ރާއްޖެ ކުޅިވަރު

ނިއުގެ ފަރޭ ވިކްޓްރީއަށް ސޮއިކޮށްފި، ރިލޭ ވެސް ސޮއި ކުރަނީ

މި ސީޒަންގައި ނިއުރޭޑިއަންޓުން ފެނުނު ފަރުހާދު އިސްމާއީލް (ފަރޭ) މި ސީޒަންގެ ކުރިއަށް ބައިގައި ވިކްޓްރީއަށް ކުޅެން ސޮއިކޮށްފިއެވެ.

ފަރޭ ވިކްޓްރީގެ ކޮންޓްރެކްޓްގައި ސޮއި ކުރީ މިއަދު ސަލްސާ ރޯޔަލްގައި އެ ޓީމުގެ އާ ކޯޗް ހަންގޭރީގެ ލަސްލޯ ކިސް ތައާރަފް ކުރުމަށް ބޭއްވި ހަފުލާގައެވެ. މިދިޔަ ސީޒަންގައި މާޒިޔާއަށް ކުޅުމަށް ފަހު ފަރޭ ނިއުއަށް ބަދަލުވީ މިސީޒަންގައެވެ.

ވިކްޓްރީއަށް ސޮއި ކުރުމަށްފަހު ފަރޭ ބުނީ، އޭނާ ވިކްޓްރީއާ ގުޅުނީ ފުރަތަމަ އެގާރައިގައި ކުޅެން ބޭނުންވަތީ ކަމަށެވެ. އަދި ވިކްޓްރީގެ ޓާގެޓް ހާސިލު ކުރުމަށް މަސައްކަތް ކުރުމަށް އޭނާއަށް ދެވެން އޮތް މެކްސިމަމް ދޭނެ ކަމަށް ފަރޭ ބުންޏެވެ.

"އަޅުގަނޑު ކުރީގެ ކުލަބު ނިއިރޭޑިއަންޓަށް ޝުކުރު އަދާ ކުރަން އަޅުގަނޑަށް ރިލީސް ދިނީތީ. ނިއުގެ ކޯޗްގެ ވިސްނުން ހުރީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީގެން ކުރިއަށް ގެންދިއުން،" ފަރޭ ބުންޏެވެ.

ފަރޭ މިއަދު ވިކްޓްރީއަށް ސޮއިކޮށްފައިވާއިރު، ވިކްޓްރީން ބުނި ގޮތުގައި، މި ސީޒަންގައި ނިއު އިން ދޫކޮށްލި ރިލުވާން ވަހީދު (ކަކާ ރިލޭ) ވެސް ވިކްޓްރީއަށް ސޮއި ކުރާނެ އެވެ.

ވިކްޓްރީއަށް އަދި ސޮއި ނުކުރި ނަމަވެސް ރިލޭ ވަނީ ވިކްޓްރީން ބޭއްވި ހަފުލާއި ބައިވެރިވެފައެވެ. އަދި މިރޭ ވިކްޓްރީގެ ޕްރެކްޓިހުގައި ބައިވެރިވާނެ ކަމަށްވެސް ރިލޭ ވަނީ ބުނެފައެވެ.

އޭނާ ސޮއި ނުކުރީ ނިއުގެ ރިލީސް ލެޓާ ނުލިބުމުންނެވެ. އޭނާ ބުނީ މިއަދު ރިލީސް ލެޓާ ލިބޭނެ ކަމަށެވެ.