ލައިފްސްޓައިލް

ފިރިމީހާ ފޫހިވެއްޖެ ކަމަށް އިހުސާސްވަނީތަ؟

މިއީ ވަރަށް ގިނައިން އިވޭ ޝަކުވާއެކެވެ. ވަރަށް ސަކަރާތް ވެއްޖެ އެވެ. ހީވަނީ ފިރިމީހާ އެހެން ކަމެއް ކުރާހެނެވެ. ފިރިމީހާ ވަރަށް ދުރުވެއްޖެ އެވެ. މި ޝަކުވާތައް އިވޭއިރު މިފަދަ ޝައްކުތަކަކާއި ޝަކުވާތަކުގެ ތެރޭގައި މައްސަލަޖެހި ތައް ކައިވެންޏެއް ވަނީ ރޫޅިފަ އެވެ.

ފިރިމީހާ ތިމާޔާ ދުރުވާ ކަމުގެ އިހުސާސް ކުރެވިދާނެ އެވެ. ކުރިން ގޭގައި ހޭދަކުރި ވަގުތުތައް ގެއިން ބޭރުގައި ރައްޓެހިންނާއެކު ހޭދަކުރަން ވެސް ފަށާފާނެ އެވެ. ކޮންމެހެން އެއީ ފިރިމީހާ "ވަގު ބިޓެއް" ގެންގުޅެނީ ކަމަށް ނިންމާކަށް ނުޖެހެ އެވެ. ފަހަރުގައި އެއީ އަމިއްލަ ކުށުން ވެފައި އޮތް ކަމަކަށް ވެސް ވެދާނެ އެވެ.

ވިސްނލާށެވެ؛ ފިރިމީހާ އަށް ދޭންވާ އަޅާލުމާއި ސަމާލުކަން ދެވިފައިވޭ ހެއްޔެވެ؟ އަބަދު ވެސް ތިއުޅެވެނީ ދަރިންގެ ކަންތައްތަކުގައި ނޫން ހެއްޔެވެ. ދަރިން ލިބުމަކީ ފިރިމީހާއަށް ދޭންޖެހޭ ސަމާލުކަން ކުޑަކުރަންޖެހޭ ކަމެއް ނޫނެވެ.

"އެކަމަކު ކުރިން އެއް ކަމެއްވެސް ނުވާނެ މަށާ ނުލައެއް. ލާނެ ގަމީހެއްވެސް އަމިއްލައަށް ނުނިންމޭ. އެކަމަކު މިހާރު އަހަރެންގެ ހިޔާލެއް ނުހޯދާ. އެކަމަކު ރަނގަޅު ކަންނޭނގެ ދޯ. އަމިއްލައަށް ޒިންމާއަދާކުރަން ފަށަންޏާ،"

މިއީވެސް ދިމާވެދާނެ މައްސަލަ އެކެވެ. އެހެންވަނީ ކީއްވެކަން އެނގޭހެއްޔެވެ؟ ލާނެ ގަމީހެއް ނޭނގިގެން އެހުމުން އަމިއްލައަށް ނިންމާށޭ ބުނެ އެކަމާ އަޅާނުލާ ކިތައް ފަހަރު ފަރުވާކުޑަކޮށްލިން ހެއްޔެވެ؟ ކޮންމެ ފަހަރަކު އައިސް އަހަނީ އުނދަގޫ ކުރާކަށް ނޫނެވެ. ފިރިމީހާއަށް ތިމާ މުހިންމު ކަމަށް ދެކިގެންނެވެ. ނަމަވެސް ތިމާގެ ފަރާތުން ފަރުވާކުޑަ ކަމާއި އަޅާލުން ކުޑަކަން ފެންނަންޏާ "ބާކީ" ވުން އިހުސާސް ކުރެވޭނެ އެވެ. އެހެންވުމުން އަމިއްލައަށް އެކަމެއް ކުރަން ފަށާނެ އެވެ. ތަޖުރިބާކާރުން ވިދާޅުވަނީ މިހެންނެވެ.

އަބަދު ރައްޓެހިންނާ އެކީގައި!

އަބަދު އަބަދު ބޭރަށްގޮސް ރައްޓެހިންނާއެކު އެއުޅެނީ ކޮންމެހެން ގޭގައި އުޅެން ބޭނުން ނުވާތީއެއް ނޫނެވެ. ނުވަތަ އަބަދު ރައްޓެހިންނާ އެކީގައި އުޅެން ބޭނުންވާތީ އެއްވެސް ނޫނެވެ. އަނބިމީހާއަށް އެކަން ފާހަގަވެ އެކަމާ ޝަކުވާކުރޭތޯއެއް ވެސް ނޫނެވެ.

އެންމެ ފަހަރަކުވެސް ގުޅާލާފައި ގެއަށް އަންނަ އިރެއް އަހާލައި އޭނާއަށް ހާއްސަ ވަގުތުކޮޅެއް ހޯދާލަ ބަލާށެވެ. ފިރިމީހާއަށް ހާއްސަ ސަމާލުކަމެއް ނުދެވޭތާ ދުވަސް ވެއްޖެއެއް ނޫން ހެއްޔެވެ؟ އެއުޅެނީ ސަމާލުކަން ބޭނުންވެގެންނެވެ. ވަގުތު ފާއިތުވެއްޖެނަމަ ފިރިމީހާ މާދުރަށް ހިނގައިދާނެ އެވެ.

މައްސަލަ އުޅޭކަން ދެނެގަންނާށެވެ. އެހެން އެވަނީ ތިމާގެ ލޯބި އޭނާއަށް ބޭނުންވާތީ އެވެ. ފިރިމީހާ މަސައްކަތުގައި ބުރަކޮށް އުޅެފައި އަންނަ ވަގުތު އޭނާއަށް ހުސްކޮށްލާށެވެ. ކުރިންވެސް ކަންތައް ކުރާ ހެންނެވެ. ލޯބި ނުވެއޭ ކިޔާފައިވެސް މިހާރު ޝަކުވާ ކުރެއެއް ނޫން ހެއްޔެވެ؟

ޝަކުވާކުރަނީ ކޮންމެހެން ޝަކުވާ ކުރާކަށް ނޫނެވެ. އަބަދު ތަކުރާރު ކުރަން ވެއްޖެނަމަ އޭނާވެސް ފޫހިވެދާނެ އެވެ. އެހެންވީމަ ފިރިމީހާ ފަރާތުން ފެންނަ މިފަދަ ކަންކަމަށް ސަމާލުވާންވާނެ އެވެ.

ޕްލޭންގައި އޮތީ މިރޭ ކުރީގެ ބެސްޓު ފްރެންޑާ އެކީ ބޭރަށް ދާކަށް ނޫން ހެއްޔެވެ؟ އެކަމާ ފިރިމީހާ ހިތްހަމަ ނުޖެހޭތީ ތިއައީ އޭނައާ ދެބަސްވެފަ އެވެ. އޭނަ އަބަދު ރައްޓެހިންނާ އެކީގައި ބޭރުގައި އުޅެފައި ތިމާއަށް އެފުރުސަތު ނެތޭ ކިޔާފަ އެވެ. ފިރިމީހާ ހިތްހަމަނުޖެހުނީ އޭނާއަށް ތިމާގެ ބެސްޓުފްރެންޑް ކަމުނުދާތީއެއް ނޫނެވެ.

އަމިއްލައަށް ވިސްނާލަ ބަލާށެވެ. އޭނައާ އެކު އެންމެފަހުން ބޭރަށް ދެވުނީ ކޮން ދުވަހަކު ހެއްޔެވެ؟ ތިން މަސް ދުވަހުގެ ތެރޭގައިވެސް އެންމެ ދުވަހަކު އެވެ. އެވެސް ފިރިމީހާ ކިޔާވަރުން ބޮލަށް އުނދަގޫވެގެންނެވެ. މިފަހަރު ތި ޖެހުނު މައްސަލަ އަކީ ފިރިމީހާ " ޖެލަސް" ވީ އެވެ. އޭނައަށްވުރެ އެހެން މީހުން މުހިންމުހެން އިހުސާސްކުރެވުނީމަ އެވެ.

ފިރިމީހާ މާ އަވަހަށް ރުޅިވެސް އަންނަނީ އެވެ. ކުޑަކުޑަ ކަމަކާވެސް ގަދައަށް ރުޅި އައިސްދާނެ އެވެ. އެހެރީ ވަރުބަލިވެފަ އެވެ. ތިމާގެ ސަމާލުކަން ހޯދަން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބެއް ނުވި އެވެ. ދިން އެއްވެސް ސިގުނަލެއް ދެނެ ނުގަތީމަ އެވެ. މިވަގުތު ޒުވާބުނުކޮށް ރަނގަޅަށް ވިސްނާލާށެވެ. ފިރިމީހާއަށް ދޭންޖެހޭ ސަމާލުކަން ދެވުނީ ކިހާވަރަކަށްތޯ އަމިއްލަ ނަފްސާ ސުވާލު ކޮށްލާށެވެ.