ރާއްޖެ ކުޅިވަރު

ބަލިވީ ރެފްރީންގެ ސަބަބުން: މޯލްޑިވިއަން

މެޗުން ބަލިވީ ރެފްރީންނަށް ތަކުރާރުކޮށް ހެދުނު މިސްޓޭކްތަކުގެ ސަބަބުން ކަމަށާއި ނަމަވެސް ފައިނަލް ކުޅުމަކީ ލިބުނު ކާމިޔާބެއް ކަމަށް ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ ފައިނަލް މެޗްގައި ޕޮލިސް ކުލަބު އަތުން ބަލިވި މޯލްޑިވިއަން އިން ބުނެފި އެވެ.

މެޗަށް ފަހު މީޑިއާއާ ވާހަކަ ދައްކަމުން ކޯޗް ސޮފްވާން އަހްމަދު ބުނީ "މެޗްގައި ރެފްރީންގެ ނިންމުންތަކާ މެދު އެއްގޮތަކަށްވެސް ހިތްހަމައެއް ނުޖެހޭ، ރެފްރީންގެ ފީކަޅާ ނިންމުންތަކުގެ ސަބަބުން މެޗް ޕޮލިސް ކުލަބުގެ ކޮޅަށް އެނބުރިގެން ދިޔަ" ކަމަށެވެ.

"ފެންނާނެ ތިން ވަނަ ސެޓްގައި އަޅުގަނޑުމެން ޓީމަށް ޕޮއިންޓް ލިބިފައި އޮތްވައި އެޓީމުން އެޕީލް ކުރީމަ ރެފްރީ ފުރަތަމަ ނިންމުން ބަދަލެއް ނުކުރި. ނަމަވެސް ދެ ވަނަ ރެފްރީއާ ވާހަކަ ދެއްކާފަ އެ ޕޮއިންޓް އަލުގަނޑުމެން ޓީމުން އުނި ކުރި. ހަގީގަތުގައި ޕޮއިންޓް ލިބުމަށް ފަހު އަލުން ނިންމުން ބަދަލު ކުރެވިގެން ނުވާނެ. އެވަގުތު ވަރަށް ރަނގަޅަށް ކުޅެމުން ދަނިކޮށް ރެފްރީގެ އެ ނިންމުމުގެ ސަބަބުން މުޅި ސެޓް އެނބުރިގެން ދިޔައީ. އެހެން ނޫންނަމަ އެސެޓް ކާމިޔާބުކޮށް ދެން ޖެހިގެން އައި ސެޓް ކާމިޔާބު ކޮށް މެޗް މޮޅުވުމަށް އަޅުގަނޑުމެންނަށް ވަރަށް ފަސޭހަވިސް" ސޮފްވާން ބުންޏެވެ.

އޭނާ ބުނީ ރެފްރީންގެ ގޯސްތަކުގެ ސަބަބުން މެޗްތެރެއަށް އަލުން އައުމަށް ކުޅުންތެރިންނަށް އުނދަގޫވި ކަމަށެވެ.

"ރެފްރީން އައީ އެއްގޮތަކަށްވެސް މެޗަށް ތައްޔާރު ވެގެނެއް ނޫން. ފައިނަލް މެޗަށް ޓީމުތައް އިތުރަށް ތައްޔާރުވާއިރު، ރެފްރީންވެސް އެބަޖެހޭ ފައިނަލް މެޗަށް އިތުރަށް ތައްޔާރުވާން" ސޮފްވާން ބުންޏެވެ.

އޭނަ ބުނީ ފައިނަލް މެޗަކަށް ނެރެންޖެހޭނީ މިއަށްވުރެ ރަނގަޅު ރެފްރީން ކަމަށެވެ.