ރާއްޖެ ކުޅިވަރު

ރިލޭ ވިކްޓަރީ އަށް

ނިއުރޭޑިއަންޓަށް ކުޅުމުގެ ފުރުސަތު ނުދީ ބަހައްޓާފައި ހުރި އިތުބާރު ޑިފެންޑަރު ރިލްވާން ވަހީދު (ކަކާރިލޭ) ވިކްޓަރީ އަށް ސޮއިކޮށްފި އެވެ.

އޭނާ ވަނީ ހަންގޭރީގެ ކޯޗު ލާސްލޯ ކިސްގެ ބެލުމުގެ ދަށުން އިއްޔެ ބޭއްވި ފުރަތަމަ ޕްރެކްޓިހުގައި ބައިވެރިވެފަ އެވެ.

ރިލޭ އޭނާގެ ކުރީގެ ކުލަބު ވިކްޓަރީ އަށް ބަދަލުވީ ނިއުއިން ރިލީޒް ދިނުމުންނެވެ. ނިއުއިން އޭނާ ސަސްޕެންޑްކުރީ މުސާރަ ނުދޭކަމަށްބުނެ ކުޅުންތެރިން ޕްރެކްޓިހަށް ނުކުތުން ހުއްޓާލުމުގައި އޭނާގެ އަތެއްވާ ކަމަށް ބަލައިފަ އެވެ.

ވެލެންސިއާއާއިން ކެރިއަރު ފެށި ރިލޭ ވަނީ ވިކްޓަރީ އާއި ނިއުގެ އިތުރުން މާޒިޔާ އަށް ވެސް ކުޅެފަ އެވެ. އޭނާއާއެކު މި އަހަރު ނިއު އަށް ކުޅުނު ފަރުހާދު އިސްމާއީލް ވަނީ ވިކްޓަރީ އަށް ބަދަލުވެފަ އެވެ.

އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި ވިކްޓަރީ މިވަގުތު އޮތީ ފަސް ޕޮއިންޓާއެކު ހަތް ވަނާގަ އެވެ. ޓީމުގެ އާ ކޯޗު ކިސްގެ އަމާޒަކީ ވިކްޓަރީ ރެލިގޭޒްވިޔަ ނުދިނުމެވެ.