އެފްއޭއެމްއިން ރާވާ ހިންގާ މުބާރާތްތަކުގައި ފުލުހުންނާއި ސިފައިންނަށް ވާދަ ކުރުމުގެ ފުރުސަތު ދިނުމަށް އެފްއޭއެމްގެ އެގްޒެކެޓީވް ކޮމިޓީން ނިންމައިފި އެވެ.
މީޑިއާތަކަށް އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) ފޮނުއްވާފައިވާ މެސެޖެއްގައި ވިދާޅުވެފައި ވަނީ، ފުޓްބޯޅައިން ސިފައިންނާއި ފުލުހުންނަށް ފުރުސަތު ދޭން ނިންމީ ފީފާގެ ޓްރާންސްފާ ރެގިއުލޭޝަންގެ އިގްރާރުގައި ޕޮލިސް ކުލަބާއި ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) ސޮއި ކުރުމަށް ޝަރުތު ކުރުމަށްފަހުގައި ކަމަށެވެ.
ޓޮމް ވިދާޅުވީ އެ ރެގިއުލޭޝަންގެ ދަށުން، އެދެޓީމަށް ކުޅޭ ކުޅުންތެރިޔަކަށްވެސް ވިކްޓްރީ ސްޕޯޓްސް ކުލަބަށް ބަދަލު ވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އަނެއް ސަބަބަކަށް ޓޮމް ވިދާޅުވީ އެފްއޭމްގެ އަނެއް މަގްސަދަކީ ގައުމީ ޓީމުތަކަށް ކުޅުންތެރިން ހޯދުން ކަމަށެވެ.
"މިސާލަކަށް އަޝްފާގް (ދަގަނޑޭ) އާ ޖެހިގެން ރާއްޖޭގެ ހުރި އެންމެ މޮޅު ކުޅުންތެރިޔާ ހުރެދާނެ އެއިން މުއައްސަސާއެއްގައިވެސް" ޓޮމް ވިދާޅުވި އެވެ. ޕޮލިސް ކުލަބާއި ޑީއެސްސީ މުބާރާތްތަކުގައި ވާދަ ކުރަން ފެށުމުން "އެކަން ބޮޑެތި ކުލަބުތަކަށް ޗެލެންޖަކަށް ވެދާނެ ނަމަވެސް އެކުލަބު ތަކުގެ މެނޭޖްމެންޓް ހަރުދަނާ ކުރުމަށާއި މާލީ ތަނަވަސްކަން ހޯދުމަށް އެފްއޭއެމްއިން ގޮތް ތަކެއް ރާވަމުން ދޭ"
އޭނާ ވިދާޅުވީ ފުޓްބޯޅައިގެ ފޯރި އިތުރު ކުރެވޭނީ ގިނަ ބަޔަކު ބައިވެރިކޮށްގެން ކަމަށެވެ.
އެފްއޭއެމްއިން ފުލުހުންނަށާއި ސިފައިންނަށް ފުޓްބޯޅައިން ފުރުސަތު ދިނީ މިދިޔަ އަހަރު އޭރު އެފްއޭއެމްގައި އޮތް ނޯމަލައިޒޭޝަން ކޮމިޓީން ނިންމާފައިވާ ނިންމުން ބާތިލު ކުރުމަށްފަހު އެވެ.
ޕޮލިހާއި އެމްއެންޑީއެފްގެ ފިރިހެން ޓީމަށް އެފްއޭއެމްގެ މުބާރަތްތަކުގައި ވާދަ ނުކުރެވޭ ގޮތަށް އޮތް ނަމަވެސް އެފްއޭއެމްގެ އަންހެން ފުޓްބޯޅަ މުބާރަތުގައި އެދެޓީމުން ބައިވެރިވެ އެވެ. އެގޮތުން 2014 ވަނަ އަހަރު އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީވެސް ޑީއެސްސީއެވެ.
އެފްއޭއެމްއިން ދަނީ ސަރުކާރު އަދި އަމިއްލަ އޮފީސް ތަކަށާއި ކުންފުނިތަކަށް އަމާޒުކޮށްގެން ރެކްރިއޭޝަން މުބާރާތެއް ބާއްވަން ތައްޔާރު ވަމުންނެވެ.