ރާއްޖެ ކުޅިވަރު

ނިއު މިހާރު އޮތީ މޯޓިވޭޓްވެފައި: ސްޓައިކޯފް

ސީޒަންގެ ބްރޭކްގެ ކުރިން ޓީމުގައި ބައެއް މައްސަލަތައް އުޅުނު ނަމަވެސް، މިހާރު ނިއުރޭޑިއަންޓް އޮތީ މޯޓިވޭޓްވެފައި ކަމަށް ކޯޗު ބަލްގޭރިއާގެ ޔޮރްދާން ސްޓައިކޯފް އިވަނޯފް ބުނެފި އެވެ.

އިއްޔެރޭ ޔުނައިޓަޑް ވިކްޓްރީއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ވާހަކަ ދައްކަމުން ސްޓައިކޯފް ބުނީ ނިއުގެ ފަރާތުން މެޗުގައި ފެނުނު ކުޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި، އެއީ ޓީީމު މޯޓިވޭޓްވެފައިވުން ފެނިގެންދިޔަ ކުޅުމެއް ކަމަށެވެ.

"ފުރަތަމަ ބުރުގައި ނިއު، ޔުނައިޓަޑް ވިކްޓްރީ އާ ދެކޮޅަށް ކުޅުނު މެޗް ފެންނާނެ، (އެމެޗުން) އަހަރުމެން މޮޅުވީ ވަރަށް އުނދަގުލުން. ނަމަވެސް މިރޭ ނަތީޖާގެ ފަރަގުވެސް ބޮޑު ކުރެވިއްޖެ. ދެވަނަ ބުރުގެ ފެށުން މިއީނީ ރަނގަޅަށް" 2005 ވަނަ އަހަރު އޭއެފްސީ ކަޕްގެ ސެމީ ފައިނަލަށް ނިއު ގެންގޮސްދިން ސްޓައިކޯފް ބުންޏެވެ.

އޭނާ ބުނީ ދެ ވަނަ ބުރު ރަނގަޅަށް ފަށައިގަތުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި އެގޮތުގައި ކުރިއަށް ދިއުމަށް ބުރަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

މެޗަށް ނިކުތް އިރު ނިއު އޮތީ ތާވަލުގެ ހަވަނައިގައެވެ. ނަމަވެސް މެޗުން މޮޅުވެ އެޓީމު ވަނީ ތާވަލުގެ ހަތަރު ވަނަ އަށް ކުރިއަށް ޖެހިލާފައެވެ.

ފުރަތަމަ ބުރުގައި ނިއުއަށް ވަނީ ގިނަ މައްސލަތަކެއް ކުރިމަތިވެފައެވެ. މާޗް މަހާއި އޭޕްރީލް މަހު މުސާރާ ނުދިނުމުން ޓީމުގެ ކުޅުންތެރިން ވަނީ ޕްރެކްޓިހަށް ނިކުތުމަށްވެސް ދެކޮޅު ހަދާފައެވެ.