ބޭންކް އޮފް މޯލްޑިވްސް

ބީއެލްއެލްގެ ސާފު ފައިދާ 152 ޕަސެންޓް މައްޗަށް

  • ގިނަ ކާމިޔާބީތަކެއް ހޯދާފައިވޭ
  • ސާފު ފައިދާގެ ގޮތުގައި 571 މިލިއަން ރުފިޔާ
  • ގާނޫނީ ގޮތުން ލާޒިމްކުރާ ރައުސުލްމާލަށްވުރެ އިތުރު

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްްއެލް) އަށް މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ލިބުނު ސާފު ފައިދާ 152 ޕަސެންޓް އިތުރު ވެއްޖެ އެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ބުނީ މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ސާފު ފައިދާއަށް 571 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި މި ނަތީޖާ އާ އެކު މި ހަ މަސް ދުވަސް ވެގެން ގޮސްފައިވަނީ ބޭންކުގެ ތާރީހުގައި ވެސް އެންމެ ކާމިޔާބީ ލިބުނު ހަ މަސްދުވަހުގެ ގޮތުގަ އެވެ. އެގޮތުން ބޭންކުގެ ރައުސްމާލުގެ ފުއްދުންތެރިކަމުގެ މިންވަރު ވެސް ވަނީ ގާނޫނުން ލާޒިމްކުރާ މިންގަޑުތަކަށް ވުރެ އިތުރަށް ބެހެއްޓިފައިވާ ކަމަށް އެ ބޭންކުން ބުނެ އެވެ.

ގައުމީ ބޭންކުން ބުނީ ބޭންކަށް މާލީގޮތުން ލިބޭ ނަފާ އަނބުރާ މުޖުތަމައަށް ދިނުމުގެ ގޮތުން މުޅި ރާއްޖެއަށް ފަތުރާލައިގެން ކުރިއަށް ގެންދާ، 300 މިލިއަން ރުފިޔާގެ ޕްރޮގްރާމް ބޭންކުން ދަނީ ކުރިއަށް ގެންދަމުންނެވެ. މި ގޮތުން ފުރަތަމަ ހަ މަސްދުވަސްތެރޭ ބޭންކުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރުމުގެ ގޮތުން ވަނީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ބްރާންޗް ގާއިމްކޮށް މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގޭނެ ހިދުމަތް ދޭންފަށާފަ އެވެ.

މީގެ އިތުރުން ދާދި ފަހުން ބޭންކުންވަނީ ހައުސިން ސެކްޓަރ ލޯނުތަކުގެ އިންޓްރެސްޓުން ދެ ޕަސެންޓް ދަށްކޮށް އަދި ޕާސަނަލް ލޯނުތަކުގެ އިންޓްރެސްޓް ރޭޓުން ހަ ޕަސެންޓް ގެ އަދަދެއް ދަށްކޮށްފައިވާ ކަމަށްވެސް ބޭންކުން ބުނެ އެވެ.

ބޭންކަށް މާލީގޮތުން ލިބެމުންދާ ކުރިއެރުންތަކާ ގުޅޭ ގޮތުން، ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ މި ކާމިޔާބީތަކުގެ ސަބަބުން އާއްމު ފަރުދުންނަށް ގިނަ ފައިދާތަކެއް ލިބެމުންދާ ކަމަށެވެ.

"މާލީ ގޮތުން ހޯދާ ކާމިޔާބީތަކުގެ ސަބަބުން މިވަނީ ފަރުދުންނަށާއި، އާއިލާތަކަށާއި ވިޔަފާރިތިކުގެ ލާބައާއި މަންފާއަށް އިންވެސްޓްކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް. މި ކާމިޔާބު ހޯދުމުގައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރި މުވައްޒަފުންނަށާއި އަޅުގަނޑުމެންނާއެކު އިތުބާރުކަމާއެކު ކުރިއަށް ދާ ކަސްޓާމަރުންނަށް ޝުކުރު ދަންނަވަން. ކުރިއަށް އޮތް ހަ މަސްދުވަހުވެސް މާލީ ގޮތުން މި ކުރިއެރުން ދެމެހެއްޓޭނެ ކަމުގެ އިތުބާރާއި ޔަގީންކަން އެބައޮތް،" އެންޑްރޫ ވިދާޅުވި އެވެ.

ބީއެމްއެލް އިން ވަނީ މި ދިޔަ މޭ މަހު ކެޕިޓަލް ފައިނޭންސް އިންޓަރނޭޝަނަލް، ލަންޑަން ގެ ފަރާތުން ދޭ އަހަރީ އެވޯޑްތަކުގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް އަށް " މޯސްޓް އިނޮވޭޓިވް ބޭންކިން ޓީމް އިންޑިއަން އޯޝަން 2016 "އެވޯޑު ވަނީ ލިބިފަ އެވެ. މި އެވޯޑު ބީއެމްއެލް އަށް ދީފައިވަނީ ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ބޭންކިން ހިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ވަކިން ހާއްސަކޮށް ބޭންކުން ކުރިއަށް ގެންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.

މުޅި ރާއްޖެ ހިމެނޭ ގޮތަށް 29 ބްރާންޗް، 76 އޭޓީއެމް، 3200 ޕީއޯއެސް މާޗަންޓުން، 177 ކޭޝް އޭޖެންޓުން، 14 ސެލްފްސާވިސް ބޭންކިން ސެންޓަރު އަދި 5 ދޯނި ބޭންކިން ޔުނިޓް އެކުލެވޭ ބޭންކިން ވިއުގަޔަކާއެކު ބީއެމްއެލްް އަކީ ރާއްޖޭގައި ހިންގާ އެހެން ހުރިހާ ބޭންކަކަށް ވުރެ ބޮޑު އިންވެސްޓްމަންޓަކާއެކު މުޅި ރާއްޖެ އަށް ބޭންކިން ހިދުމަތް ފޯރުކޮށްދޭ ދިވެހިރާއްޖޭގެ އެންމެ ބޮޑު ބޭންކެވެ.