މޭޑޭ

ކީޕަރު ލަބާން ފަސް އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު ބޭއްވި މޭޑޭ މުޒާހަރާގައި ފުލުހަކަށް ހަމަލާދިން ކަމަށް ބުނެ، ހައްޔަރުކޮށް ދައުވާކޮށްފައިވާ ކްލަބު އީގަލްސްގެ ކުރީގެ ގޯލްކީޕަރު އިބްރާހިމް ލަބާން ޝަރީފުގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

އޭނާގެ މައްޗަށް މިއަދު ހުކުމް އިއްވާފައިވަނީ ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށް ސާބިތުވުމުންނެވެ.

ލަބާން ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ މޭ މަހުގެ ތެރޭގަ އެވެ. މި މައްސަލައިގެ އަޑުއެހުންތައް މިދިޔަ ނޮވެމްބަރު މަހު 30 ވަނަ ދުވަހު ވަނީ ނިންމާލާފަ އެވެ. އޭނާގެ މައްޗަށް ހުކުމް ކުރުން ލަސްވުމުން ގިނަ ބަޔަކު ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެ އެވެ.

މި މައްސަލާގައި މިއަދު ކުރިމިނަލް ކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ ގޮތުން މެއި އެއްވަނަ ދުވަހުގެ ރޭ 10:00 އާއި 10:30 އާ ދެމެދުގެ ވަގުތެއްގައި މުޒާހަރާގެ ބައިވެރިން ކޮންޓްރޯލުކުރަމުންދިޔަ ޕޮލިސް ސާޖަންޓު އަބްދުއްރަހްމާން ހުސައިން މަގު މައްޗަށް ވައްޓާލާފައިވާ ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ ޗާންދަނީމަގު އިސްކަންދަރު ސްކޫލް ކައިރީގަ އެވެ. ސާޖަންޓު އަބްދުއްރަހްމާން ހުސައިން މަގުމައްޗަށް ވައްޓާލީ ލަބާން އޭނާގެ ފަޔަށް ޖެހި ޓެކުލްއެއްގައި ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

ލަބާންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް މިއަދު ކޮށްފައިވާއިރު މި މައްސަލާގައި އިތުރު ހަތަރު މީހެއްގެ މައްޗަށް ވެސް ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އެއީ، ލ. ގަން އެއްގަމުގެ ނާސިރާ އަލީ އާއި ގ. ބްލޫވޭވް ފަރުހަތު އަލީ އާއި ގ. ކީމާ އަބްދުﷲ ރަޝީދާއި ގދ. ގައްދޫ ނީލޯފަރުމާގެ އުމަރު ގާހިރުގެ މައްޗަށެވެ.

ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ގޯލްކީޕަރު ލަބާން ހައްޔަރުކުރުމާ ގުޅިގެން ކްލަބް އީގަލްސްއިން ވަނީ އޭނާގެ ކޮންޓުރެކްޓް އުވާލާފަ އެވެ. ލަބާންއަކީ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުން ވިދާލައި، ކްލަބު ވެެލެންސިއާ އަށް ވެސް ކުޅުނު މޮޅު ކުޅުންތެރިއެކެވެ.