ރާއްޖެ ކުޅިވަރު

ވީއޭއެމް ކަޕް: އަންހެން ޑިވިޝަންގެ ފައިނަލަށް ޕޮލިހާއި މޯލްޑިވިއަން

Jul 23, 2016

ސަލްސާ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ފައިނަލަށް ޕޮލިސް ކުލަބާއި މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ދަތުރުކޮށްފިއެވެ.

ފަސް ޓީމު ވާދަ ކުރާ އަންހެން ޑިވިޝަނުން ޕޮލިސް ކުލަބު ފައިނަލަށް ދަތުރު ކުރީ އެންމެ ގިނަ ޕޮއިންޓް ހޯދި ޓީމުގެ ގޮތުގައެވެ. އެ ޓީމުން ވަނީ ޖުމުލަ 12 ޕޮއިންޓް ހޯދާފައެވެ.

މޯލްޑިވިއަން ފައިނަލަށް ދަތުރު ކުރީ ރޭ ކުޅުނު ސެމީ ފައިނަލް މެޗްގައި ކުލަބު ތްރީ ސްޓާގެ މައްޗަށް ފަސޭހަ ކަމާއެކު ތިން ސެޓުން ކުރި ހޯދައިގެންނެވެ.

ޕޮލިހާއި މޯލްޑިވިއަން ބައްދަލު ކުރާ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ އެވެ.

މި ދެޓީމު ގުރޫޕް ސްޓޭޖުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މެޗް ކާމިޔަބު ކުރީ ޕޮލިސް ކުލަބެވެ.