ވިކްޓްރީ ސްޕޯޓްސް ކުލަބުގެ މިހާރުގެ ޓާގެޓަކީ، މިއަހަރު ފުރަތަމަ ޑިވިޝަންގައި ދެމިއޮތުން ކަމަށާއި އެއަށްފަހު އަންނަ އަހަރަށް އާ ޕްލޭނެއްގެ ދަށުން މަސައްކަތް ކުރާނެ ކަމަށް ވިކްޓްރީގެ ކޯޗްކަމާ ހަވަލުވި ހަންގޭރީގެ ލާސްލޯ ކިސް ބުނެފިއެވެ.
މިއަދު ސަލްސާ ރޯޔަލްގައި ވިކްޓްރީގެ ކޮންޓްރެކްޓްގައި ސޮއި ކުރުމަށްފަހު މީޑިއާއާ ވާހަކަ ދައްކަމުން ކިސް ބުނީ އޭނާ ކުލަބާ ހަވާލުމުގެ ކުރިން ކުލަބު ރަނގަޅު ހިސާބަކަށް ގެންދިއުމަށް މަސައްކަތް ކުރެވޭނެ ގޮތަކާއި ބެހޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.
"މިހާރު ވިކްޓްރީ އޮތް ހިސާބުން އަންނަ އަހަރު ދިވެހި ލީގްގައި ވާދަ ކުރެވޭނެ ކަމުގެ ޔަގީން ކަމެއް ނެތް. އަހަރެންގެ އެންމެ ބޮޑު ޓާގެޓަކީ ކުލަބު ރަނގަޅު ހިސާބަކަށް ގެންދިއުން،" ކިސް ބުންޏެވެ.
ލީގްގައި މިހާތަނަށް ކުޅުނު ނުވަ މެޗުން ވިކްޓްރީއަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އެ ޓީމު އޮތީ ތާވަލުގެ ހަތް ވަނައިގައި ރެލިގޭޝަން ޒޯންގައެވެ.
ވިކްޓްރީ މިހާރު އޮތް ހާލަތުން އަރައިގަތުމަށް އެޓީމުން ހަފުތާއަކު ހަތް ޕްރެކްޓިސް ސެޝަން ކުރިއަށް ގެންދާނެ ކަމަށް ކިސް ބުންޏެވެ.
ވިކްޓްރީގެ ވަގުތީ ރައީސް އިބްރާހިމް ނަޒީމް ވިދާޅުވީ ވިކްޓްރީ މިއަހަރު ގަދަ ހެއެއްގައި ދެމި އޮވެއްޖެނަމަ އަންނަ އަހަރު ވެސް ކިސްއާއެކު ކުރިއަށް ގެންދިއުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ވިކްޓްރީ މިއަހަރުގެ ސީޒަނަށް ނިކުތީ ގަދަ ހަތަރެއްގެ ތެރޭގައި ހިމެނުމުގެ އަމާޒުގައެވެ. ނަމަވެސް ވިކްޓްރީއަށް ރަނގަޅު ނަތީޖާއެއް ހޯދައި ނުދެވުމުން ވިކްޓްރީގެ ކޯޗުގެ ގޮތުގައި ހުރި އެޓީމުގެ ކުރީގެ މިޑްފީލްޑާ މުހައްމަދު ނަޒީހް ވަނީ މިދިޔަ ހަފުތާގައި އިސްތިއުފާދީފަ
އެވެ.