ވިޔަފާރި

ސަރަހައްދީ ގައުމުތަކުގެ އިސްލާމިކް ފައިނޭންސް ފޯރަމްގައި ރާއްޖެ ބައިވެރިވަނީ

ސްރީލަންކާގެ ވެރި ރަށް ކޮލަމްބޯގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ ދެކުނު އޭޝިއާގެ ގައުމުތަކުގެ އިސްލާމިކް ފައިނޭންސާ ބެހޭ ފޯރަމްގެ ޕާޓްނަރަކަށް މޯލްޑިވްސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސް (އެމްސީއައިއެފް) އިން ބައިވެރިވެއްޖެ އެވެ.

ދެކުނު އޭޝިއާގައި ހިމެނޭ އެކި ގައުމުތަކުގެ އިސްލާމިކް ފައިނޭންސް މުއައްސަސާތަކުންނާއި ހިދުމަތްދޭ އަމިއްލަ ފަރާތްތަކުން ވެސް ބައިވެރިވެ ގައުމުތައް ތަމްސީލުކުރާ އެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ވެސް އިސްލާމިކް ފައިނޭންސްގެ ހިދުމަތްދޭ ހުރިހާ އޮފީހަކުން ބައިވެރިވާނެ އެވެ. އެގޮތުން މޯލްޑިވްސް އިސްލާމިކް ބޭންކާއި ސީއެމްޑީއޭ އަދި އަމާނާ ތަކާފުލް އާއި އަޔާދީގެ އިތުރުން އެޗްޑީއެފްސީން ވެސް ބައިވެރިވުމަށް ހަމަޖެހިފައިވެ އެވެ.

އެމްސީއައިއެފް އިން ބުނީ، އިސްލާމިކް ފައިނޭންސްގެ ދާއިރާގައި ސަރަހައްދުގެ އެންމެ ތަޖުރިބާކާރު ފަރާތްތަކުން ބައިވެރިވާ އެ ފޯރަމްގެ ފްލޯ ގައި، ދާއިރާގައި ކުރިއަރަމުން އަންނަ ގައުމެއްގެ ގޮތުގައި ރާއްޖެ ހިމެނޭތީ، ރާއްޖެއާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް އެޖެންޑާ ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ ފޯރަމް ވެގެންދާނީ ރާއްޖެއަށް އިސްލާމިކް ފައިނޭންސް ފުޅާ ދާއިރާއެއްގައި ކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް ކަމަށް ވެސް އެ ސެންޓަރުން ވަނީ ބުނެފަ އެވެ.

މާދަމާއިން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ އެ ފޯރަމްގައި އިންޑިއާ، މެލޭޝިއާ، ސްރީލަންކާ، މޮރިޝަސް، ސިންގަޕޯ، ޔޫއޭއީ އަދި އެމެރިކާ ފަދަ ގައުމުތަކުން ތަޖުރިބާކާރުން ބައިވެރިވާނެ އެވެ.