ރިޕޯޓް

އަބުރުގެ ބިލް: އާންމުންގެ އަނގަތައް ވެސް ބަންދުކޮށްލާނެ؟!

  • ސޯޝަލް މީޑިއާގެ ދައްކާ ވާހަކައިންވެސް ދައުވާ ކުރެވޭނެ
  • ހިޔާލުފާޅުކުރުމަށް ބޮޑެތި ހިފެހެއްޓުންތަކެއް
  • ހިޔާލުފާޅު ކުރުމަށް އުސޫލުތަކެއް އަންނަން ޖެހޭ

މިހާރު ރައްޔިތުންގެ މަޖިލީހަށް ވައްދައިގެން އުޅޭ "އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލް"އާ ގުޅިގެން އެތައް ކަންބޮޑުވުންތަކެއް ނޫސްވެރިން ދަނީ ފާހަގަކުރަމުންނެވެ. އެކަމާ ގުޅިގެން އިންތިހާއަށް ކަންބޮޑުވެ ނޫސްވެރިން މަގު މައްޗަށް ވެސް ވަނީ ނިކުމެފަ އެވެ. މި ބިލްގެ ސަބަބުން މީޑިއާއަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވާނެ އެވެ. މީޑިއާއަށް ވަރަށް ބޮޑު ގޮންޖެހުންތައް އެބަ އޮތެވެ.

އެހެނަސް މި ބިލަކީ ހަމައެކަނި މީޑިއާ "ފިއްތާލާނެ" ބިލެއް ނޫނެވެ. މި ބިލްގެ ސަބަބުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިވެގެންދާނެ އެވެ. ބިލްގެ ސަބަބުން މީޑިއާގެ އިތުރުން ދެން އެންމެ ބޮޑު ބިރެއް މި އޮތީ ޝޯސަލް މީޑިއާގައި ހިޔާލުފާޅު ކުރާ ފަރާތްތަކަށެވެ. މި ބިލްގައިވާ ގޮތުން ސޯޝަލް މީޑިއާގައި ލިޔާ އެއްޗަކުން ނުވަތަ ކުރަހާ ކުރެހުމަކުން ވެސް އަބުރުގެ ދައުވާކުރެވިދާނެ އެވެ.

ބިލްގައި އޮތީ ކީކޭ؟

މަޖިލީހަށް ހުށަހަޅާފައިވާ ބިލްގެ 12 ވަނަ މާއްދާގައި އަބުރާބެހެވޭ ފަދަ އެއްޗެއް ޝާއިކުރުމަކީ ކޮބައިކަން ބުނެދީފައިވެ އެވެ. މާއްދާގެ (ހ)ގައި ބުނެފައިވަނީ މިހެނެވެ. މީހެއްގެ އަބުރަށް އަރައިގަނެވޭފަދަ ބަހެއް ނުވަތަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ތަސްވީރެއް ނުވަތަ މަންޒަރެއް ނުވަތަ އަޑެއް އާންމުންނަށް ފެންނަ ގޮތަށް އިވޭނޭ ގޮތަށް ނުވަތަ ކިޔޭނޭ ގޮތަށް ނުވަތަ ވިސްނައިގަނެވޭ ގޮތަށް ނުވަތަ ދޭހަވާ ގޮތަށް އާންމުކުރުމެވެ. (ށ)ގައި ބުނެފައިވަނީ އާންމުންނަށް ފެންނަ ގޮތަށް ނުވަތަ އިހްސާސްކުރެވޭ ގޮތަށް ނުވަތަ ދޭހަވާ ގޮތަށް އެފަދަ އިޝާރާތެއް ނުވަތަ ހަރަކާތެއް ކުރުމަކީ އަބުރާބެހޭ ފަދަ އެއްޗެއް ޝާއިއުކުރުމެވެ.

މީގެއިތުރަށް ޝާއިއުކުރުމުގެ މާނައިގެ ތެރޭގައި އޮންލައިން ނޫސްތަކާއި ބްލޮގް ސްޕޮޓްތަކާއި ވެބްސައިޓުތަކާއި ސޯޝަލް މީޑިއާ ހިމެނޭ ގޮތުން ރަޖިސްޓްރީ ކޮށްފައިވާ ނޫސް މަޖައްލަތަކާއި ރަޖިސްޓްރީ ނުކޮށް ހިންގަމުން އަންނަ ނޫސް މަޖައްލާތަކުގައި ޝާއިއުކުރުމާއި ޓީވީ ނުވަތަ ރޭޑިއޯ މެދުވެރިކޮށް ބްރޯޑްކާސްޓްކުރުން ހިމެނެ އެވެ.

މި ބިލް މިއޮތް ގޮތަށް ފާސްކުރާނެ ކަމަށް ބައެއް މެންބަރުން ފާޅުގައި ވިދާޅުވާ އިރު، ކޮމެޓީގައި ދިރާސާކުރާއިރު ވެސް ސޯޝަލް މީޑިއާ ހިމަނާފައިވާ ހިމެނުން ބަދަލުކުރާނެ ކަމަކަށް ނުބެލެވެ އެވެ. ލުޔެއް ލިބުނަސް ލިބެން އޮތީ މީޑިއާއަށް ކަމަށް ވެދާނެ އެވެ.

މި ބިލްގެ މަގުސަދަކީ އަބުރު ރައްކާތެރިކުރުމެވެ. މީހުންގެ އަބުރަށް އެންމެ ގިނައިން އަރަގަންނަ ޕްލެޓްފޯމަކީ ސޯޝަލް މީޑިއާއެވެ. މީހުންނާ ގުޅޭ ގޮތުން ސާބިތު ނުހިފޭ އެތައް ވާހަކަތަކެއް ސޯޝަލް މީޑިއާގައި ދެކެވެ އެވެ. ބިލަށްފަހު މިކަމަށް ނިމުމެއް އަންނާނެ އެވެ. އެކަންކަން ކުރާ މީހުންނަށް އަދަބު ދެވޭނެ އެވެ. ދައުވާކުރެވޭނެ އެވެ. އަނެއްގޮތަށް ބަލާ ނަމަ ސޯޝަލް މީޑިއާ ބޭނުން ކުރުމުގެ ސުލޫކުތަކެއް ވެސް ކަނޑައެޅިގެން ދާނެ އެވެ.

ސޯޝަލް މީޑިއާގައި ކީއްކުރަން އެއްވެސް ހާލެއްގައި މީހެއްގެ އަބުރަށް އަރަގައިނެވިގެން ނުވާނެ އެވެ. އެއްބަހެވެ. ނަމަވެސް، މި ބިލްގައި މިކަމުގައި ވެސް ކަންބޮޑުވާންޖެހޭ ކަމެއް ހިމެނެ އެވެ. އެއީ، "ވިސްނައިގަނެވޭ ގޮތަށް ނުވަތަ ދޭހަވާ ގޮތަށް" މި އެވެ. މިއީ ވަރަށް ނުރައްކާ ދެ ލަފުޒު ކަމަށް ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.. މީހަކު ބުނާ އެއްޗެއް ކޮންމެ ގޮތަކަށް ވެސް ދޭހަކޮށް އަބުރުގެ ދައުވާ މި ބިލްގެ ސަބަބުން ކުރެވުމުގެ ޖާގަ އޮތް ކަމަށް ގާނޫނީ ވަކީލް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވި ގޮތުގައި، މީހަކު ބުނާ އެއްޗަކުން އެއީ އަބުރަށް އަރަގަތީ ކަމަށް މީހަކަށް ވިސްނިގެން ވެސް ދައުވާ ކުރެވިދާނެ އެވެ. މިއީ ބަހުސްއަކަށްދާ ހިސާބެވެ.

ބިލްގައިވާ ގޮތުންނަމަ ބޮޑު ޖޫރިމަނާއެއް ކުރެވޭނެ އެވެ. ދެން އޮތީ ސާބިތުވުމާ ނުވުމެވެ. ސާބިތުވެއްޖެނަމަ 50،000ރ. އާއި ދެ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ އެވެ. ބައެއް ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި މި އަދަދުތައް މާ ބޮޑެވެ. ރާއްޖޭގެ ދިރިއުޅުމުގެ ހާލަތަށް ބަލާއިރު މިއަދަދުތައް އަސްލުވެސް ބޮޑެވެ.

ކަން މިހެން އޮތުމާއެކު، ސޯޝަލް މީޑިއާގައި އެއްޗެއް ލިޔުމުގެ ކުރިން ނުވަތަ ކާޓޫނެއް ކުރަހާލައި ޕޯސްޓްކޮށްލުމުގެ ކުރިން 100 ފަހަރަށް ވިސްނަން ޖެހޭނެ އެވެ. ލިޔާ ލިޔުމަކުން އެއީ މީހެއްގެ އަބުރަށް އަރައިގަތީ ކަމަށް އެމީހަކަށް ދޭހަވެއްޖެނަމަ ދުވަސް ދިޔައީ އެވެ. ކުރެހުމަކުން އެއީ އަބުރާ ބެހުން ކަމަށް ވިސްނިއްޖެ ނަމަވެސް އެ ހިސާބުން ގޯސްވާނެ އެވެ.

އަބުރުގެ ބިލުން މިހާރަށް ވުރެ ބޮޑަށް، އެތައް ކަމެއް "ފިއްތާލެވޭނެ" އެވެ. ސޯޝަލް މީޑިއާގައި ވެސް ހިޔާލުފާޅު ކުރުން، ފިތިގެންދާއިރު އަމިއްލަ ބްލޮގްތައް ލިޔުމުގައި ވެސް ދެން ކުރިން އޮތް ވަރަށް މިނިވަން ކަމެއް ނޯންނާނެ އެވެ. ހިޔާލުފާޅުކުރުމުގެ މިނިވަންކަން މި ހިފެހެއްޓެނީ ވެސް އަބުރު ރައްކާތެރިކުރުމަށެވެ.

ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވިދާޅުވަނީ ރާއްޖޭގައި ކަންކަން މިހާރު ގޮސްފައިވާ ހިސާބުން އަބުރު ރައްކާތެރި ކުރުމުގެ މުހިންމުކަން ބޮޑު ކަމަށެވެ. ހިޔާލުފާޅު ކުރުން އޮތީ އިމެއް ހައްދެއް އުސޫލެއް ނެތި ހުޅުވާލެވި، ހިޔާލުފާޅު ކުރުން އޮތީ ހައްދުން ނައްޓާފައި ކަމަށް އެބޭފުޅުން ވިދާޅުވެ އެވެ.

"އިސްލާމް ދީނުގައި މި އޮންނަނީ އަބުރު ރައްކާތެރި ކުރުމުގެ ހައްގަކީ އެއީ ޝަރުއީ މައިގަނޑު ފަސް މަގުސަދު ތެރެއިން ހަތަރު ވަނަ މަގުސަދުގެ ގޮތުގައި. އޭގެ މާނައަކީ އިސްލާމީ ދައުލަތެއް ކަމަށްވަންޏާ ވެރިއެއްގެ ވާޖިބެއެއް އެއީ ހުރިހާ ރައްތުންގެ އަބުރު ރައްކާތެރިކުރުން. ނަމަވެސް މިހާތަނަށް ގައުމުގައި ޕްރެކްޓިސް ކުރަމުން އައީ މި ދެންނެވި އިސްލާމީ ދައުލަތެއްގައި މުސްލިމުންގެ އަބުރު ރައްކާތެރިކުރެވޭނެ ގޮތަކަށް އޮތް ނިޒާމެއް ނޫން،" ބިލު ހުށަހެޅުއްވި މެންބަރު ޖައުފަރު ދާއޫދު ވިދާޅުވީ މިހެނެވެ.

ރައީސް އަބްދުﷲ ޔާމީން ވެސް ވިދާޅުވަނީ އަބުރު ބެހޭ މީހުންނަށް އަދަބު ދޭން ޖެހޭ މިންވަރަށް މުޖުތަމައުގެ ކަންކަން ގޮސްފި ކަމަށެވެ. އަނެކާ ހިތްހަމަ ނުޖެހޭ މީހެއްގެ އަބުރު އެކީ ނަގާލުމަކީ ފެޝަނަކަށް ވެފައިވާ ކަމަށް ރައީސް ސިފަކުރެއްވި އެވެ. އެފަދަ ބިލެއް މަޖިލީހަށް ހުށަހަޅަން ޖެހުނީ ވެސް މި ސަބަބުތައް މެދުވެރިވެގެން ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

"އެކަން މިކުރަނީ އުސޫލުަތަކަށް ތަބާވާ ރޫލް ބޭސްޑް ސޮސައިޓީއެއް ގާއިމުކުރަން، ކީއްވެގެންތޯ ވައްކަން ކުރީމަ އަދަބުދީފަ އަބުރު ކަތިލީމަ އަދަބު ނުދޭންވީ އަޅުގަނޑަކަށް ނުވިސްނޭ، މީހެއްގެ އެންމެ ކަރާމަތްތެރި ހައްގަކީ އެމީހެއްގެ އަބުރު، އެއަށް އަރައިގަތީ އަޅުގަނޑުމެންނަށް ހަމަ އެއްވެސް މައްސަލައެއް ނޯވޭ، އެހެންވީމަ އެހެނެއް މި ސަރުކާރެއް ނުވާނެ،" ރައީސް ވިދާޅުވި އެވެ.

ސަރުކާރާ އިދިކޮޅު މެންބަރުން ބޭނުންވަނީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޭގެ އެންމެ ފައްކާ ގޮތުގައި ބޭއްވުމަށެވެ. މިކަން ހަނިކުރާ މި ބިލަށް އިދިކޮޅު މެންބަރުން ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ. އެގޮތުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، މި ބިލް ފާސްވުމުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނެތިގެންދާނެ ކަމަށެވެ. އަދި މި ބިލަކީ ސަރުކާރުން ކަންކަން ފޮރުވުމަށް ފާސްކުރާ ބިލެއް ކަމަށް ވެސް ރޮޒެއިނާ ވަނީ ވިދާޅުވެފަ އެވެ. އެހެން ނަމަވެސް ޕީޕީއެމްގެ ޑެޕިއުޓީ ލީޖީ ލީޑަރު ރިޔާޒު ރަޝީދު ވިދާޅުވަނީ މި ބިލްގެ ސަބަބުން ހިޔާލުފާޅު ކުރުމަށް ތަހުޒީބީ ގޮތްތަކެއް އަންނާނެ ކަމަށެވެ. އަދި މިއީ 21 ވަނަ ގަރުނުގެ މުޖުތަމައަކަށް ކޮންމެހެން މުހިންމު ބިލެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

ކޮންމެ ގޮތެއް ވިޔަސް، މި ބިލް މިހާރު އޮތްގޮތުން ބޮޑު ބަހުސަކަށް މި އޮތީ ހުޅުވިފަ އެވެ. އަދި ކޮންމެ ކަމެއް ވެސް ގާނޫނެއްގެ ތެރެއިން ތަހުޒީބު ކުރެވިދާނެ ކަމަށް ދެކުމުގެ ވިސްނުން ވެސް ހަމަ އެންމެ ރަނގަޅުތޯ ސުވާލު އެކަމުގައި؟ އަބުރުގެ ބިލާ މެދު އެތައް ބައެއްގެ ކަންބޮޑުވުން އެބަ އޮތެވެ. އެ ކަންބޮޑުވުންތަކަކީ ދެއްކޭ ވާހަކަތަކަކަށް ވުރެ، ހަގީގަތުގައި ވެސް ކަންބޮޑުވުންތަކެކެވެ.