ހަބަރު

އަހަރުގެ ފުރަތަމަ ކުއާޓާގައި ކޮރަޕްޝަންގެ 10 މައްސަލަ

  • އެންމެ ބޮޑު މައްސަލައަކީ ނާޖާއިޒު ފައިދާ ހޯދައިދިނުން
  • މި މައްސަލަތަކުގައި 10 މީހަކު ހިމެނޭ
  • ދައުވާ ކުރަން މައްސަލަތައް ވަނީ ޕީޖީގައި

މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ނިންމި މައްސަލަތަކާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ޖުމްލަ 10 ދައުވާއެއް ކުރުމަށް ފޮނުވާފައިވާ ކަމަށް އޭސީސީއިން ބުނެފި އެވެ.

އޭސީސީގެ ފުރަތަމަ ކުއާޓާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އޭސީސީއިން ނިންމި މައްސަލަތަކާ ގުޅިގެން ޕީޖީ އޮފީހަށް ހަ މައްސަލައެއްގައި ޖުމްލަ 10 ދައުވާއެއް ކުރުމަށް ވަނީ ފޮނުވާފަ އެވެ.

ހަ މައްސަލައެއްގައި މި މުއްދަތުގައި އެންމެ ގިނައިން ދައުވާ ކުރުމަށް އެދި ފޮނުވިފައިވަނީ ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލަތަކާގުޅޭ ދައުވާއެވެ. އެގޮތުން ފަސް ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ ކުރުމަށް ފޮނުވާފައިވާއިރު، މި މައްސަލަތަކުގައި ޝާމިލް ވަނީ މުޅިންވެސް ފިރިހެނުން މުވައްޒަފުން ކަމަށް އޭސީސީއިން މައުލޫމާތުދެ އެވެ.

މީގެއިތުރުން މި އަހަރުގެ ފުރަތަމަ ކުއާޓާގައި ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ތިން ދައުވާއެއް ތިން ފަރާތެއްގެ މައްޗަށް ކުރުމަށް އެދި ފޮނުވާފައިވާ ކަމަށް ވެސް އޭސީސީގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. އަދި ނާޖައިޒު ފައިދާ އަމިއްލައަށް ހޯދުމުގެ ދެ ދައުވާއެއް ދެ ފަރާތެއްގެ މައްޗަށް ކުރުމަށް ވެސް ވަނީ ފޮނުވައިފަ އެވެ. ޖުމްލަ 10 މީހެއްގެ މައްޗަށް މި މައްސަލަތަކުގައި ދައުވާ ކުރެ އެވެ.