އެމްއެމްއޭ

274 މިލިއަން ރުފިޔާގެ ބާ ނޫޓް އަދިވެސް ނުލިބި

ރަންދިހަ ފަހެއް ތައާރަފް ކުރި ފަހުން 274 މިލިއަން ރުފިޔާގެ ބާ ނޫޓް، އަދިވެސް ނުލިބި ހުރި ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފި އެވެ.

"އަވަސް"އާ ވާހަކަދައްކަވަމުން އެމްއެމްއޭގެ އިންފޮމޭޝަން އޮފިސާ މަންސޫރު ޒުބައިރު ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް މިހާރު ކާމިޔާބު ކަމައިއެކު ރަންދިހަ ފަހަކަށް ހޭލުންތެރިކޮށްފައިވާ ކަމަށާއި ނަމަވެސް އަދިވެސް ބައެއް ފަރާތްތަކުން ކުރީގެ ނޫޓުތައް ދޫނުކޮށް އެބަތިބި ކަމަށެވެ. އަދި އެމްއެމްއޭގެ ހިސާބުތަކަށް ބަލާ އިރު ރަންދިހަ ފަހެއް ބޭނުން ކުރަން ފެށިފަހުން މިހާތަނަށް 3.12 ބިލިއަން ރުފިޔާގެ ނޫޓު އެ ބޭންކުން ދޫކޮށްފައިވާ ކަމަށް މަންސޫރު ވިދާޅުވި އެވެ. ނަމަވެސް ބާނޫޓްތަކުގެ 10 ޕަސަންޓުގެ އަދިވެސް ނުލިބޭ ކަމަށް މަންސޫރު ވިދާޅުވި އެވެ.

"ގާތްގަނޑަކަށް 274 މިލިއަން ރުފިޔާގެ ބާ ނޫޓުތައް އަދިވެސް އާމުންގެ ތެރޭ އުޅޭ. އަޅުގަނޑުމެން އިލްތިމާސް ކުރަނީ ވީހާވެސް އަވަހަކަށް އެ ރުފިޔާތައްވެސް ދޫކޮށް އާ ނޫޓަށް އެއްކޮށް ބަދަލުވާން،" މަންސޫރު ވިދާޅުވި އެވެ.

އެމްއެމްއޭ އިން ނިންމާފައިވާ ގޮތުގައި މިމަހުގެ ނިޔަލަށް ވިޔަފާރިތަކުން ބާ ނޫޓު ބަލައެއް ނުގަނެވޭނެ އެވެ. އެކަމާ ގުޅިގެން މަންސޫރު ވިދާޅުވީ ވިޔަފާރިތަކުން ބާ ނޫޓު ނުހިފިޔަސް ބޭންކުތަކަށް ޖަމާ ކުރާ ނޫޓުތައް މިއަހަރުގެ ނިޔަލަށް ބަލައިގަންނާނެ ކަމަށެވެ. އަދި އަންނަ މަހުން ފެށިގެން ހުރިހާ އޭޓީއެމްތަކުން ރަންދިހަ ފަހެއް ދޫކުރާނެ ކަމަށް މަންސޫރު ވިދާޅުވި އެވެ.

މަންސޫރު ވިދާޅުވީ ގޮތުގައި ކުރީގެ ނޫޓުތައް އެމްއެމްއޭއިން ވެސް ބަލައިގަންނާނީ ފަސް އަހަރުގެ މުއްދަތަކަށެވެ.

ނޯޓު: މީގެކުރިން މި ހަބަރުގައި އެމްއެމްއަށް 790 މިލިއަން ރުފިޔާގެ ކުރީގެ ނޫޓު ނުލިބޭ ކަމަށް ލިޔެވިފައިވަނީ މައުލޫމާތުގެ ކުށަކުންނެވެ. ރަނގަޅު ގޮތަކީ 274 މިލިއަން ރުފިޔާގެ ކުރީގެ ނޫޓެވެ.