ވިޔަފާރި

މޯލްޑިވިއަން އިން-ފްލައިޓް މެގަޒިންގައި އިޝްތިހާރުކުރަން ކުދި ވިޔަފާރިތަކަށް ހުޅުވާލައިފި

Jul 21, 2016

މޯލްޑިވިއަންގެ އިން-ފްލައިޓް މެގަޒިން "މޯލްޑިވިއަން ހޮލިޑޭސް" ގައި ކުދި ވިޔަފާރިތަކަށް އިޝްތިހާރު ކުރެވޭ ގޮތަށް ހާއްސަ ބައެއް ހިމަނައިފި އެވެ.

"މޯލްޑިވިއަން ހޮލިޑޭޒް" ގެ ހެޑް މުހައްމަދު ރިޒްވީ ވިދާޅުވީ 11 މަންޒިލަކަށް ދަތުރުކުރާ އެއާލައިންގެ އިން-ފްލައިޓް މެގަޒިންގައި މިހާރު ކުދި ވިޔަފާރިތަކަށް ލިސްޓުކުރެވޭނެ ކަމަށެވެ.

"ކުރިން އާންމުކޮށް ބޮޑެތި ކުންފުނިތަކާއި ރިސޯޓުތަކަށް ހުންނަނީ. ނަމަވެސް ގިނަ ބަޔަކު އެދެމުންދާތީ ކުދި ވިޔަފާރިތަކަށްވެސް ބައި ހިމެނީ،" ރިޒްވީ ވިދާޅުވި އެވެ.

އަހަރަކު ދެ ފަހަރު ނެރެމުން ގެންދާ "މޯލްޑިވިއަން ހޮލިޑޭސް" ނެރެނީ ޗައިނާ ބަހުންނާއި އިނގިރޭސި ބަހުންނެވެ. މި މަޖައްލާގެ އޮންލައިން އެޑިޒަންގެ އެކި ބައިތައް ބެލި މީހުންގެ އަދަދު ހަތަރު މިލިއަނަށް އަރާފައިވާ ކަމަށް މި މަޖައްލާ މާކެޓުކުރާ އެމްވީ ހޮޓެލްސް އިން ބުނެ އެވެ.

"މީގެން ވިޔަފާރިތަކަށް ގިނަ ފުރުސަތު ތަކެއް ހުޅުވޭނެ. މޯލްޑިވިއަންގެ ފްލައިޓް ތަކުން ދަތުރުކުރާ މީހުންގެ 80 ޕަސެންޓް މި މެގަޒިން ބަލާނެ ކަމަށް ބެލެވޭ،" ރިޒްވީ ވިދާޅުވި އެވެ.

މޯލްޑިވިއަން އިން ދަނީ ރާއްޖޭގެ ހުރިހާ މަންޒިލްތަކެއްގެ އިތުރުން އިންޑިޔާ އާއި ބަންގްލަދޭޝް އަދި ޗައިނާ އާއި ބެންކޮކަށް ވެސް ދަތުރުކުރަމުންނެވެ.