ބޭރު ކުޅިވަރު

އާ ސީޒަނަށް މެސީގެ ބޯ 'ހުދު' ކޮށްލައިފި

Jul 25, 2016
1

ބާސެލޯނާ ވިންގާ ލިއޮނަލް މެސީ، އާސީޒަނަށް ބޮލުގެ އިސްތަށި ގަނޑު ކުލަ ހުދު ކޮށްލައިފިއެވެ.

މެސީގެ އިސްތަށިގަނޑު ބްލީޗް ކޮށްފައިވަ ފޮޓޯއެއް އޭނާގެ އަންހެނުން އެންޓޮނިލާ ރިކިޔުޒޯ ވަނީ އިންސްޓަގްރާމްގައި ޝެއާކޮށްފަ އެވެ.

މެސީގެ ކަޅު އިސްތަށިގަނޑު ހުދުކޮށްލައިފައިވާއިރު، މިހާރު މީ ކުޅުންތެރިންގެ މެދުގައި އެންމެ މަގުބޫލު ވަމުން އަންނަ އެއް ކުލައެވެ.

އިނގިރޭސި 'ޑެއިލީ މިރާ' އިން ބުނީ މިފަހަރު ޔޫރޯގައި ވޭލްސް ޓީމުން ފަހަގަ ކުރެވުނު އާރޮން ރަމްސީއާއި މެންޗެސްޓާ ޔުނައިޓަޑް ޑިފެންޑާ ފިލް ޖޯންސްގެ ސްޓައިލް މެސީއަށް ކަމުދިޔުމުން އޭނާ އެ ޓްރެންޑް ކޮޕީ ކުރީ ކަމަށެވެ.

މިހާރު ބަދަލުވަމުންދާ ޓްރެންޑްގައި މަޝްހޫރު ކުޅުންތެރިންގެ ތެރެއިން އެންމެ ފުރަތަމަ ބޯ ހުދު ކުރި ކުޅުންތެރިޔަކީ މެންޗެސްޓަ ސިޓީގެ ސާމިރު ނަސްރީ އެވެ. އޭނާގެ ބޮލުގައި ހުދު ކުލަ ޖެއްސީ މިދިޔަ އަހަރު އެވެ.

ބާސެލޯނާގެ ސީނިއާ ޓީމު ޖޯޒީގައި 2004 ވަނަ އަހަރު ފާހަގަ ކުރެވުނު މެސީގެ ބޮލުގެ އިސްތަށި ގަނޑު އެންމެ ފުރަތަމަ އޮތީ ގަދަ ކަޅު ކުލައިގަ އެވެ. ނަމަވެސް އޭނަގެ ބޮލުގެ އިސްތަށިގަނޑުގެ ސްޓައިލް ދޭތެރެ ދޭތެރެއިން ވަނީ ބަދަލު ގެނެސްފައެވެ.

ކުރިން ޕްލޭން ކުރެވިފައިވާ ވަރަށް ވުރެ އަވަހަށް މެސީ ވަނީ ޕްރީ ސީޒަން ތައްޔާރީތަކުގައި ބައިވެރިވުމަށް އިއްޔެ ޓީމާ ގުޅިފަ އެވެ.