ހަބަރު

ރާއްޖޭގައި ކެންސަރުގެ ފަރުވާ ފަށަން މަނިޕާލް ހޮސްޕިޓަލާއެކު ސޮއިކުރަނީ

Jul 20, 2016
2

ކެންސަރު ބައްޔަށް ފަރުވާދޭ ހާއްސަ ހޮސްޕިޓަލަކަށް ހުޅުމާލެ ހޮސްޕިޓަލު ހެދުމުގެ ގޮތުން އިންޑިޔާގެ މަނިޕާލް ހޮސްޕިޓަލާއެކު އާސަންދަ ކުންފުނިން މާދަމާ ސޮއިކުރާނެ އެވެ.

އާސަންދަ ކުންފުނިން ހިންގާ، ހުޅުމާލެ ހޮސްޕިޓަލް، ބޮޑެތި ބަލިތަކަށް ފަރުވާދޭ ތަނަކަށް ހަދާނެ ކަމަށް އެ ކުންފުނިން މީގެ ކުރިންވެސް ވަނީ ބުނެފަ އެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، މައުމޫނު އަބްދުއްސަމަދު ވިދާޅުވީ ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށްދާ ބޮޑެތި ބަލިތަކަށް ފަރުވާދޭ ތަނަކަށް ހުޅުމާލެ ހޮސްޕިޓަލް ހައްދަވާނެ ކަމަށެވެ. އެގޮތުން ކެންސަރުގެ އޮޕަރޭޝަންތަކަށް ފަހު ދޭ ކީމޯ ތެރަޕީ ފަދަ ފަރުވާތައް ފަށާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި ކެންސަރުގެ ފަރުވާ ފަށަން ސޮއިކުރާ އިންޑިޔާގެ މަނިޕާލް ހޮސްޕިޓްލަކީ ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް ގިނަ އަދަދެއްގެ ދިވެހިންދާ ހޮސްޕިޓަލެވެ. އަދި ކެންސަރު ބައްޔަކީ ރާއްޖޭން ބޭރުން އެންމެ ގިނަ މީހުން ފަރުވާ ހޯދާ އެއް ބައްޔެވެ.

ސަރުކާރުން ދަނީ ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން ދާދިފަހުން އައިޖީއެމްއެޗްގައި ވަނީ ހިތުގެ ބަލިތަކަށް ފަރުވާދޭ ހާއްސަ ޑިޕާޓްމަންޓެއް އުފައްދާފަ އެވެ. މިއީ ރާއްޖޭން ބޭރަށް ގިނަ އަދަދެއްގެ ދިވެހިން ފަރުވާ ހޯދަން ދާ ކަމެކެވެ. އެންޖިއޯޕްލާސްޓީ އެއް ރާއްޖޭން ބޭރުން ހަދާނަމަ ގާތްގަނޑަކަށް 10،000 ޑޮލަރު ހޭދަކުރަން ޖެހެ އެވެ.