލު ހިމަނައިގެން ނެރެފައިވާ މީރާގެ ތަފާސްހިސާބުތަކުގައި ބުނެފައި ވަނީ، ހުސްވި ޖޫންމަހު މުދަލުގެ ޒަކާތުގެ ގޮތުގައި ޖުމްލަ 6.10 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އެއީ، ޒަކާތުގެ ގޮތުގައި ލިބުނު 1095 ޑޮލަރާއި، ދިވެހި ރުފިޔާގެ ގޮތުގައި ލިބުނު 6.96 މިލިއަން ރުފިޔާ އެވެ. މިދިޔަ މަހު ޒަކާތުގެ ނިސޯބުގެ ގޮތުގައި ކަނޑައަޅާފައިވަނީ، 4212.60 ރުފިޔާ އެވެ.

މީރާގެ ޑިރެކްޓާ ޖެނަރަލް މުހައްމަދު ޝާހިދު ވިދާޅުވީ، ރޯދަ މަހާއެކު މިދިޔަ މަސް ފާހަގަކުރެވުނީ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޒަކާތަށް ފަރުވާތެރިވި މަހެއްގެ ގޮތުގައި ކަމަށެވެ. އެއީ މީރާއަށް ހެޔޮ ފެށުމެއް ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ޒަކާތަށް ފަރުވާތެރިވުމަށް ހަނދުމަކޮށްދޭ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ، ޒަކާތް ބަލައިގަތުން މީރާއާ ހަވާލުކުރުމާ ގުޅިގެން ކަމާއި ގުޅޭ ފަންނީ މައުލޫމާތާއި ތަމްރީން މުވައްޒަފުންނަށް ދިނުމަށް އިސްލާމިކް މިނިސްޓްރީއާ ގުޅިގެން މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. މުވައްޒަފުންނަށް މައުލޫމާތު ދިނުމަށް އިސްލާމިކް މިނިސްޓްރީއާ ގުޅިގެން މިހާތަނަށް ދެ ސެޝަނެއް ކުރިއަށް ގެންގޮސްފައިވާއިރު، އެ ސެޝަންތައް ނިމުމާއެކު އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ފަށައިގަންނާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

މުދަލު ޒަކާތުގެ ގޮތުގައި މީރާއިން ބަލައިގަންނަ ފައިސާ ޖަމާކުރާނީ ދައުލަތުން އެކަމަށްޓަކައި ކަނޑައަޅާފައިވާ ހާއްސަ އެކައުންޓަކަށެވެ. ޒަކާތް ބެހުމުގައި ހަރަކާތްތެރިވާނީ އިސްލާމިކް މިނިސްޓްރީންނެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސޯބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ފަރުޟެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެ އެވެ.