ރިޕޯޓް

އަބުރުގެ ބިލު: މިހާރު މަލަންގަނޑު ނައްޓާލެވިދާނެތަ؟

Jul 23, 2016
10
  • މި ބިލުން ނޫސްވެރިކަން ކުރުމަށް ހިފެހެއްޓުންތަކެއް އަންނާނެ
  • އަބުރާ ބެހޭ ނަމަ، ބޮޑެތި އަދަބުތައް އަދިވެސް އެބަހުރި
  • ނޫސްވެރިކަމަށް އިސްތިސްނާތަކެއް ވެސް އެބަހުރި

ގާނޫނުއަސާސީގެ 27 ވަނަ މާއްދާ އާއި 33 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަކީ ނޫސްވެރިން އެންމެ ވަރުގަދައަށް ދިފާއު ކުރާނެ ކަންކަމެވެ. އެއާއެކު ގާނޫނުއަސާސީގެ 16 ވަނަ މާއްދާ އަށް ވެސް ބަލައިލަން ޖެހެ އެވެ. އޭގައި ބުނެދެނީ އަސާސީ ހައްގުތައް އެ ހުރި މިންވަރަށް ވުރެ ހަނި ކުރަންޖެހޭނަމަ ތަހުޒީބު މުޖުތަމައުގައި އެކަން އޮންނަ މިންވަރެއް ބަލައި ބުއްދި ގަބޫލު ކުރާ މިންވަރަކަށް ހަނި ކުރުމަށް ގާނޫންތަކެއް ހަދަން ޖެހެއޭ އެވެ. އޭގެ ތެރޭގައި ހިޔާލު ފާޅު ކުރާއިރު އަބުރު ރައްކާތެރި ކުރުމަށް ދީފައިވާ ހައްގުތައް ކަށަވަރު ކުރުން ވެސް މުހިންމުވާ ގޮތަށެވެ.

މިހާރު އޮތް ގާނޫނުން އަބުރު ރައްކާތެރި ނުކޮށްދެވޭ ކަމަށް ބުނެ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކު މަޖިލީހަށް ހުށަހެޅުއްވި އަބުރު ރައްކާތެރި ކުރުމުގެ ބިލުވީ ގޮއްވާލި "ޓައިމް ބޮމަ" ކަމަށެވެ. އެއިން ނޫސްވެރިކަމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން "އެކީ ނިގުޅައި ގަނެފައިވާ" ކަމަށް ބައެއް ފަރާތްތަކުންނާއި ނޫސްވެރިން ވެސް ދެކުނެވެ. އަދި އެކަމާ ކަންބޮޑުވި އެވެ. ނޫސްވެރިންނާއި ނޫސްތަކާއި ޓީވީ/ ރޭޑިއޯ ޗެނަލް ތަކުން އެ މައްސަލަ ނިއުޅާލާ އެކި ސިފަ ސިފައިގައި ދިން ޕްރެޝަރުގެ ސަބަބުން އެ ބިލު އަންބުރާ ގެންދިޔަ އެވެ.

މިހާރު ވަނީ އަބުރު ރައްކާތެރި ކޮށްދިނުމުގެ އާ ބިލެއް ރައްޔިތުން މަޖިލީހުގެ އުންގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާއޫދު މަޖިލީހަށް އަނެއްކާ ވެސް ވައްދާފަ އެވެ. އެ މެންބަރު ވިދާޅުވާ ގޮތުގައި އާ ބިލު "ވަރަށް ފައްކާ" ވާނެ އެވެ. ނޫސްވެރިންގެ މަސައްކަތަށް ހުރަހެއް ނޭޅޭނެ އެވެ. އެހެންކަމުން ބިލުގައި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދީފައި ވަނީ ކިހާވަރަކަށްތޯ ބަލައިލަން ޖެހެ އެވެ.

ބޭނުންހާ ހަބަރެއް ނުފެތުރޭނެ!

ހަބަރު ފަތުރާ ވަސީލަތްތަކަށް މި ބިލުގައި ވެސް ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުން ކުރުމުގައި "ލިމިޓޭޝަން ބޭންޑެއް" އަޅުވާފައި ވެއެވެ. އެގޮތުން ބައެއް ހާލަތްތަކުގައި މިހާތަނަށް މީޑިއާގައި ރިޕޯޓް ކުރަމުން އައި ގޮތަށް ހުރިހާ ވާހަކައެއް ރިޕޯޓެއް ނުކުރެވެ އެވެ. މައިގަނޑު ތިން ކަމެއް ލިމިޓޭޝަން ބޭންޑުން ހިފަހައްޓައިދެ އެވެ. ފުރަތަމަ އަދި އެންމެ މުހިންމު ކަމަކަށް މީހެއްގެ ހައްގަށް، ނަމަށް، އަބުރަށް، ގަދަރަށް ނުވަތަ ކަރާމާތަށް އުނިކަމެއް ނޫނީ ގެއްލުން ލިބޭ އަދި ސާބިތު ނުހިފޭ ދޮގު ހަބަރު މި ބޭންޑުން ލިމިޓްކޮށް ނޫސްވެރިޔާ ނޫނީ މީޑިއާ ހުއްޓުވަ އެވެ.

ދެން މަނާ ކޮށްފައިވަނީ އިސްލާމް ދީނާ ހިލާފު ވާހަކަތަކާއި ގައުމުގެ ސިޔާދަތަށް ނުވަތަ އިސްތިގުލާލަށް ގެއްލުން ލިބޭ ފަދަ ހިޔާލުތަކެވެ. -- އެ ގޮތް މާނަ ކުރާ ހިސާބަކީ މިންވަރަކީ ކޮބައިކަން ދާނީ ބަހުސަަކަށެވެ-- ދެން ޓެރަރިޒަމް އަމަލަކަށް ހިތްވަރު ދިނުމަށް ނުވަތަ ހަތިޔާރު ބޭނުންކޮށްގެން އުދުވާނީ ހަރަކާތްތައް ހިންގަން ގޮވާލާ ހިޔާލުތައް ފާޅެއް ނުކުރެވޭނެ އެވެ. ދެން އޮތް ކަމަކީ އާންމު އުސޫލެއްގެ ގޮތުން އަމަލު ކުރަމުން އަންނަ، އަހްލާގީ ނޫނީ ސުލޫކީ މިންގަނޑު ނުވަތަ ރައްޔިތުންގެ މައްސޫލިއްޔަތު އުފުލުމުގައި ވާޖިބު އަދާކުރާ ފަރާތްތަކުންނާއި މީޑިއާ ވަސީލަތްތަކުން ތަބާވަމުން ދާނެ މިންގަނޑުތަކާ ހިލާފު ހިޔާލެއް ފާޅު ކުރުމެވެ. އެގޮތުން މީހެއްގެ މުދަލަށް ގެއްލުން ދިނުމަށާއި މީހެއްގެ ފުރާނައަށް ނުވަތަ މަސްތުވާތަކެތި އިޝްތިހާރުވާ ހިޔާލުތަކުގެ އިތުރުން 18 އަހަރުގެ ކުޑަކުދިންނަށް ފޯރާ ފަށުގައި އެކުދިންގެ ވިސްނުމަށް ނުރަނގަޅު އަސަރު ކުރާ ކަހަލަ ހިޔާލުތައް ފާޅުނުކުރުމަށް މި ލިމިޓޭޝަން ބޭންޑުން އެހީވެދެ އެވެ.

އަދިވެސް ބޮޑެތި އަދަބުތަކެއް!

މިހާރު އޮންނަ ގޮތުން އަބުރަށް އަރައިގަތުމަށް ގިނަ މަގުތަކެއް ފަހިވެފައިވާ އިރު އެކަމުގެ އަދަބަކަށް ޖޫރިމަނާގެ ގޮތުގައި ނަގައި ދެވެނީ 5000ރ. އެވެ. އެއީ މީހުން ޖެހިލުންވާ ވަރުގެ އަދަބެއް ނޫނެވެ. ފަސްހާސް ދީފައި މީހެއްގެ އަބުރު ދުއްވާލަކަށް މީހުން ޖެހިލުމެއް ނުވެއެވެ. ނަމަވެސް އާ ބިލުގައި އެ އަދަދު ވަނީ އަނެއްކާވެސް ބޮޑުކޮށްފަ އެވެ. ކުރީގެ ނަމްބަރާ ބަލާއިރު ހާލަތު އަންނަ ގޮތުން މިއީ "ރީޒަނަބަލް" މިންވަރެއް ކަމަށް ބެލިދާނެ އެެވެ. ހަމައެއާއެކު ފާހަގަކޮށްލަން ޖެހޭ ކަމަކީ ފިޔަވަޅު އެޅުމުގެ ކުރިން އިސްލާހު ކުރަން ފުރުސަތު ހުޅުވައިދީފައި އޮތުމެވެ. އެކަމަކު މިއީ އަދިވެސް މީޑިއާ ކަންބޮޑުވެދާނެ ކަމެކެވެ.

ކުރިން ހުށަހެޅި ބިލުގައި ނޫސްވެރިން އެންމެ ބޮޑަށް ކަންބޮޑުވީ ފަތުރާ ހަބަރެއްގެ ސަބަބުން ޖިނާއީ ދައުވާ ކުރެވޭތީ އެވެ. ނަމަވެސް މިހާރު އެކަމަށް ލުޔެއް އެބައޮތެވެ. ކުރާނީ މަދަނީ ދައުވާއެކެވެ. މީޑިއާގެ ގޮތު، ރަޖިސްޓްރީކޮށްފައިވާ ނޫޙެއް، ޗެނަލެއް އަބުރާ ބެހުމުގެ މައްސަލައަކަށް ތުހުމަތު ކުރެވޭނަމަ އެ މައްސަލައެއް ހުށަހަޅަން ޖެހޭނީ މީޑިއާގެ ކަންތައްތައް ބަލަހައްޓާ ދައުލަތުގެ މުއައްސަސާއަށެވެ.

އެ މައްސަލަ ސާބިތުވެއްޖެ ނަމަ އެ ފަރާތަކަށް އިންޒާރުދީ އެކަން އިއުލާން ކުރަން ޖެހެ އެވެ. ތުހުމަތު ސާބިތުވި ފަރާތް މާފަށްވެސް އެދެން ޖެހެއެވެ. ނަމަވެސް ތަކުރާރުކޮށް އެ ގާނޫނާ ހިލާފުވެއްޖެ ނަމަ މީޑީއާގެ އެ އިދާރާއެއް މީޑިއާއިން ވަކި މުއްދަތަކަށް ސަސްޕެންޑު ކުރެވެ އެވެ. ދެން އޮތީ ޖޫރިމަނާ ކުރުމެވެ. ބިލުގައި ބުނެފައިވާ ގޮތުން މީހެއްގެ އަބުރު ގެއްލުވައިލާ ފަދަ ހަބަރެއް ފަތުރައިފި ނަމަ އެމީޑިއާއަށް ފިޔަވާޅު އެޅުމުގެ އިތުރުން 50،000ރ. އާއި ދެ މިލިއަން ރުފިޔާ ދެމެދު އަދަދަކަށް ޖޫރިމަނާ ކުރާނެ އެވެ.

މި އަދަބުތައް އޮތް ނަމަވެސް ކޯޓްގައި ޖޫރިމަނާ އިސްތިއުނާފު ކުރުމުގެ ހައްގު ލިބިގެން ވެއެވެ. އެކަމަކު އިސްތިއުނާފު ކުރެވެެނީ ޖޫރިމަނާ ދެއްކުމަށް ފަހު އެވެ. ޖޫރިމަނާއަށް ފަހު ކުރާ އިސްތިއުނާފު ކާމިޔާބު ވެއްޖެ ނަމަ ޖޫރިމަނާއަށް ދެއްކި ފައިސާ އަނބުރާ ލިބެ އެވެ. ނަމަވެސް ޖޫރިމަނާ ނުދައްކައިފި ނަމަ ފުލުހަށް މައްސަލަ ހުށަހަޅައި ޖިނާއީ ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލަށް ފޮނުވެ އެވެ. އަދި ކޯޓުން ހުށަހަޅައި މުއްދަތެއްގެ ތެރޭގައި ފައިސާ ނުދައްކައިފި ނަމަ ތިން މަހާއި ހަ މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވިދާނެ އެވެ.

އަބުރާ ބެހުން ކަމުގައި ނުބެލެވޭ ހަބަރުތައް

މި ގާނޫންގެ ތެރޭގައި އަދަބުތަކާއި އުސޫލުތައް ހިމަނާފައިވާ ގޮތާމެދު އަދިވެސް ގިނަ ސުވާލުތަކެއް ކުރިމަތި ކުރުވާނެ އެވެ. އެއް ސުވާލަކަށް ވާނީ ކުރިން ވެސް ކުރި ސުވާލެވެ. މިނިވަން ކަމާއެކު ނޫސްވެރިކަން ކުރެވޭ ދުވަސްތަކަށް ނިމުމެއް އަންނަނީ ހެއްޔެވެ؟ ނަމަވެސް މި ބިލުގައި ހުރިހާ ހައްގުތަކެއް "ފިއްތާލައިފައި" ވެއެކޭ ނުބުނެވޭނެ އެވެ.

އެގޮތުން މުއައްސަސާއެއްގައި ހިންގަމުންދާ ގާނޫނާ ހިލާފު ކަންކަމާއި މީހެއްގެ ސިއްހަތައް ނުވަތަ ފުރާނައަށް ގެއްލުން ވެދާނެ ހިޔާލުތަކާއި މުއައްސަސާއަކުން ކުރާ ކަމަކުން ތިމާވެއްޓަށް ދިމާވެދާނެ ނުރައްކަލަކަބެހޭ ގޮތުން ހަބަރު ފެތުރުމަކީ އަބުރާ ބެހުން ކަމަކަށް ނުބެލެވެ އެވެ. އަދި ޖަލްސާ ނޫނީ ޕޯޑިއަމްތަކުގައި ދައްކައި ވާހަކަ ރިޕޯޓު ކުރުމުގައި މާނަ ނުގެއްލޭ ގޮތަށް ހަބަރު ރައްދުވާ ފަރާތެއްގެ ބަހެއް ހޯދައިގެން ހަބަރު ފެތުރުން ވެސް އަބުރާ ބެހުން ކަމުގައެއް ނުބެލެވެ އެވެ.

އަބުރުގެ ކުށެއް ގޮތުގައި ނުބެލެވޭ ކަންތަކު ތެރޭގައި އިލްމީ މަގްސަދެއްގައި ހިޔާލު ފާޅުކުރުމާއި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ދައްކާ ވާހަކަތަކާއި، ނޫނީ ގަވައިދުތަކައި އުސޫލުތަކުގެ ތެރެއިން ޝަރުއީ ކޯޓެއްގައި ދެކެވޭ ވާހަކަތައް ވެސް ހިމެނެ އެވެ. އަދި ތަހުގީގު ކުރާ މައައްސަސާތަކުން ކުރާ ތަހުގީގާ ނުވަތަ ކަމެއް ހޯދައި ހޯދުމުގެ ތެރޭގައި ދެކެވޭ ވާހަކަތައް ރިޕޯޓް ކުރެވެ އެވެ. މީގެ އިތުރުން ބޭރުގެ ކޯޓުތަކާއި ޖަމާއަތް ނޫނީ މަޖިލީހަކުން ރަސްމީކޮށް ޝާއިއުކުރާ ވާހަކަތައް ނޫނީ އެއާ ހަވާލާދީ ލިޔެފައި ހުރި ލިޔުންތަކުގައިވާ ވާހަކަތަކަކީ އަބުރާ ބެހުމުގެ ކުށެއް ކަމުގައި ނުބެލެވެ އެވެ.

ބިލު ހުށަހެޅުއްވޮ މެންބަރު ޖައުފަރު ވިދާޅުވި ގޮތުގައި ގިނަ ބަޔަކު މި ގާނޫނު ވުޖޫދަށް ގެންނަން އުޅޭތީ ކަންބޮޑުވުން ފާޅު ކުރި ނަމަވެސް އަބުރާ ބެހުމުގެ ގާނޫނަކީ ކުރިއަރައިފަވާ ތަހުޒީބު ގައުމުތަކުގައި ވެސް ހަރުކަށިކޮށް ފަރިތަކުރާ ގާނޫނެކެވެ.

"އަޅުގަނޑަށްވެސް ވަރަށް ގިނަ ބޭފުޅުން ސުވާލު ކުރެއްވި ބޮޑެތި ޖޫރިމަނާތަކެއް ހުރިތީ. ނަމަވެސް ބައެއް ގައުމުތަކުގައި އެބަހުރި އަބުރާ ބެހިގެން 100 މިލިއަން ޑޮލަރަށްވުރެ ބޮޑުކޮށް ވެސް ޖޫރިމަނާކޮށްފައި. މިހުރިހާ ކަންކަމަށް ވެސް ބަލައިގެން... މި ބިލު ފަރުމާ ކުރީ މިހާރު ރާއްޖޭގައި ހިޔާލު ފާޅު ކުރުމުގެ އުސޫލުތަކަށް ބަލައި ލުއި ފަސޭހަ ގޮތަކަށް،" ޖައުފަރު ވިދާޅުވި އެވެ. "އިސްލާމް ދީނުގައި މި އޮންނަނީ އަބުރު ރައްކާތެރި ކުރުމުގެ ހައްގަކީ އެއީ ޝަރުއީ މައިގަނޑު ފަސް މަގުސަދު ތެރެއިން ހަތަރު ވަނަ މަގުސަދުގެ ގޮތުގައި. އޭގެ މާނައަކީ އިސްލާމީ ދައުލަތެއް ކަމަށްވަންޏާ ވެރިއެއްގެ ވާޖިބެއެއް އެއީ ހުރިހާ ރައްތުންގެ އަބުރު ރައްކާތެރިކުރުން. ނަމަވެސް މިހާތަނަށް ގައުމުގައި ޕްރެކްޓިސް ކުރަމުން އައީ މި ދެންނެވި އިސްލާމީ ދައުލަތެއްގައި މުސްލިމުންގެ އަބުރު ރައްކާތެރިކުރެވޭނެ ގޮތަކަށް އޮތް ނިޒާމެއް ނޫން،"

ޖައުފަރު ވިދާޅުވި ގޮތުގައި މިހާރު ހުށަހަޅާފައިވާ ބިލުގައި މީގެ ކުރިން މީޑިއާއިން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް ވަރަށް ބޮޑަށް ރިޔާއަތްކޮށްފައިވާނެ އެވެ. އެގޮތުން މީޑިއާއިން ކުރި ހަޅުތާލު ތަކުގައި އުފުލި އަޑުތަކާއި ފާޅުކުރި ކަންބޮޑުވުންތަކަށް ލުޔެއް ހޯދައިދީފައި ވާނެ އެވެ.

"މި ބިލުގެ ސަބަބުން އެއްވެސް ކަންބޮޑުވުމެއް މީޑިއާއަކަށް ނެތް. ނަމަވެސް އިތުރު ހިޔާލުތައް ކޮމިޓީ މަރުހަލާގައި އެއްކޮށް މީޑިއާތަކަށް އިތުރަށް ފަސޭހަވާ ގޮތަށް ފަރުމާ ކުރާނެ އަދިވެސް،" ޖައުފަރު ވިދާޅުވި އެވެ.