ހަބަރު

ޑައުން ސިންޑްރޯމް އެސޯސިއޭޝަނަށް ރައީސް މައުމޫން ޒިޔާރަތް ކުރައްވައިފި

Feb 18, 2015

ޑައުން ސިންޑްރޯމް ހުންނަ ކުދިންނަށް ހާއްސަކޮށްގެން އުފައްދާފައިވާ "ބިއުޓިފުލް އައިސް ޑައުން ސިންޑްރޯމް އެސޯސިއޭޝަން" އަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ސަރުކާރު ހިންގާ ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ޒިޔާރަތް ކުރައްވައިފި އެވެ.

މި ޒިޔާރަތުގައި އެ ސެންޓަރުން ހިދުމަތް ލިބިގަންނަމުންދާ ކުދިންނާ ބައްދަލު ކުރައްވާ އެކުދިންނާއެކު އެމަނިކުފާނު ވަގުތުކޮޅެއް ހޭދަ ކޮށްލެއްވި އެވެ. އަދި އެ ޖަމިއްޔާގެ އިސް ހިންގުންތެރިންނާ ބައްދަލުކުރައްވާ އެ ބޭފުޅުންގެ މަސައްކަތް ކުރިއަށް ގެންދަވާ ގޮތާ މަސައްކަތުގައި ދިމާވާ ގޮންޖެހުންތަކުގެ މަޢުލޫމާތު ވެސް އޮޅުންފިލުއްވެވި އެވެ.

މި ޒިޔާރަތުގައި ޑައުން ސިންޑްރޯމް ހުންނަ ކުދިން ތަރުބިއްޔަތު ކުރުމަށް އެކަށީގެންވާ ވަސީލަތްތައް ނެތި، ދިމާވާ ގޮންޖެހުންތަކާއެކު ވެސް ހޯދާފައިވާ ކާމިޔާބީ މައުމޫނު ވަނީ ފާހަގަކުރައްވާފަ އެވެ.

ޑައުން ސިންޑްރޯމް އެސޯސިއޭޝަންގެ ހާއްސަ ދައުވަތަކަށް ކުރެއްވި މި ޒިޔާރަތުގައި ޕީޕީއެމް ގެ ކައުންސިލް މެންބަރު އަނީސާ އަހުމަދާއި ޕީޕީއެމް ގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަދި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ޕީޕީއެމްގެ ޒުވާނުންގެ ހަރަކާތުގެ ރައީސް އިބްރާހިމް ޔޫސުފްގެ އިތުރުން ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތޮލާލް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.