އެޗްއާރްސީއެމް

އެޗްއާރްސީއެމް ނައިބު ރައީސްގެ ފާޑުކިޔުންތަކެއް އެ ކޮމިޝަނަށް

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ ނިންމުންތަކާއި ބަޔާންތަކަށް އެ ކޮމިޝަނުގެ ނައިބު ރައީސް ޝިފާގު މުފީދު ފާޅުގައި ފާޑު ކިޔުއްވަން ފައްޓަވައިފި އެވެ. ޝިފާގު ގެންދަވަނީ އެޗްއާރްސީއެމްގެ ނިންމުންތަކާމެދު ޓްވިޓާ އަދި މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ވަރަށް ހޫނުކޮށް ކޮމިޝަަނަށް ފާޑު ވިދާޅުވަމުންނެވެ.

އެޗްއާރްސީއެމްގެ އެހެން މެންބަރުންނާއި ނައިބު ރައީސް ޝިފާގުގެ ހިޔާލު ތަފާތުވެފައިވާކަން އޭނާ މިހާރު ދައްކަވަމުން ގެންދަވާ ވާހަކަތަކުން އެނގެ އެވެ. އެކަން އެންމެ ފުރަތަމަ އާންމުންނަށް ތިލަވެގެން ދިޔައީ ހަވީރު މުވައްޒަފުންނާ ގުޅޭ ގޮތުން ސިވިލް ކޯޓުން ކުރި ހުކުމާއެކު އެޗްއާރްސީއެމްއިން ބަހެއް ނުބުނެ އޮތުމުން ޝިފާގު އެޗްއާރްސީއެމްއަށް ފާޑު ވިދާޅުމާއެކު އެވެ. އަދި އަމިއްލަ ގޮތުން ހަވީރުގެ މުވައްޒަފުންގެ ދިފާއުގައި ޝިފާގު ވާހަކަ ދެއްކުމާއެކު އެވެ.

އޭގެފަހުން އެޓާނީ ޖެނަރަލް އޮފީހުން އެ މައްސަލަ އިސްތިއުނާފުކުރަން ނިންމުމުން އެކަމަށް ޝިފާގު ވަނީ ތައުރީފު ވެސް ކޮށްފަ އެވެ.

މީގެއިތުރުން، އެންމެ ފަހުން އާންމުކުރި އެޗްއާރްސީއެމްގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓްގައި، ފާހަގަކޮށްފައިވާ ކަންކަން، މީޑިއާތަކުން ހަގީގަތް އޮޅޭ ގޮތަށް ގެނެސްދީފައިވާ ކަމަށް ބުނެ، މީޑިއާތަކަށް މައުލޫމާތު ފެތުރުމުގައި ޒިންމާދާރުވުމަށް ގޮވާލައި އެޗްއާރްސީއެމްއިން ނެރުނު ބަޔާނަށް ވެސް ޝިފާގު މިއަދު ވަނީ ފާޑު ވިދާލުވެފަ އެވެ.

އެޗްއާރްސީއެމްގެ އޮޑިޓާ ގުޅިގެން މީޑިއާތަކުން ފަތުރާފައިވާ ހަބަރު އެ ކޮމިޝަނުން ކުށްވެރިކޮށްފައިވާއިރު މީޑިއާތަކުން ގެނެސްދީފައިވަނީ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ މައްސަލަތަކެވެ. އެކަމާ ގުޅިގެން އެޗްއާރްސީއެމް ނެރުނު ބަޔާނުގައި އެކަންކަން ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތައް ބަޔާންކޮށްފައިވެ އެވެ.

ޝިފާގު މިއަދު ވިދާޅުވީ، އެޗްއާރްސީއެމްގެ އޮޑިޓް ރިޕޯޓްގައިވާ ކަންކަން އެ ރިޕޯޓްގައިވާ ގޮތަށް މީޑިއާއިން ހާމަކުރުމުން އެޗްއާރްސީއެމްގެ އަގުލަބިއްޔަތުން މީޑިއާ ކުށްވެރިކުރުމަކީ ދެރަ ކަމެއް ކަމަށެވެ. ޝިފާގު ވަނީ އެކަމުގައި މީޑިއާގެ އެއްވެސް މައްސަލައެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

އެޗްއާރްސީއެމްއިން ނެރޭ ބަޔާންތަކާއި ނިންމުންތަކަކީ މެންބަރުންގެ އަގުލައްބިއްޔަތުން ނިންމާ ނިންމުންތަކެކެވެ. މީގެ އިތުރަށް ޝިފާގު މިއަދު ވަނީ އެ ކޮމިޝަނަށް މުވައްޒަފެއް ހޯދުމުގައި ކޮމިޝަންގެ މެންބަރުން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރެވިފައި ވަނިކޮށް އެކަމަށް ނެރުނު އިއުލާން ބާރިލްކުރުމުން ވެސް އެކަމަށް ފާޑު ކިޔައިފަ އެވެ. ޝިފާގު ވިދާޅުވީ ކޮމިޝަނުން އެގޮތަށް އަމަލު ކުރުމުން، އެކަމަށް އިއުތިރާފް ވެވުނީ ކަމަށެވެ. އަދި އެ މައްސަލަ އޭސީސީ އިން ނުބަލައި ގޮތެއް ނުނިންމަނީސް އިއުލާން ބާތިލް ކުރުމަކީ ނުބައި މެސެޖެއް ކަމަށް ވެސް ޝިފާޒް ވަނީ ވިދާޅުވެފަ އެވެ.

ޝިފާގަކީ މީގެކުރިން މަޖިލިސް މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އޭރު ވެސް އެ ބޭފުޅާގެ ހިޔާލު ތަފާތުވެ ސިޔާސީ ޕާޓީ އެތައް ފަހަރަކު ބަދަލުކުރައްވާފައިވެ އެވެ. އެގޮތުން އެމްޑީޕީގައި ހުންނެވުމަށްފަހު ޕީޕީއެމްއަށް ބަދަލުވެ، ފަހުން އެ ޕާޓީ ދޫކޮށް ޖުމްހޫރީ ޕާޓީއާ ގުޅިފައިވެ އެވެ. އޭގެފަހުން ޖުމްހޫރީ ޕާޓީއާ ހިޔާލު ތަފާތުވެ ޕީޕީއެމްއާ އަލުން ގުޅުނެވެ. އެޗްއާރްސީއެމްގެ މެންބަރު ކަމަށް ޝިފާގު އައްޔަން ކުރެއްވީ ޕީޕީއެމްއާ އަލުން ގުޅުނުތާ ގިނަ ދުވަސްތަކެއް ނުވަނީހެވެ.