ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ފައިނަލްގައި މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަން ޕޮލިސް ކުލަބު ތަށި ދިފާއުކޮށްފި އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓްގައި ކުޅުނު ފައިނަލް މެޗް ޕޮލިސް ކުލަބު ކާމިޔާބު ކުރީ ތިން ސެޓް އެއް ސެޓުންނެވެ.
ފުރަތަމަ ސެޓް ފޯރި ގަދަ ކުޅުމަކަށް ފަހު ކާމިޔާބު ކުރީ މޯލްޑިވިއަން އެވެ. އެ ޓީމުން ސެޓް ކާމިޔާބު ކުރީ 26-24 ން ނެވެ. ދެން ޖެހިގެން އައި ތިން ސެޓްވެސް ކާމިޔާބު ކުރީ ޕޮލިސް ކުލަބެވެ. އެގޮތުން ދެ ވަނަ ސެޓް 25-20 ކާމިޔާބު ކުރިއިރު ވާދަވެރި ކުޅުމަކަށް ފަހު ތިން ވަނަ ސެޓް ކާމިޔާބު ކުރީ 26-24 ން ނެވެ. އަދި ފަހު ސެޓް ކާމިޔާބު ކުރީ 25-18 އިންނެވެ.
ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާއަކީ ޕޮލިސް ކުލަބުގެ ހައްވާ ރާޝިދާ އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް އޭނާ އެވެ.
ނަވާރަ އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ޕޮލިސްގެ އާމިނަތު ރިޔާޝާ އެވެ. އެކާވިސް އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިސްގެ އާމިނަތު އަރީޝާ އެވެ.
މުބާރާތުގެ ފެއާ ޕްލޭ ޓީމަށް ހޮވުނީ މޯލްޑިވިއަންގެ އާމިނަތު އިމްތިނާން އެވެ. ފެއާޕްލޭ ޓީމަކީ ޕޮލިސް ކުލަބެވެ.
މުބާރާތުގެ ޑްރީމް ޓީމް:
- އައިޝަތު މާޖިދާ – މޯލްޑިވިއަން
- ފާތިމަތު ޖޫޒާން ޒަރީރު - ޕޮލިސް ކުލަބު
- ހައްވާ ސަހާ - ޕޮލިސް ކުލަބު
- ލީލާ ހާމިދު - ޕޮލިސް ކުލަބު
- އައިޝަތު ޝައްފަ – މޯލްޑިވިއަން
- ހައްވާ ރާޝިދާ - ޕޮލިސް ކުލަބު
- ޑްރީމް ޓީމްގެ ލިބަރޯ: މުއީނާ ހަސަން – ޕޮލިސް ކުލަބު
- ޑްރީމް ޓީމްގެ ކޯޗް މައުމޫރު މުޙައްމަދު - ޕޮލިސް ކުލަބު
މެޗަށް ފަހު ވާހަކަ ދައްކަމުން ޕޮލިސް ކުލަބުގެ ކޯޗް މައުމޫނު ބުނީ، "ފައިނަލް މެޗަށް ނިކުތީވެސް ފައިނަލަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ ޕްރެކްޓިސް ޝެޝަންތަކަށް ފަހު. މޯލްޑިވިއަން ބަލި ކުރާނެ ހުރިހާ ފޯމިއުލާއަކަށް ޕްރެކްޓިސްތަކުގައި އަހަމިއްޔަތުކަން ދީފައިވާނެ" ކަމަށެވެ.
"މޯލްޑިވިއަންގައި ތިބި ވަކި ވަކި ކުޅުންތެރިންގެ ފެންވަރު ރަނގަޅު ނަމަވެސް ޕޮލިސް ކުލަބު ޓީމެއްގެ ގޮތުގައި ވަރުގަދަ ޕްރެކްޓިސް ތަކުގައި ސަމާލުކަން ދިނީ އަޅުގަނޑުމެން ޑިފެންސްކޮށް އެޓޭކް ކުރުމާއެކު އެޓީމްގެ ޑިފެންސަށް އަމާޒުކޮށް ހަމަލާތައް ފޮނުވަން. އެއީ ކަންނޭގެ މެޗް ކާމިޔާބުވުމުގެ ސަބަބަކީ،" މައުމޫރު ބުންޏެވެ.
މޯލްޑިވިއަންގެ ކޯޗް ސޮފްވާން އަހްމަދު ބުނީ ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހޭ ކަމަށާއި، މެޗް ޕޮލިސް ކުލަބު ކޮޅަށް އެނބުރުމުގައި ރެފްރީންނަށް ހެދުނު މިސްޓޭކްތައް ވެސް ދައުރެއް އަދާ ކުރާ ކަމަށެވެ.
ޕޮލިސް ކުލަބަށް ތަށި ހަވާލުކޮށް ދެއްވީ ރައީސްލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަތިމަތު އިބްރާހިމް އެވެ.