ރާއްޖެ ކުޅިވަރު

ވެލެންސިއާ ބަލިކޮށް އީގަލްސް ދެ ވަނަ އަށް

ކުލަބު ވެލެންސިއާ 2-1އިން ބަލިކޮށް ކުލަބު އީގަލްސް އުރީދޫ ދިވެހި ޕްރެމިއާ ލީގުގެ ދެ ވަނަ މަގާމަށް ޖެހިލައިފި އެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖެހީ ވެލެންސިއާގެ ކެމަރޫން ފޯވަޑް ހަންސްލޭ އަވީލޯ އެވެ. އޭނާގެ މި ލަނޑަށް ފަހު ދެ ވަނަ ލަނޑެއް ޖަހަން ލިބުނު ފުރުސަތު ވެލެންސިއާ ކުޅުންތެރިން ފޮނުވާލުމުން ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. ފުރަތަމަ ހާފުގައި އަކުރަމް އަބުދުލްގަނީ އަށް ހުސްކޮށް ލިބުނު ބޯޅަ ވެސް ޖެހީ ކީޕަރު ސުޖަން ޕެރޭރާގެ އަތަށެވެ.

އީގަލްސްއިން ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ހަމަހަމަކުރީ ކެޕްޓަން އިމްރާން ރަޝީދެވެ. އެ ޓީމު މޮޅުވި ލަނޑު ފަހު ހާފުގެ 84 ވަނަ މިނިޓްގައި ޖެހި އަހުމަދު ރިޒްވާނެވެ. ފަހު ހާފު ފަށައިގެން ވެސް ވެލެންސިއާ އަށް ލަނޑު ޖަހާން ހުސް ފުރުސަތެއް ލިބުނެވެ. އަރިމަތިން ހުސްކޮށް ލިބުމުން އަހުމަދު ރިލްވާން ޖެހި ބޯޅަ ޖޯލަށް ވަންނަނިކޮށް އީގަލްސް ކުޅުންތެރިއަކު ފައިން ޖެހުމުން ބޯޅަ ބޭރަށް ދިޔައީ ހުރަސް ދަނޑީގައި ޖެހިފަ އެވެ.

މެޗު ފަށައިގެން ވެލެންސިއާގެ ކުޅުންތެރިން ވަރަށް ފޯރީގައި ކުޅެމުން ދިޔަ ނަމަވެސް ފުރަތަމަ 15 މިނިޓަށް ފަހު މެޗު ކޮންޓްރޯލް ކުރީ އީގަލްސް އެވެ. މެޗުން އީގަލްސް މޮޅުވުމުން އެ ޓީމަށް ޓޭބަލުގެ ދެ ވަނަ ލިބެނީ 17 ޕޮއިންޓާއެކުގަ އެވެ. މިއީ އެއްވަނާގައިވާ މާޒިޔާ އަށްވުރެ ތިން ޕޮއިންޓް މަދު އަދަދެކެވެ. ވެލެންސިއާ އަށް ލިބިފައިވަނީ 12 ޕޮއިންޓާއެކު ފަސް ވަނަ އެވެ.

ލީގުގައި މިރޭ ކުޅޭނީ ހަ ވަނާގައިވާ ނިއުރޭޑިއަންޓާއި ހަތަރުވަނާގައިވާ ޔުނައިޓެޑް ވިކްޓަރީ އެވެ. ނިއު އަށް 10 ޕޮއިންޓް ލިބިފައިވާއިރު ޔުނައިޓެޑް ވިކްޓަރީ އަށް ލިބިފައިވަނީ 13 ޕޮއިންޓެވެ.