ކޮންމެ މުބާރާތަކަށްވެސް ނިކުންނަނީ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދުމުގެ އަމާޒުގައި ކަމަށް ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޗެމްޕިއަން ޕޮލިސް ކުލަބުގެ ހައްވާ ރާޝިދާ ބުނެފިއެވެ.
މެޗަށް ފަހު 'އަވަސް' އާ ވާހަކަ ދައްކަމުން ރާޝިދާ ބުނީ "ޓީމެއްގެ ގޮތުގައި އަމާޒަކީ މުޅި މުބާރާތް ކާމިޔާބު ކުރުން، އެއަށްފަހު މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދުން" އެއީ އޭނާގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.
އޭނާ ބުނީ މުބާރާތެއްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި ހުރިހާ މެޗެއް އެއްފެންވަރެއްގައި ކުޅުމަކީ ވަރަށް ބުރަ މަސައްކަތެއް" ކަމަށެވެ.
"މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުމުގައި ޓީމުގެ އެހެން ކުޅުންތެރިންގެ ހިތްވަރު ވަރަށް ބޮޑު އަދި ޓީމުގެ ކުޅުންތެރިންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު. އެހެންވެ ފަހު ސެޓްގައި އަކުނިވަޔަށް ދަމައިގެންފައި ހުރިއިރުވެސް މެޗަށް ނިކުތުމަށް ކޯޗުން ވަރަށް ބޮޑު ހިތްވަރެއް ދިން" ހައްވާ ރާޝިދާ ބުންޏެވެ.
ރޭގެ މެޗްގެ ފަހު ސެޓްގައި އޭނާ ކުޅުނީ އަނިޔާގައި ހުރެގެންނެވެ.
ހައްވާ ރާޝިދާއަކީ ދުވަހު ނޫސް ހަވީރުން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ވޮލީ ކުޅުންތެރިޔާއެވެ.