މި ސީޒަނުގެ ބާކީ އޮތް ބަޔަށް ގެންނާނީ ބިދޭސީ ކޯޗެއް ކަމަށް ވިކްޓަރީ ސްޕޯޓްސް ކުލަބުން ބުނެފި އެވެ.
ޖެނެރަލް ސެކްރެޓަރީ އަލ ފަޔާޒް ވިދާޅުވީ ބިދޭސީ ކޯޗަކު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި މީގެ ކުރިން ރާއްޖޭގައި މަސައްކަތްކޮށްފައިވާ ކޯޗުންނާ ވެސް ވާހަކަ ދައްކާފައިވާ ކަމަށެވެ.
"މިއަހަރު ދެން ފެންނާނީ ބޭރު ކޯޗެއް. ވަރަށް ގިނަ ކޯޗުންނާ ވާހަކަ ދައްކާފައިމިވަނީ. މީގެ ތެރޭގައި ރާއްޖޭގައި ކުރިން މަސައްކަތް ކުރި ކޯޗުން ވެސް ހިމެނޭ. ގައުމީ ޓީމަށް އައިސްފައިތިބި ކޯޗުން ވެސް އެބަތިބި،" ފަޔާޒް ވިދާޅުވި އެވެ.
ކުރިން ވިކްޓަރީގެ ފަހަތަށް ކުޅުނު ފަޔާޒް ވިދާޅުވީ ކުރިން މިދިޔަ އަހަރު ނިއުރޭޑިއަންޓަށް ކޯޗުކޮށްދިން ސާބިއާގެ ކޯޗު ނިކޮލާ ކަވަޒޮވިޗް ސަސްޕެންޑްކޮށްފައި ހުރިކަން އެނގުނީ ކޯޗާ ވާހަކަ ދެއްކި ފަހުން ކަމަށެވެ.
"ބިދޭސީ ކޯޗެއް ގެންނާނީ. (އަހުމަދު ނާޝިދު) ނާދު ކޯޗު ހުންނާނީ އެސިސްޓެންޓް ކޯޗަކަށް. ދެން ތިބީ (އިބްރާހީމް ރިޔާޒް) ގާނާ އާއި (އަބުދުﷲ) މުފީދު. މި ޓެކްނިކަލް ޓީމު ވިކްޓަރީގައި އޮންނާނީ،" ފަޔާޒް ވިދާޅުވި އެވެ.
ވިކްޓަރީން ކޯޗަކު ހޯދަން މަސައްކަތް ފެށީ މި ސީޒަނުގައި ޓީމާ ހަވާލުވި ކޯޗު މުހައްމަދު ނަޒީހު މީގެ ދެ ދުވަސް ކުރިން ކޯޗުކަމުން ވަކިވުމުންނެވެ.
އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި މިވަގުތު ވިކްޓަރީ އޮތީ ފަސް ޕޮއިންޓާއެކު ހަތްވަނާގަ އެވެ.