ޕީޕީއެމް

އިސްލާހާ ދެކޮޅު ބަޔަކު ކައުންސިލްގައި އެބަތިބި: ޕީޕީއެމް

ވެރިކަންކުރާ ޕާޓީ ޕީޕީއެމްގެ ތެރޭގައި ހަމަނުޖެހުން ހުއްޓުވައި އިސްލާހީ މަސައްކަތަށް އެޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކުރާ މަސައްކަތާ ދެކޮޅު ހަދާ ބަޔަކު އެޕާޓީގެ ކައުންސިލްގެ ތެރޭގައި އެބަތިބި ކަމަށް ޕީޕީއެމުން ބުނެފި އެވެ.

ޕީޕީއެމުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކައުންސިލްގެ ބައްދަލުވުމެއް ނުބާއްވާ އިސްލާހީ މަސައްކަތް ކުރިއަށް ގެންދަން ޕާޓީގެ ރައީސް ނިންމި ނިންމުމަކީ ވަރަށް ހިކުމަތްތެރިކަމާއެކު ނިންމި ނިންމުމެއްކަން އެނގޭ ކަމަށެވެ. ޕާޓީގެ ރައީސް މައުމޫން ވިދާޅުވަނީ ޕާޓީގެ ތެރޭގައި ދިމާވެފައިވާ މައްސަލަތައް ހައްލު ކުރެވޭނީ ޕާޓީގެ އެންމެހާ މެމްބަރުންނާއި ހުރިހާ ގުނަންތަކުން ގުޅިގެން މަޝްވަރާކޮށްގެން ކަމަށެވެ.

ރޭގައި ކުރިއަށް ގެންދަން މަސައްކަތް ކުރި ޕީޕީއެމް ކައުންސިލް ބައްދަލުވުން ދޫކޮށް ގިނަ މެމްބަރުން ނިކުމެގެން ދިޔައީ ޕާޓީގެ ސުލޫކީ ކޮމިޓީ އިން ވަކި ކުރި ބައެއް މެންބަރުން ޕާޓީގެ ކައުންސިލްގައި ތިއްބަވައިގެން ޖަލްސާ ކުރިއަށް ގެންިދޔުން ގަބޫލު ނުކުރެވިގެންނެވެ.

ސުލޫކީ ކޮމެޓީގެ ނައިބު މުގައްރިރު އަލީ ވަހީދު އަބްދުއް ރަހްމާން ފޮނުވާފައިވާ ސިޓީއަކާ ހަވާލާދީ ބަޔާނުގައި ބުނެފައި ވަނީ ސުލޫކީ ކޮމެޓީގައި ބައިވެރިވެފައިވަނީ ތިން މެމްބަރުން ކަމަށެވެ. ނަމަވެސް ޕާޓީގެ ގަވާއިދު ބުނާގޮތުން ސުލޫކީ ކޮމެޓީގައި ހަތް މެމްބަރުން ތިބެން ޖެހޭއިރު ޖަލްސާގެ ކޯރަމް ހަމަވާނީ ހަތަރު މެމްބަރުން ހާޒިރުވެގެން ކަމަށް ވެސް ބަޔާނުގައިވެ އެވެ. އަދި އެ ބައްދަލުވުމުގައި ނެގި ވޯޓުގައި ރިޔާސަތުންވެސް ބައިވެރިވެފައި ވާތީ އެ ބައްދަލުވުން ސައްހަ ނުވާނެ ކަމަށް ވެސް ޕީޕީއެމް އިން ނެރުނު ބަޔާނުގައިވެ އެވެ.

މިކަމަކީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ހިނގާފައިވާ ކަމެއް ކަމަށާއި އެއީ ބާތިލް ނިންމުމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި ސުލޫކީ ކޮމެޓީއެއް ބޭއްވިކަންވެސް އެނގިފައިވަނީ މީޑިއާގެ ޒަރިއްޔާއިން ކަމަށާއި އެ ނިންމުންތަކުގެ އެއްވެސް ލިޔެ ކިޔުމެއް ޕާޓީގެ އޮފީހަށް ފޮނުވާފައި ނުވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ޕީޕީއެމް އިން އެހެން ބުނި އިރު، އެ ޕާޓީގެ އަސާސީ ގަވާއިދުގައި ބުނެފައި ވަނީ، ޕީޕީއެމްގެ ސުލޫކީ ކޮމިޓީ އެކުލެވިގެން ވަނީ ޖުމްލަ ފަސް މެންބަރުންގެ މައްޗަށް ކަމަށެވެ. އަދި މައްސަލައެއް ހުށަހެޅިއްޖެ ނަމަ، މައްސަލަ ރައްދުވާ ފަރާތުން ދެ މެންބަރަކު ހަމަޖައްސަން ޖެހެ އެވެ. ޕީޕިއެމްގެ ކައުންސިލްގެ ގިނަ މެންބަރުން ވިދާޅުވަނީ، ފާރިޝް ވެސް އަދި ނާދިރާ ވެސް އެފަރާތުން ހަމަޖައްސަން ޖެހޭ ދެ މެންބަރުން ހަމަނުޖައްސާ އެ ހައްގު ދޫކޮށްލުމުން ސުލޫކީ ކޮމިޓީގެ ކޯރަމް ތިން މެންބަރުން ތިބި ނަމަވެސް ހަމަވާނެ ކަމަށެވެ. އަދި އެ ނިންމުމަށް އިއުތިރާޒް ކުރާ ނަމަ މައްސަލަ އިސްތިއުނާފު ކޮމިޓީއަށް ހުށަހެޅިދާނެ ކަމަށް ވެސް އެ މެންބަރުން އަންނަނީ ވިދާޅުވަމުންނެވެ. އެފަދަ މައްސަލައެއް އެބޭފުޅުންގެ މައްޗަށް އޮއްވައި ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވުން ގަބޫލު ނުކުރެވޭ ކަމަށް ވެސް މެންބަރުން ވިދާޅުވި އެވެ.