ވިޔަފާރި

އެއާޕޯޓް އާރަންވޭ އަޅާ ސަރަހައްދު އަންނަ ހަފުތާ ހިއްކަން ފަށަނީ

Jul 20, 2016

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި އާ ރަންވޭ އަޅާ ސަރަހައްދު އަންނަ ހަފުތާގައި ހިއްކަން ފަށާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

މި މަސައްކަތް ކުރަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިންނެވެ. އެ މަސައްކަތް ފެށުމުގެ ގޮތުން އެކަމަށް ބޭނުންވާ ހުރިހާ އާލަތްތަކެއް މިހާރުވަނީ ރާއްޖެއަށް ގެނެސްފަ އެވެ.

އިކޮނޮމިކް އެންޑް ޔޫތް ކައުންސިލްގެ ކޯޗެއާ އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު "އަވަސް" އަށް ވިދާޅުވީ އެއާޕޯޓް ތަރައްގީއަކީ ރާއްޖެއަށް ގިިނަ ފައިދާތަކެއް ލިބޭނެ ކަމެއް ކަމަށާއި، އެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ.

އެއާޕޯޓް އާ ރަންވޭ ހިއްކުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހަފުތާގެ އަންގާރަ ދުވަހު އެއާޕޯޓްގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެތަން ހިއްކުމުގެ ގޮތުން ހުޅުލެއަށް ވަންނަން ބޭނުން ކުރާ ނެރު އެހެން ދިމާލަކަށް ބަދަލު ކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

އެއާޕޯޓްގެ ދެވަނަ ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުންނާނެ އެވެ. އަދި މިތަނުގައި 120،000 ޓަނުގެ ކާގޯ ޓާމިނަލްއަކާއި 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފެސިލިޓީ ގާއިމް ކުރާނެ އެވެ.

އާ ރަންވޭގެ މަސައްކަތް ފަށަން ތައްޔާރުވާއިރު، އާ ޓާމިނަލްގެ މަސައްކަތް ކުރުމަށް ވަނީ ސައޫދީ ބިންލާދިން ގްރޫޕަށް ހަވާލުކޮށްފަ އެވެ. މި މަޝްރޫއަކީ ގާތްގަނޑަކަށް 300 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.