ދީން

އަލިގަދަ ތަރި: ނަސީމްގެ ނަސީބު!

އުފަން ރަށް ށ. ފޯކައިދޫގެ އެހެން ކުދިންނެކޭ އެއްފަދައިން ފޯކައިދޫ އެދުރުގެތަކަށް ނަސީމް ވެސް ޤުރުއާން ކިޔަވަން ހިނގި އެވެ. ނަމަވެސް އެދުރު ދައިތައިންނާއި އެދުރު ބޭބެއިންނަށް ކިޔަވައިދޭން ނޭނގޭ ކަމަށް ބުނުމަށްފަހު، ބޮޑާހާކާފައި އެ ގޭގެއަށް ކިޔަވަން ދިއުން ހުއްޓާލަނީ އެވެ.

އެއިން ގެއަކަށް ނުދިޔައަސް ކޮންމެ ދުވަހަކު ފަތިހާ ތެދުވެ އޭނާ ކުރާ ކަމެއް އޮވެއެވެ. ދިވެހި ރާއްޖޭގެ އަޑުން ފޮނުވާ ކީރިތި ގުރުއާން ޝައުގުވެރިކަމާއެކު އަޑު އެހުމާއި ރަށުގެ އެދުރު ބޭބެއިންނާއި އެދުރު ދައިތައިންގެ ކިޔެވުމާ އަޅާ ކިޔުމެވެ. އެންމެ ފަހުން ނަސީމް ކިޔަވަން ފެށީ ގޭގައި މަންމަ އެހީގަ އާއި ބައެއް ފަހަރު އެކަންޏެވެ. އޭރު ވެސް ކީރިތި ޤުރުއާން ރީއްޗަށް ކިޔަވައި އެ ރޮނގުން ކުރިއަށްދިއުމުގެ ހިޔާލެއް އޭނާގެ ނޯވެ އެވެ. އޭރު އެންމެ ބޭނުން ވެގެން ހުރީ ސިފައިންގެ މީހަކަށްވާށެވެ. އެހެން ނަމަވެސް ނަސީބުގެ ތަރި ނަސީމާ ދިމާއަށް އައިސް އޭނާވީ ރީއްޗަށް ގުރުއާން ކިޔަވާ މީހަކަށެވެ. އެ ރޮނގުން ރާއްޖޭގެ އެންމެ އަލިގަދަ ތަރިއަށެވެ.

ފުރަތަމަ އިންސްޕިރޭޝަނަކީ ޤާރީ އަހުމަދު ތައުފީގް

ކީރިތި ޤުރުއާން މޮޅަށް ކިޔަވައި ޤުރުއާން މުދައްރިސަކަށް ވުމުގެ ހުވަފެން ނަސީމް ދެކެން ފެށީ އުމުރުން 11 އަހަރުގައި ތައުލީމް ހާސިލް ކުރުމަށް މާލެ ބަދަލުވުމަށްފަހު ޤުރުއާން ގަޑީގައި ޤާރީ އަހުމަދު ތައުފީޤުގެ ކިޔެވުމުގެ އަޑު އިވުނު ހިސާބުން ފެށިގެންނެވެ. އެހިސބުން ފެށިގެން ޤުރުއާން ކިޔަވައި ފަރިތަކޮށް، ޤުރުއާން އަޑު އަހައި އަޑު ދަށުން ކިޔަވަން ފެށީ އެވެ.

"މާލެ އަށް އައި އިރު އެހާ ފަރިތައެއް ނުވާނެ ކިޔަވާކަށް. ނޭނގޭ ކަލިމަތައް ގުޅުވައިގެން ކިޔާކަށްވެސް. އެކަމަކު މައުހަދަށް ވަދެފައި ގާތްގަނޑަކަށް ތިން މަސް ތެރޭގައި ކުށް ނުޖެހި ކިޔާލެވޭ ވަރަށް ފަރިތަ ވެއްޖެ." ނަސީމް ބުންޏެވެ.

އޭރުން ފެށިގެން ވެސް ގޭގެއަށްގޮސް ނަސީމް ގުރުއާން ކިޔަވައިދިނެވެ. ނަމަވެސް ވަރަށް މަދުންނެވެ. އަދި މައުހަދުގެ ގްރޭޑް 10 އަކާއި ހަމައަށް ކިޔެވުމަށްފަހު މައުހަދުން އޭރު ހިންގި ޤާރީ ކޯހަށް ދާން ފެށީ، ރާއްޖޭން ބޭރަށް ކިޔަވަންދާން ލިބުނު ފުރުސަތެއް ގެއްލުމުންނެވެ. އެއް އަހަރު ދުވަހުގެ އެ ކޯސް ފުރިހަމަ ކުރުމާއެކު އަނެއްކާވެސް ގުރުއާން ކިޔަވައި ދޭން ފެށި އެވެ. އެންމެ ފުރަތަމަ ކ. ހިންމަފުށީގެ ޤުރުއާން ޓީޗަރަކަށެވެ. އެ ރަށުގައި އަހަރު ދުވަހު މަސައްކަތް ކުރުމަށްފަހު ބަދަލުވީ ލ. އަތޮޅަށެވެ. އެ އަތޮޅުގެ އަމިއްލަ ޤުރުއާން ކްލާހެއް ފަސް އަހަރު ވަންދެން ހިންގުމަށްފަހު އޭނާ އަނެއްކާވެސް މާލެ ބަދަލުވީ އެވެ. އިތުރަށް ކިޔަވާށެވެ. އެ ފުރުސަތުގައި ޓީޗިން އިން އެޑްވާންސް އަދި ޑިޕްލޮމާ ހާސިލްކުރި އެވެ.

ޓީޗިން ހެދި ނަމަވެސް ސްކޫލްތަކުގައި ކިޔަވައިދޭން ނަސީމް ބޭނުމެއް ނުވި އެވެ. އެކަމަކު ގޭގެއަށް ކިޔަވައިދޭން ދިޔަ އެވެ. އެއާއެކު ޑިޕްލޮމާ އިން ޤުރުއާން ކޯސް އަދި އެ ލެވެލް ކޯހުގެ ލެކްޗަރާއެއްގެ ވަޒީފާ އަދާކުރަން ފެށި އެވެ. އަދި އޭނާގެ ރައްޓެއްސަކު ހިންގި ޤުރުއާން ކްލާހެއްގައިވެސް ދުވަސްކޮޅަކު މަސައްކަތް ކުރި އެވެ.

އަލިގަދަ ތަރިއަށް ވުމަކީ އުންމީދު ކުރި ކަމެއް ނޫން

ސްކޫލްގައި އުޅުނު އިރުވެސް ނަސީމް ޤުރުއާން މުބާރާތްތަކުގައި ބައިވެރިވެ ތަފާތު ކާމިޔާބީތައް ހޯދި އެވެ. ސްކޫލަށް ރީތި ނަން ވެސް ހޯދައިދިނެވެ. ނަމަވެސް އޭގެ އަހަރުތަކެއް ފަހުން އަލިގަދަ ތަރި މުބާރާތް ވުޖޫދުވުމުން އެ މުބާރާތުގައި ބައިވެރިވުމަކަށް ނަސީމް ނުވިސްނަ އެވެ. މިދިއަ މުބާރާތުގައި ބައިވެރިވާން އޭނާ ނިންމީ ކުރީ އަހަރު ތަކުގެ ބައެއް ބައިވެރިން ނަސީމް ކައިރިއަށް ކިޔަވަން ގޮސް އެކަމަށް އެދިގެނެވެ.

އެ ފަރާތްތަކުގެ އެދުމަށް އަލިގަދަ ތަރި މުބާރާތުގައި ނަސީބު ބައިވެރިވީ މުބާރާތް ކާމިޔާބު ކުރެވި އެންމެ އަލިގަދަ ތަރިއަށް ވެވިދާނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމަކާއެކު އެވެ. އޭނާ ބުނި ގޮތުގައި މުބާރާތުގެ ފައިނަލް ޝޯ އާ ހަމައަށް ވެސް އޭނާގެ ހާސް ކަމެއް ނެތެވެ. އަދި ފައިނަލް ރައުންޑުގެ ފުރަތަމަ ބުރު ނިމުނު އިރު އަލިގަދަ ތަރީގެ ލަގަބު ލިބޭނީ އޭނާއަށްކަން މުޅިން ޔަގީން ކުރި އެވެ.

"އެއްވެސް ވަރަކަށް އެހެން ބައިވެރިން ދަށްކޮށްލީކީ ނޫން. އެރައުންޑުގެ މަސައްކަތްތައް ދިޔަގޮތަށް ބަލާފައި އަމިއްލައަށް ދެނެގަތީ،" އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އަލިގަދަ ތަރިއަށް ވުމަކީ އާދައިގެ އަދި ފަސޭހަ ކަމެއް ނޫނެވެ. އެއީ މަސައްކަތާއި އަހުލާގާ ގުޅިފައިވާ ބޮޑު އަދި ބުރަ ކަމެކެވެ.

"ޑިސިޕްލިން އަކީ ވަރަށް މުހިންމު އެއްޗެއް. ގައިގައި ހުރި ނޭދެވޭ ކަންތައްތައް ބަލައި އެކަންތައްތަކުން ސަލާމަތްވާން ޖެހޭނެ އެހެން މީހުންނަށް އިހުތިރާމް ކުރަން ޖެހޭނެ. ފަރިތަ ކުރުމާއި ހިފްޒު ކުރުމާއި އެހެން މީހުންގެ ކިޔެވުން އަޑުއެހުމާއި އަދި އެ އަޑުއެހި އެއްޗަކާއި އެއްގޮތަށް ކިޔެވޭތޯ މަސައްކަތް ކުރަން ޖެހޭނެ. އެންމެ މުހިންމު ކަމަކީ ބައިވެރިވުމަށްފަހު ފަނޑިޔާރުންދޭ އިރުޝާދުގައި ހިފާ އެގޮތަށް އެކަންތައްތައް ރަނގަޅުކުރަން މަސައްކަތް ކުރުން. އެގޮތަށް އަޒުމަކާ އެއްކޮށް މަސައްކަތް ކުރެވިއްޖެއްޔާމުން ހަމަ ވެވިދާނެ ކޮންމެ މީހަކަށްވެސް އަލިގަދަ ތަރިއަށް" އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި މުބާރާތުގައި ވާދަކުރީ ހަމައެކަނި "އަލިގަދަ ތަރީ" ގެ ލަގަބު ހޯދާކަށް ނޫނެވެ. ފަނޑިޔާރުންގެ ނަސޭހަތްތައް އަޑު އަހައި ލިބިގަނެ އިތުރަށް އުނގެނެން ވެސް ބޭނުން ވެގެނެވެ. އަދި އިންޓަނޭޝަނަލް ގުރުއާން މުބާރާތެއްގައި އަދި ބައިވެރި ނުވާ ނަސީމް މިހާރު ހުރީ އެފަދަ ފުރުސަތެއް ލިބިއްޖެނަމަ ބައިވެރިވާން ބޭނުން ވެފައެވެ.

ދާއިރާ ބަދަލުކޮށްލީ ޤުރުއާން ހިފްޒު ކުރަން

ސިފައިންގެ މީހަކަށް ނުވެވުނަސް މަދަނީ މުވައްޒަފެއްގެ ގޮތުގައި މިހާރު ޕޮލިހުގައި ވަޒީފާ އަދާ ކުރާ ނަސީމް ޤުރުއާން ޓީޗަރަކަށްވެ އެތައް ދަރިންނަކަށް ވަނީ ކިޔަވައި ދީފައެވެ. އެހެން ނަމަވެސް އޭނާ މިހާރު ވަނީ ކޮންމެވެސް ވަރަކަށް ޤުރުއާން ކިޔަވައި ދިނުމާއި ދުރުގަ އެވެ. އެއީ ޤުރުއާން ހިފްޒު ކުރުމުގެ މަގުސަދު ފުރިހަމަ ކުރުމަށެވެ.

"ދާއިރާ ބަދަލުކޮށްލީ އަސްލު ޤުރުއާން ހިފްޒުކުރަން، އޭރުން ކޮންމެ ނަމާދެއްގައި ވެސް މުރާޖައާ ކުރެވޭނެތާ. ޓީޗަރަކަށް އުޅޭއިރު ވަރަށް ވަގުތުދޭން ޖެހޭ އެކަމަށް. އެހެންވީމަ ދަސްކޮށް މުރާޖައާ ކުރާކަށް ނުލިބޭ ވަގުތެއް،" ފުލުހުންގެ ތިން މިސްކިތެއްގެ އިމާމުންގެ ކަންކަމާއި މިސްކިތްތަކުގެ ހުރިހާ ކަމަކާ ހަވާލުވެގެން ހުރުމުގެ އިތުރުން ފުލުހުންގެ ބޮޑު މިސްކިތުގައި ބައެއް ފަހަރު އިމާމުވެ ނަމާދުކުރާ ނަސީމް ބުންޏެވެ.

ޤުރުއާން ހިފްޒުކުރުމުގެ މަސައްކަތުގައި މިހާރުވެސް އޭނާ ވަނީ ޤުރުއާނުގެ ބޮޑުބައެއް ހިތު ދަސްކޮށްފަ އެވެ. ބާކީ ބައި ދަސްކޮށް އެއްކޮށް މުރާޖައާ ކުރަން އޭނާ އަށް އަދި ވަގުތު ބޭނުން ވެއެވެ.

" ސޮފްހާއެއް އަޅުގަނޑަށް ދަސްވޭ 10 ވަރަކަށް މިނެޓް ތެރޭގައި. އެކަމަކު މި ސޮފްހާ ހިފައިގެން އުޅެން ޖެހޭނެ 24 ގަޑިއިރު. މާނަ އަކީ ދަސްކުރާތާ 10 މިނެޓް ފަހުން އަނެއްކާ ޖެހޭނެ ބައިގަޑި އިރު ފަހުން ކިޔާލަން. ނުކިޔައިފިއްޔާ އިރުކޮޅެއް ވާއިރަށް ހަނދާން ނެތޭނެ. ހަމައެއާ އެކު އެއް ގަޑިއިރު ފަހުން ކިޔާލަން ޖެހޭނެ، އަނެއްކާ ދެ ގަޑިއިރު ފަހުން ކިޔާލަން ޖެހޭނެ. ގާތްގަޑަކަށް 24 ގަޑިއިރު ޖެހޭނެ. ބައެއް ފަހަރު ނިދާލާފައި ތެދުވެ ވެސް ޖެހޭނެ ކިޔާލަން." އޭނާ ބުންޏެވެ.

އުމުރުން 30 އަހަރުގެ ނަސީމް ކުރިއަށް އޮތްތަނުގައި ބޭނުން ވަނީ ހާފިޒު ކަމުގެ ތާޖު އަޅާށެެ. އޭނާގެ ކުޑަކުޑަ އާއިލާއާއެކު އޭނާ ގެންދަނީ އެކަމަށް ގަދަ އަޅައި މަސައްކަތް ކުރަމުންނެވެ. އެންމެ އަލިގަދަ ތަރީގެ ޝަރަފާއެކު އޭނާ އަށް ވަނީ ހާފިޒް ކަމުގެ ތާޖުގެ ނަސީބާ ކައިރިއަށް ޖެހިލެވިފަ އެވެ. އަހަރެމެން ދުއާއަކީ ވެސް އެއީ އެވެ.