ހަބަރު

ގުޅުން ބަދަހިކުރުމަށް އިސް ގާޒީންނާއި ނޫސްވެރިން އެއް މޭޒަކަށް

ޝަރުއީ ދާއިރާ އިން މީޑިއާތަކާ ގުޅުން ބަދަހި ކުރުމަށް ބާއްވާ، އޯޕަން ހައުސް މީޑިއާ ވީކްގެ ތެރެއިން، ކޯޓުތަކުގެ އިސް ގާޒީން، ކޯޓުތަކުގެ ހަބަރުތައް ކަވާކުރާ ނޫސްވެރިންނާ ބައްދަލުކޮށް، ކަންބޮޑުވުންތައް އޮޅުންފިލުވައިފި އެވެ. މި ބައްދުވުން އޮތީ މިއަދު ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުގަ އެވެ.

މިއަދުގެ ބައްދަލުވުމުގައި ކުރިމިނަލް ކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި ގާޒީ އަބްދުލް ބާރީ ޔޫސުފާއި ސިިވިލް ކޯޓް ހިންގެވުމާ ހަވާލުވެ ހުންނެވި ގާޒީ އަބްދުﷲ އަލީ އާއި ޖުވެނައިލް ކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި ގާޒީ ސައީދު އިބްރާހިމާއި ފެމިލީ ކޯޓުގެ އިސް ގާޒީ އަދި ޑްރަގް ކޯޓުގެ އިސް ގާޒީ ބައިވެރިވެވަޑައިގަތެވެ. އަދި ހައިކޯޓުން ބޭފުޅެއް ވެސް މި ބައްދަލުވުމުގައި ބައިވެރިވި އެވެ. މި ބައްދަލުވުމުގައި ޕީއެސްއެމް އާއި ރާއްޖެ ޓީވީ އާއި ސަންގް ޓީވީ އާއި ސަން އޮންލައިނާއި އަވަސް އޮންލައިނާއި މިހާރު އޮންލައިން އަދި މިއަދު ނޫހުގެ ނޫސްވެރިން ބައިވެރިވި އެވެ.

މި ބައްދަލުވުމުގައި ކޮންމެ ކޯޓެއްގެ ވެސް އިސްގާޒީން، ވަނީ އެ ކޯޓެއްގެ ހަބަރުތައް ކަވާކުރާއިރު، ނޫސްވެރިންނަށް ހެދޭ ގޯސްތަށް ފާހަގަކޮށްދެއްވާފަ އެވެ. އެ ކޯޓުތަކާ މިހާރަށްވުރެ ބޮޑަށް ގުޅުން ބަދަހިކޮށް އެކުވެރި މާހައުލެއްގައި މަސައްކަތްކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ވެސް އިސް ގާޒީން ވަނީ ވާހަކަ ދައްކަވާފަ އެވެ. އަދި މިހާރަށްވުރެ ދެފުށް ފެންނަ ގޮތެއްގައި މައުލޫމާތުތައް ހާމަކުރުމާ ގުޅޭ ގޮތުން ވެސް ވާހަކަ ދެކެވުނެވެ.

މިއަދުގެ ބައްދަލުވުމުގައި ކޮންމެ މީޑިއާއަކުން ވެސް ވަނީ އެ މީޑިއާއަކަށް ކޯޓުތަކުގެ ހަބަރުތައް ކަވަރުކުރާ އިރު، ދިމާވާ އުނދަގޫތަކާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކާފަ އެވެ. އެގޮތުން ނޫސްވެރިން ވަނީ ކޯޓުތަކުގެ އިދާރީ ކަންކަން ހުންނަ ގޮތުން ބައެއް ފަހަރަށް ނޫސްވެރިންނަށް އުނދަގޫވާ ކަމާއި ކޯޓުތަކުން މައުލޫމާތު ހޯދުމަށް ދަތިވާކަން ފާހަގަކޮށްފަ އެވެ.

ނޫސްވެރިން ފާހަގަކުރި ގިނަ ޝަކުވާތަކާ ގުޅިގެން އިސް ގާޒީން ވަނީ އެ މައްސަލަތައް ބައްލަވާ، އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އަރުވާފަ އެވެ. އަދި، މިހާރަށްވުރެ ނޫސްވެރިންނާ ގާތްކޮށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީން ވެސް ދެއްވާފަ އެވެ.

ދެ ގަޑިއިރަށް ކުރިއަށްދިޔަ މި މަޝްވަރާ މަޖިލީހުގައި ގިނަ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާއިރު، ނޫސްވެރިންގެ ހުރި ބައެއް ކަންބޮޑުވުންތަކަށް މިހާރު ވެސް ވަނީ ހައްލެއް ލިބިފަ އެވެ. ބައްދަލުވުމަށްފަހު އިސް ގާޒީން ވަނީ ނޫސްވެރިންނާއެކު މެންދުރުގެ ފަރިކޮޅެއްގައި ބައިވެރިވެވަޑައިގެންފަ އެވެ.

ކޯޓުތަކުގެ ގާޒީން މިފަދަ ގޮތަކަށް ނޫސްވެރިންނާ ބައްދަލުކުރި މިއީ ފުރަތަމަ ފަހަރެވެ. ކުރިއަށް އޮތްތާ މިފަދަ ސިލްސިލާ ބައްދަލުވުންތަކެއް ނޫސްވެރިންނާއެކު ކޮންމެ ކޯޓަކުން ވެސް ބޭއްވުމާ ގުޅޭ ގޮތުން މިއަދު މަޝްވަރާކުރެވުނެވެ.